ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް މީގެ ކުރިން ވެސް އެ މަގާމު އަދާކުރި ކޯޗު މުހައްމަދު އާތިފް (އާތީ) ހަމަޖެއްސުމަށް އެފްއޭއެމް އިން ފީފާ އަށް ހުށަހަޅައިފި އެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް ހުރި، މުހައްމަދު ނިޒާމް (ނިޒާމްބެ)ގެ ކޮންޓްރެކްޓް ހަމަވުމުން، އެފްއޭއެމް އިން ވަނީ، އަންހެން ޓީމުގެ ހެޑް ކޯޗުގެ މަގާމަށާއި އިތުރު ބައެއް މަގާމުތަކަށް ކުރިމަތިލުމަށް މިިދިޔަ މާޗް މަހު، ފުރުސަތު ހުޅުވާލައިފަ އެވެ.
އެ މަގާމަށް ކުރިމަތިލި ކޯޗުންގެ ތެރެއިން، ތަޖުރިބާކާރު ކޯޗު، އާތީ ހޮވުމަށް ފަހު، އެފްއޭއެމް އިން ވަނީ ފީފާ އަށް ހުށަހަޅައިފަ އެވެ. މިއީ، އާތީ، ގައުމީ އަންހެން ޓީމަށް އިރުޝާދުދޭ ތިން ވަނަ ފަހަރެވެ.
މީގެ ކުރިން، އޭނާ ހުރިއިރު ގައުމީ އަންހެން ޓީމުން ރަނގަޅު ކުރިއެރުންތަކެއް ހޯދި އެވެ. އެންމެ ފަހުން އާތީ ގައުމީ އަންހެން ޓީމުގައި ހުރީ 2019 ވަނަ އަހަރު އެވެ. އާތީގެ ކޯޗުކަމުގައި އޭޝިއަން ގޭމްސްގައި ގައުމީ އަންހެން ޓީމުން ނަތީޖާތަށް ރަނގަޅުކުރިއިރު، ސިންގަޕޫރުގައި ބޭއްވި ކުއަޑްރަންގިއުލާ މުބާރާތުގެ ތިން ވަނަ ހޯދި އެވެ.
އަންނަ މަހު އޭއެފްސީ ވިމެންސް އޭޝިއަން ކަޕް ކޮލިފައިން މެޗުތައް އޮތުމުން، ރާއްޖެ ޓީމުގެ ތައްޔާރީތައް މިހާރު ވަނީ އާތީގެ އިރުޝާދުގެ ދަށުން ފަށައިފަ އެވެ. އަދި، ފީފާ އިން ރަސްމީކޮށް އާތީގެ މަގާމު އެޕްރޫވްކުރާނެ ކަމުގެ ޔަގީންކަން އެފްއޭއެމް އަށް އެބައޮތެވެ.
ރާއްޖޭގެ މަތީ ފަންތީގައި ފުޓްބޯޅަ ކުޅުނު އާތީ ކޯޗިން ކެރިއަރު ފެށީ 1998 ވަނަ އަހަރު އެވެ. އާތީ ވަނީ އުމުރުފުރާ ގައުމީ ޓީމުތަކާއި ސީނިއާ ގައުމީ ޓީމުތަކުގައި ވެސް ކޯޗިން މަސައްކަތްކޮށްފަ އެވެ.
ފުރަތަމަ ޑިވިޝަނުގައި، އޯލްޔޫތުލިންކްއޭޖް (އޭވައިއެލް)، ކްލަބް ވެލެންސިއާ، ވިކްޓަރީ ސްޕޯޓްސް ކްލަބް، ޔުނައިޓެޑް ވިކްޓަރީ (ޔޫވީ)، ޓީސީ ސްޕޯޓްސް ކްލަބް އަދި ކްލަބް އީގަލްސް އަށް ކޯޗުކޮށްދިން އާތީ ވަނީ މި ސީޒަނުގައި ވިކްޓަރީއާ ގުޅިފަ އެވެ. އެކަމަކު، ސީޒަން ފެށުން ދިގުލައިދިއުމުން، ގައުމީ އަންހެން ޓީމުގެ ކޯޗުކަަމާ ހަވާލުވާން ލިބުނު ފުރުސަތުގެ ބޭނުންހިފީ އެވެ.
ވިމެންސް އޭޝިއަން ކަޕްގެ ކޮލިފައިން ގްރޫޕް އީގައި ރާއްޖޭން ކުޅެން ޖެހޭނީ ވިއެޓްނާމް، ޔުނައިޓެޑް އަރަބް އެމިރޭޓްސް (ޔޫއޭއީ) އަދި، ގުއާމް އެވެ. ކޮލިފައިން މެޗުތައް ކުރިއަށްދާ ހޯސްޓެއްގެ ގޮތުގައި ހިމަނާފައިވަނީ ވިއެޓްނާމް އެވެ. ކޮލިފައިން ފުރަތަމަ މެޗުގައި ޖޫން 29 ވަނަ ދުވަހު ރާއްޖޭން ކުޅޭނީ ވިއެޓްނާމްއާ އެވެ. އަދި، ދެ ވަނަ މެޗުގައި، ޖުލައި ދެ ވަނަ ދުވަހު ގުއާމްއާ ކުޅުމަށް ފަހު، ކޮލިފައިން ފަހު މެޗުގައި، ޔޫއޭއީއާ ބައްދަލުކުރާނީ، ޖުލައި ފަސް ވަނަ ދުވަހު އެވެ.
ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އާތިފް ގައުމީ އަންހެން ފުޓްބޯޅަ ޓީމުގެ ކޯޗަކަށް އާތިފް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ