ރޯދަ ހަދިޔާގެ ގޮތުގައި ސަރުކާރުން ދޭ މަސްދަޅު ކޭސް އަންގާރަދުވަހުން ފެށިގެން ދޫކުރާނީ މިފްކޯގެ ފިހާރަތަކުން

މާލެ، 9 މާރޗް 2024 (ދިވެހި ނިއުސް) - ރަމަޟާން މަހަށް ސަރުކާރުން ދެއްވާ ރޯދަ ހަދިޔާގެ ގޮތުގައި ދޫކުރާ މަސްދަޅު ކޭސް، އަންނަ އަންގާރަ ދުވަހުން ފެށިގެން މިފްކޯގެ ފިހާރަތަކުން ދޫކުރަން ފަށާނެ ކަމަށް ސިޓީތަކާއި އިދާރީ ދާއިރާތައް ހިންގުމާއި ޢާންމު މަސައްކަތްތަކާ ބެހޭ ވަޒީރު އާދަމް ޝަރީފް ޢުމަރު މިއަދު ވިދާޅުވެއްޖެއެވެ. ވަޒީރު ވިދާޅުވި ގޮތުގައި މިހާތަނަށް މާލެ ސަރަޙައްދުގައި 48,000 ގޭބިސީއަށް ރޯދަ ހަދިޔާ ފޯރުކޮށްދެވިފައިވެއެވެ. އަދި މިރޭ (9 މާރޗް) އަދި މާދަމާ ރޭ (10 މާރޗް) ވެސް މިހާރެކޭ އެއްގޮތަށް 13 މަރުކަޒުގައި ރޯދަ ހަދިޔާ ދޫކުރުން ކުރިޔަށްދާނެއެވެ. "ގިނަ ފަރާތްތަކަކަށް ރޯދަ ހަދިޔާ ދޫކުރެވިފައިވުމާއެކު، 11 މާރޗް އަންގާރަ ދުވަހުން ފެށިގެން، ރޯދަ ހަދިޔާ ދޫކުރާނީ މިފްކޯގެ ފިހާރަތަކުން. މާލެ އަދި ހުޅުމާލޭގައި ހުރި މިފްކޯގެ 4 ފިހާރަ ހުޅުވިފައި ހުންނަ ގަޑިތަކުގައި ދޫކުރުން ކުރިޔަށްދާނެ،" ވަޒީރު ވިދާޅުވިއެވެ. ވަޒީރު އިތުރަށް ވިދާޅުވި ގޮތުގައި ރޯދަ ހަދިޔާ ދޫކުރާ މަރުކަޒުތައް ބަދަލުވި ނަމަވެސް، ދޫކުރުން ކުރިޔަށްދާނީ މިހާރެކޭ އެއްގޮތަށް، އޮންލައިން ޓޯކަން ނިޒާމުގެ ތެރެއިންނެވެ. އަދި ބޭނުންވާ ހުރިހާ ފަރާތްތަކަށް ލިބެންދެން މި މަސައްކަތް ކުރިޔަށްދާނެ ކަމަށް ވެސް އެމަނިކުފާނު ވިދާޅުވިއެވެ. ރޯދަ ހަދިޔާގެ ގޮތުގައި ދެވޭ މަސްދަޅު ކޭސް ދޫކުރުމުގެ މަސައްކަތް ކުރިޔަށްދަނީ ރައީސުލްޖުމްހޫރިއްޔާ ޑރ. މުޙައްމަދު މުޢިއްޒުގެ ސަރުކާރުގެ އިރުޝާދުގެ ދަށުންނެވެ. މި އިންތިޒާމުގެ ދަށުން ރާއްޖޭގެ ހުރިހާ ގޭބިސީތަކަކަށް ރޯދަ ހަދިޔާ ލިބޭނެ ކަމަށް ސަރުކާރުން ވަނީ ޔަގީންކަން ދެއްވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ