އިޓަލީގެ ކޯޗުކަން ގަޓޫސޯ އަށް ހުށަހަޅައިފި އިޓަލީގެ ކޯޗުކަން ގަޓޫސޯ އަށް ހުށަހަޅައިފި

ރޯމް (ޖޫން 12) - ހުސްވެފައިވާ އިޓަލީގެ ގައުމީ ފުޓްބޯޅަ ޓީމުގެ ކޯޗުކަން އެ ޓީމުގެ ކުރީގެ މިޑްފީލްޑަރު، ޖެނާރޯ ގަޓޫސޯ އަށް ހުށަހަޅާފައިވާ ކަމަށް މީޑިއާ ރިޕޯޓްތައް ބުނެފި އެވެ.
އިޓަލީގެ ކޯޗުގެ ވަޒީފާ ހުސްވީ، އެ މަގާމުގައި ހުރި ލޫޝިއާނޯ ސްޕަލެއްޓީ ވަކިކުރަން އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަން، އެފްއައިޖީސީ އިން ނިންމުމުންނެވެ. މީގެ ދެ އަހަރު ކުރިން، 2023 ވަަނަ އަހަރުގެ އޮގަސްޓް މަހު އިޓަލީއާ ހަވާލުވި ސްޕަލެއްޓީގެ ކޯޗުކަމުގައި މި ފަހަރު ވޯލްޑް ކަޕް ކޮލިފައިންގައި، ނޯވޭ އަަތުން އިޓަލީ 3-0 އިން ބަލިވުމުން، ސްޕަލެއްޓީ ވަކިކުރަން ނިންމި އެވެ. އެކަމަކު، ސްޕަލެއްޓީ ވަނީ ކޯޗުކޮށްދިން ފަހު މެޗުގައި، މޮލްޑޯވާ އަތުން އިޓަލީ 2-0 އިން މޮޅުކޮށްދީފަ އެވެ.
ސްޕަލެއްޓީގެ ކޯޗުކަމުގައި އިޓަލީން ކުޅުނު 24 މެޗުގެ ތެެރެއިން 12 މެޗުން މޮޅުވިއިރު، ހަ މެޗުން އެއްވަރު އަދި ހަ މެޗުން ބަލިވި އެވެ. ރޯމާ އާއި އިންޓަ މިލާން އަދި ނަޕޯލީ އަށް ކޯޗުކޮށްދިން ސްޕަލެއްޓީ ވަކިކޮށް، އިޓަލީގެ ފުޓްބޯޅަ ފެޑެރޭޝަނުން ފުރަތަމަ ބެލީ، ރޯމާގެ ކޯޗުކަމުން ވަކިވެ، އެޑްވައިޒަރީ މަގާމަކާ ހަވާލުވި، 73 އަހަރުގެ ކްލައުޑިއޯ ރަނިއޭރީއާ ޓީމު ހަވާލުކުރާށެވެ. އެކަމަކު، ރަނިއޭރީ ވަނީ އޭނާ އަކީ އެ މަގާމަށް އެންމެ އެކަށޭނެ މީހާ ނޫން ކަމަށް ބުނެ، އެ ފުރުސަތު ދޫކޮށްލައިފަ އެވެ.
އޭގެ ފަހުން، އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ، ގަޓޫސޯ އަށް ޕްރޮޕޯސަލެއް ހުށަހަޅައިފަ އެވެ. އިޓަލީ ޓީމަށް 70 އަށް ވުރެ ގިނަ މެޗު ކުޅެދީ، 2006 ވަނަ އަހަރުގެ ފީފާ ވޯލްޑް ކަޕް ކާމިޔާބުކުރި ޓީމުގައި މުހިންމު ރޯލެއް ކުޅުނު ގަޓޫސޯ އެންމެ ފަހުން ހުރީ މިދިޔަ ސީޒަނުގައި، ކްރޮއޭޝިއާގެ ކްލަބް، ހަޑްޖުކް ސްޕްލިޓްގެ ކޯޗަކަށެވެ. މިދިޔަ ސީޒަނަށް ފަހު، އެ ޓީމު ދޫކޮށްލީ އެވެ.
އޭސީ މިލާން، ވެލެންސިއާ، ނަޕޯލީ އަދި މާސޭ އަށް ކޯޗުކޮށްދިން، ގަޓޫސޯ އަށް އިޓަލީން ދިނީ، އަންނަ އަހަރުގެ ވޯލްޑް ކަޕަށް އިޓަލީ ކޮލިފައިކޮށްދިނުމާ އެކު، އެ މުުބާރާތުގެ ނިޔަލަށް އޮތް ކޮންޓްރެކްޓެކެވެ. އަދި، މި ޕްރޮޕޯސަލާ މެދު، ގަޓޫސޯ އަންނަނީ ވަރަށް ބޮޑަށް ވިސްނަަމުންނެވެ.
އަދި، ގަޓޫސޯ ބޭނުންވާ ކޯޗިން ޓީމެއް އެކުލަވާލުމުގެ ފުރުސަތު ދޭން ވެސް އިޓަލީ ފުޓްބޯޅަ ފެޑެރޭޝަނުން ވަނީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ