އަހަރުގެ މިހައިތަނަށް 590،000 ފަތުރުވެރިން، މިދިޔަ ތިން އަހަރަށް ވުރެ އިތުރު
މިދިޔަ ބުދަ ދުވަހުގެ ނިޔަލަށް 590،000 އަށްވުރެ ގިނަ ފަތުރުވެރިން ރާއްޖެއަށް އައިސްފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުން ދައްކައިފިއެވެ. މިދިޔަ ބުރާސްފަތީގައި އެ މިނިސްޓްރީން އާންމުކުރި ތަފާސްހިސާބުން ދައްކާ ގޮތުގައި މި އަހަރުގެ މިހައިތަނަށް ރާއްޖެ އައިސްފާ ފަތުރުވެރިންގެ ޖުމްލަ އަދަދު 593،956އަށް އަރައެވެ. އެ އަދަދު މިދިޔަ ތިން އަހަރުގެ މި މުއްދަތާ އަޅައިބަލާއިރު ވެސް އިތުރުއިރު، އެއީ ހަތަރު އިންސައްތައިގެ ކުރިއެރުމެކެވެ. މި އަހަރުގެ ޖަނަވަރީ އަދި ފެބްރުވަރީގައި ވެސް 214،000 އަށްވުރެ ގިނަ ފަތުރުވެރިން ވަނީ ރާއްޖެ އައިސްފައެވެ. ނިމުނު މާރިޗުގެ 26ވަނަ ދުވަހުގެ ނިޔަލަށް ރާއްޖެ އައިސްފައިވާ ކަމަށް ދައްކަނީ 165،002 ފަތުރުވެރިންނެވެ. އެ އަދަދު ވެސް މިދިޔަ ތިން އަހަރުގެ މާރިޗަށްވުރެ އިތުރެވެ. މިނިސްޓްރީގެ ހިސާބުތަކުން ދައްކާ ގޮތުގައި މި އަހަރު އެވަރެޖުކޮށް ދުވާލެއްގެ މައްޗަށް 6،988 ފަތުރުވެރިން ރާއްޖެ އާދެއެވެ. މި އަހަރުގެ މިހައިތަނަށް ރާއްޖެ އައި ފަތުރުވެރިންގެ ތެރެއިން 69 އިންސައްތަ މީހުން އައިސްފައިވަނީ ރިޒޯޓުތަކަށެވެ. އެއީ ޖުމްލަ 410،024 ފަތުރުވެރިންނެވެ. ދެން އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވަނީ ގެސްޓްހައުސްތަކަށެވެ. ރާއްޖެ އައި ފަތުރުވެރިންގެ 25.5 އިންސައްތައާއެކު ޖުމްލަ 151،293 ފަތުރުވެރިން ރާއްޖެ ގެނެސްފައިވަނީ ގެސްޓްހައުސްތަކުންނެވެ. މީގެ އިތުރުން ހޮޓެލްތަކަށް 17،172 ފަތުރުވެރިން އައިސްފައިވާއިރު، ޓޫރިސްޓު އުޅަނދުތަކަށް 14،936 ފަތުރުވެރިން މި އަހަރުގެ މިހައިތަނަށް ވަނީ އައިސްފައެވެ. މިދިޔަ ތިން އަހަރުގެ ތެރޭގައި ރާއްޖެއަށް އައިސްފައިވާ ފަތުރުވެރިންގެ އަދަދު 2024 - 2،046،615 2023 - 1،878،543 2022 - 1،675،303 ޖުމްލަ 1،189 ތަނަކުން ފަތުރުވެރިންނަށް ޚިދުމަތްދޭއިރު، މުޅި ރާއްޖޭގައި 63،453 ޓޫރިސްޓު ބެޑު އެބަހުއްޓެވެ. އޭގެ ތެރެއިން 98.9 އިންސައްތަ ހުރީ އޮޕަރޭޝަނަލް ކެޕޭސިޓީގައެވެ. ރާއްޖޭގައި 179 ރިޒޯޓެއް ހުރިއިރު، އެ ތަންތަނުން 43،907 ޓޫރިސްޓު ބެޑު ހިއްސާކުރެއެެވެ. ޖުމްލަ 838 ގެސްޓްހައުސް ހުރިއިރު، އެތަންތަނުން ހިއްސާކުރަނީ 14،364 ޓޫރިސްޓު ބެޑެވެ. ހޮޓެލްތަކުން 2،038 ބެޑު ހިއްސާކުރާއިރު، ޓޫރިސްޓު ވެސެލްތަކުން 3،144 ބެޑު ހިއްސާ ކުރެއެވެ. މިނިސްޓްރީން އާންމުކުރި މައުލޫމާތުގައިވާ ގޮތުން ޖުމްލަ 44 އެއާލައިނަކުން ދަނީ ރާއްޖެއަށް ސީދާ ދަތުރުތައް އަޅަމުންނެވެ. ރާއްޖެއަށް އެންމެ ގިނައިން ފަތުރުވެރިން އައިސްފައިވާ ގައުމުތައް ޗައިނާ - 70،797 ފަތުރުވެރިން (11.9 އިންސައްތަ) ރަޝިޔާ - 63،241 ފަތުރުވެރިން - (10.6 އިންސައްތަ) އިނގިރޭސިވިލާތް - 60،872 ފަތުރުވެރިން (10.2 އިންސައްތަ) އިޓަލީ - 55،377 ފަތުރުވެރިން (9.3 އިންސައްތަ) ޖަރުމަނު - 41،958 ފަތުރުވެރިން - (7.1 އިންސައްތަ) ރާއްޖޭގެ ފަތުރުވެރިކަން އިޝްތިހާރުކޮށް، ގިނަ ފަތުރުވެރިން ރާއްޖެ ގެނައުމަށް މޯލްޑިވްސް މާކެޓިން އެންޑް ޕީއާރު ކޯޕަރޭޝަން (އެމްއެމްޕީއާރުސީ)ން ދަނީ މަސައްކަތްތަކެއް ކުރަމުންނެވެ. އެ މަސައްކަތުގެ ތެރެއިން އިނގިރޭސިވިލާތުގެ ފުޓުބޯޅަ ކްލަބް، ލިވަޕޫލާއެކު ވެސް އެ ކުންފުނިން ވަނީ ރާއްޖެ އިޝްތިހާރު ކުރުމުގެ އެއްބަސްވުމެއް ހަދައިފައެވެ. އެ ކުންފުނީގެ އަމާޒަކީ ދުނިޔޭގެ އެކި ކަންކޮޅުތަކުގައި ދަތުރުކުރާ މީހުން އެންމެ އިސްކަންދޭ ގައުމެއްގެ ގޮތުގައި ރާއްޖޭގެ އަގު ވަޒަންކޮށް، ދަތުރުފަތުރުގެ އެންމެ މަތީ އެއް މަންޒިލުގެ ގޮތުގައި ރާއްޖެ ދެމެހެއްޓުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ