އިނގިރޭސިވިލާތުން އިސްރާއީލާއެކު ކުރާ ވިޔަފާރީގެ މަޝްވަރާތައް މެދުކަނޑާލައި ސަފީރު ހާޒިރުކުރަނީ

އިސްރާއީލުން ޣައްޒާގައި ހިންގަމުންދާ ލާއިންސާނީ އަސްކަރީ އޮޕަރޭޝަނާ ގުޅިގެން އިނގިރޭސިވިލާތުން އިސްރާއީލާއެކު ކުރާ ވިޔަފާރީގެ މަޝްވަރާތައް މަޑުޖައްސާލައި، އެ ގައުމުގައި ހުންނަ އިސްރާއީލުގެ ސަފީރު ހާޒިރުކޮށްފައިވާ ކަމަށް އިނގިރޭސިވިލާތުގެ ޚާރިޖީ ވުޒާރާއިން މިއަދު އިއުލާންކޮށްފިއެވެ. އެ ވުޒާރާއިން ނެރުނު ބަޔާނެއްގައި ބުނީ އިނގިރޭސިވިލާތާއި އިސްރާއީލާ ދެމެދު ފްރީ ޓްރޭޑް އެގްރީމަންޓް (އެފްޓީއޭ)ގެ މަޝްވަރާތައް މި ވަގުތަށް މަޑުޖައްސާލާފައިވާ ކަމަށެވެ. އަދި ހުޅަނގު އައްސޭރިއާއި ޣައްޒާގައާމެދު އަމަލުކުރަމުންދާ ގޮތުގެ ސަބަބުން މި މަޝްވަރާތައް ކުރިއަށް ގެންދިއުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ޣައްޒާއަށް ދެމުންގެންދާ ހަމަލާތަކާ ގުޅިގެން އިނގިރޭސިވިލާތުގައި ހުންނަ އިސްރާއީލުގެ ސަފީރު ޒިޕޫރާ ހޮޓޯވެލީ ވެސް އިނގިރޭސި ފޮރިން އޮފީހަށް ހާޒިރުކޮށްފައިވާ ކަމަށް ބަޔާނުގައި އިތުރަށް ބުނެފައިވެއެވެ. "ޣައްޒާގައި ހިންގާ އަސްކަރީ ހަރަކާތްތައް އިތުރުވެފައިވާއިރު، އެއީ މި ސަރުކާރުން ދެކޮޅު ކަމެއް ކަމަށާއި ގާތްގަޑަކަށް 11 ހަފުތާ ވަންދެން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން ހުއްޓުވާފައި އޮތުމަކީ އަނިޔާވެރި އަދި އިންސާފުވެރި ކަމެއް ނޫން ކަމަށް މިއަދު އަޅުގަނޑު، ސަފީރު ހޮޓޯވެލީއަށް އަންގާނަން." އިނގިރޭސިވިލާތުން މެދިއިރުމައްޗަށް ކަނޑައަޅާފައި ހުންނަ ވަޒީރު ހަމީސް ފެލްކޮނާ ވިދާޅުވިއެވެ. "އިސްރާއީލުން ބައިނަލްއަގްވާމީ އިންސާނީ ގާނޫނުގެ ދަށުން އަދާކުރަންޖެހޭ ވާޖިބުތަކަށް ތަބާވެ، ޣައްޒާގެ އާބާދީއަށް ރައްކާތެރިކަންދީ އެއްވެސް ހުރަހެއް ނެތި އިންސާނީ އެހީތެރިކަން ފޯރުކޮށްދިނުން ކަށަވަރުކުރަން ޖެހޭނެ." އިނގިރޭސިވިލާތުން އެގޮތަށް ނިންމާފައިވާއިރު، ހަމަލާތައް ހުއްޓާލާއި އެހީގެ ސަމާނު ވައްދަން ހުއްދަ ނުދޭނަމަ، އިސްރާއީލަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު އިނގިރޭސިވިލާތުން އޮތީ ދީފައެވެ. އެ ގައުމުގެ އިތުރުން ކެނެޑާއާއި، ފަރަންސޭސިވިލާތުން ވެސް ވަނީ މިކަމާ ގުޅިގެން އިސްރާއިލާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމުގެ އިންޒާރު ދީފައެވެ. މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން ޣައްޒާއަށް އިންސާނީ އެހީ ފޯރުކޮށްދިނުން އިސްރާއީލުން އޮތީ ހުއްޓުވާފައެވެ. ނަމަވެސް ޣައްޒާއަށް ކިރިޔާ ފުދޭ ވަރަށް ކާނާ ވެއްދުމުގެ ހުއްދަ ދޭނެ ކަމަށް އިއްޔެ ވަނީ ބުނެފައެވެ. އޮކްޓޫބަރު ހަތްވަނަ ދުވަހު އިސްރާއީލުން ދޭންފެށި ހަމަލާތައް އެއްބަސްވުމެއްގެ ދަށުން މިދިޔަ ޖެނުއަރީ މަހު ހުއްޓާލާފައި އޮތުމަށްފަހު، މާޗް މަހު އަނެއްކާވެސް ވަނީ ހަމަލާތައް ދޭން ފަށާފައެވެ. ޣައްޒާގެ ސިއްޚީ ވުޒާރައިން ހޯމަ ދުވަހު ބުނީ މާޗް 18ވަނަ ދުވަހު އިސްރާއީލުން އަލުން ހަމަލާތައް ފެށި ފަހުން ގާތްގަޑަކަށް 3،340 މީހުން ޝަހީދުކޮށްލާފައިވާ ކަމަށާއި ހަނގުރާމައިގައި ޝަހީދުކޮށްލި މީހުންގެ ޖުމްލަ އަދަދު 53،486އަށް އަރާފައިވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ