ސީރިއަސް މައްސަލައެއް; އެމެޖެންސީގައި ދިޔަ އެމްބިޔުލާންސްއަކަށް ހުރަސްއެޅީ ކަންމަތީގައި ޕާކުކޮށްފައިހުރި ސައިކަލްތަކެއް

އެމެޖެންސީކޮށް ބަލިމީހަކު ގޮވައިގެން އައިޖީއެމްއެޗަށް ދިޔަ އެމްބިޔުލާންސްއަށް މަގުގެ ކަންމަތީގައި ޕާކުކޮށްފައިހުރި ސައިކަލް ތަކެއްގެ ސަބަބުން ހުރަސްއެޅުނު މައްސަލައެއް ފެންމަތިވެއްޖެއެވެ.
މި ހާދިސާ ހިނގާފައިވަނީ މިއަދުގެ ހެނދުނުގެ ވަގުތެއްގައެވެ. 
މިކަން ހިނގައިދިޔަ ހާމަކޮށް ޝެއިޚް އަހުމަދު ސަމީރު މީސްމީޑިއާގައި ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، މިއަދު ހެނދުނުގެ ވަގުތެއްގައި ސައިރަން އަޅާފައި ދިޔަ އެމްބިޔުލާންސް އަކަށް، ކަންމަތީ ސައިކަލު ޕާކުކޮށްފައި ހުރުމުގެ ސަަބަބުން ގޯޅިނޭޅިގެން މަޑު ކުރަން ޖެހުނުކަމަށެވެ. 
Advertisement
ޝެއިޚްގެ ޕޯސްޓާއެކު ހާދިސާގެ ވީޑިއޯ ހިއްސާކުރައްވާފައިވާއިރު، ސައިރަން އަޅަމުންދިޔަ އެ އެމްބިޔުލާންސަށް ކުރިއަށް ދެވޭ ގޮތްވީ މީހަކު އެތަނުގައި ޕާކުކޮށްފައިހުރި ސައިކަލުތައް ދުރައްޖައްސައި މަގުން ޖާގަ ހެދުމުންނެވެ. 
އެ ސައިކަލުތައް ޕާކުކޮށްފައި ހުރީ ނުގަވައިދުން ގޯޅި ކަންމަތީގައި، ޑަބަލް ލައިންމަތީގައެވެ. 
ބައެއް މީހުން ކުޑަ ކަމެއް ކަމަށް ހީކޮށް ނުވަތަ ފަސޭހަ އަކަށް ނަމަވެސް، ގޯޅި ގޯޅި ކަންމަތީ ގަޔާއި، ޑަބަލް ލައިން މަތީގައި ސައިކަލު ޕާކުކޮށްފައި ހުންނަތަން ވަރަށް ގިނައިން ފެނެއެވެ. މިކަމުން ނުކުމެދާނެ އާޚިރު ނަތީޖާއަކާމެދު އާއްމުކޮށް ވިސްނާލާ މީހުން މަދެވެ. 
އެގޮތުން، މިއަދު ދިމާވި ހާދިސާއަށް ބަލާލި ނަމަވެސް، އެ އެމްބިޔުލާންސް ތެރޭގައި، ކުއްލި ޙާލަތުގައި އެ ގެންދަނީ ވަރަށް ސީރިއަސް ޙާލަތެއް ދިމާވެ، އަވަސް ފަރުވާއަށް ނުހަނު ބޭނުން ޖެހިފައިވާ މީހަކަށް ވުމީ ވުން ގާތް ކަމެކެވެ. އަދި ސައިކަލު ތަކުގެ ސަބަބުން މަޑުކުރަންޖެހި ބަލި މީހާގެ ފަރުވާ ލަސްވެގެންދާ ކޮންމެ ސުކުންތަކީ އޭނާގެ ޢާއިލާއަށް ލިބިގެންދާނެ ބޮޑު ނުތަނަވަސްކަމެއް ކަން ޔަގީނެވެ. 
މިފަދަ ކަމެއްގެ ހުރި ސީރިއަސްކަން އެންމެ ބޮޑަށް އިޙްސާސް ކުރެވޭނީ، ކުއްލި ޙާލަތެއްގައި އެގެންދަނީ ތިބާ ނުވަތަ ތިބާގެ އަނތްބަކު ނުވަތަ ފިރިޔަކު ނުވަތަ ދަރިޔަކު ނުވަތަ މަޔަކު ނުވަތަ ބަފަޔަކު ނުވަތަ ގާތްތިމާގެ މީހަކު ކަމުގައި ވާނަމައެވެ. އެފަދަ ޙާލަތެއްގައި ތިމާގެ އިޙުސާސްތައް ހުންނާނެ ގޮތް ނިކަން ވިސްނަވާލައްވާށެވެ. 
މިފަދަ ކަންކަމަކީ މީހުންގެ ފުރާނައާއި، އެންމެންގެ ސަލާމަތާއި ރައްކާތެރިކަމާއި ގުޅުންހުރި ކަންކަމެވެ. އެހެންކަމުން މިއީ އާދައިގެން ކަންކަން ކަމުގައި ދެކިގެން ނުވާނެއެވެ.  
ސައިކަލާއި، ކާރާއި އަދި ހަތަރު ފޮރޮޅުލީ އެހެނިހެން އުޅަނދުވެސް ޕާކުރު ކުރުމަށް ޕާކިންގ ޒޯންތައް މާލޭގެ އެކި ސަރަހައްދު ތަކުގައި ހެދިފައިވެއެވެ. އަދި އިތުރު ޕާކިންގ ޒޯންތައް ހެދުމުގެ މަސައްކަތް ސަރުކާރުން ކުރަމުންދާއިރު، ނުގަވައިދުން ޕާކުކުރާ އުޅަނދުތައް ޓޯވ ކުރުމުގެ މަސައްކަތް ފުލުހުންވެސް އަންނަނީ ކުރަމުންނެވެ. 
ނަމަވެސް މިފަދަ މައްސަލަ ހައްލު ކުރެވޭނީ ފަރުދީ ޒިންމާވެސް އަދާކުރެވިގެންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ