ދެ ޙަރަމްފުޅުގެ އިމާމެއް ދިވެހިރާއްޖެއަށް ވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޮޑު ޝަރަފަކާއި އުފަލެއް: ޑރ.ޝަހީމް

ދެ ޙަރަމްފުޅުގެ އިމާމެއް ދިވެހިރާއްޖެއަށް ވަޑައިގެންނެވުމަކީ ރާއްޖެއަށް ލިބޭ ވަރަށް ބޮޑު ޝަރަފަކާއި އުފަލެއްކަމަށް އިސްލާމީކަންތައްތަކާ ބެހޭ ވަޒީރު ޑރ. މުޙައްމަދު ޝަހީމް ޢަލީ ސަޢީދު ވިދާޅުވެއްޖެއެވެ.
ވަޒީރު މިހެން ވިދާޅުވީ، މަސްޖިދުއް ނަބަވީގެ އިމާމު ފަޟީލަތުއްޝައިޚް ޑރ. ޞަލާޙުލް ބުދައިރު މާދަމާ ދިވެހިރާއްޖެއަށް ކުރެއްވުމަށް ހަމަޖެހިފައިވާ ރަސްމީ ދަތުރުފުޅާއި ގުޅޭ މަޢުލޫމާތު މީޑިއާތަކާއި ޙިއްސާ ކުރެއްވުމަށް މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުންނެވެ.
ވަޒީރު ވިދާޅުވީ، މި ދަތުރުފުޅަކީ ދިވެހިރާއްޖޭގެ އިސްލާމީ ޝަޙުސިއްޔަތު ހަރުދަނާ ކުރެއްވުމަށް ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު އިސްނަންގަވައިގެން ކުރައްވަމުން ގެންދަވާ މުހިއްމު މަސައްކަތްތަކުގެ ތެރެއިން އިސްލާމީ އުއްމަތުގެ ފާހަގަކޮށްލެވޭ އިސް ޝަޙުސިއްޔަތުން ރާއްޖެ ގެންނެވުމަށް ކުރެއްވޭ މަސައްކަތްޕުޅުތަކުގެ ފެށުންކަމަށެެވެ. އަދި މި ދައުރުގެ ތެރޭގައި ކުރިއަށް އޮތްތަނުގައި ފާހަގަކޮށްލެވޭ އިތުރު ބޭފުޅުން ގެންނެވުމަށް މަަސައްކަތް ކުރައްވަމުން ގެންދަވާ ކަމަށް ވަޒީރު ވިދާޅުވިއެވެ.
ވަޒީރު އިތުރަށް ވިދާޅުވީ، ޙަރަމްފުޅުގެ އިސް އިމާމެއް ރާއްޖެ ވަޑައިގެންނެވުމުން ހާމަކޮށްދެނީ ދިވެހިރާއްޖެއާއި ސަޢުދީ ޢަރަބިއްޔާއާއި ދެމެދު އޮތް ގާތް ގުޅުންކަމަށާއި، މި ދަތުރުފުޅުގެ ސަބަބުން ދިވެހިރާއްޖޭގެ އިސްލާމީ ކަންތައްތަކަށް އިތުރު ކުރިއެރުންތަކެއް ލިބި ދެ ޤައުމުގެ ގުޅުން އިތުރުވެގެންދާނެކަމަށެވެ.
މީގެ އިތުރުން މި ދަތުރުފުޅުގެ ކަންތައްތަކުގައި ރައީސުލްޖުމުޙޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ފަރާތުން ލިބިލައްވާ އެއްބާރުލެއްވުމަށް ޝުކުރު އަދާ ކުރައްވާކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ