މޫސުން ގޯސްވެ، މާލެ ސަރަހައްދަށް ބޯކޮށް ވާރޭވެހޭނެތީ ރީނދޫ ސަމާލު ނެރެފި
މޫސުން ގޯސްވެ، ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފިއެވެ. މޫސުމާ ބެހޭ ގައުމީ އިދާރާ، މެޓް އޮފީހުން ކ. އަތޮޅުން ފެށިގެން މ. އަތޮޅާ ހަމައަށް ރީނދޫ ސަމާލު ނެރެފައިވަނީ މިއަދުގެ މެންދުރު 12:45ކުން ފެށިގެން ހަވީރު 16:00އާ ހަމައަށެވެ. އެ ވަގުތުތަކުގައި އެ ހިސާބަށް ބޯކޮށް ވާރޭވެހުމާއެކު ގުގުރާނެ ކަމަށް ވަނީ ލަފާކޮށްފައެވެ. މެޓުން ބުނެފައިވާ ގޮތުގައި މިއަދު ރާއްޖޭގެ އެކި ހިސާބުތަކަށް ވިއްސާރަކުރުމާއެކު ގުގުރާނެއެވެ. އަދި ބައެއް ރަށްތަކަށް ބޯކޮށް ވާރޭވަހުން އެކަށީގެންވެއެވެ. https://x.com/MetMaldives/status/1895375089346191553 ޚާއްސަކޮށް ދެކުނުގެ އަތޮޅުތަކަށް ހުޅަނގުއުތުރާއި އުތުރުން ގަޑިއަކު އަށް މޭލާއި 18 މޭލާ ދެމެދުގެ ބާރުމިނުގައި ވައި ޖެހޭނެއެވެ. އަދި އެހެން ހިސާބުތަކަށް އުތުރާއި އިރުއުތުރުން ގަޑިއަކު 10 މޭލާއި 20 މޭލާ ދެމެދުގެ ބާރުމިނުގައި ވައިޖެހޭނެއެވެ. އަދި ވިލާގަނޑުގައި ގަޑިއަކު ގާތްގަނޑަކަށް 35 މޭލަށް ވައި ގަދަވުން އެކަށީގެންވާ ކަމަށް މެޓުން ވަނީ ލަފާކޮށްފައެވެ. މެޓުން ބުނީ ކަނޑުތައް މިއަދު އާދައިގެ ވަރަކަށް ގަދަވެފައި ވިލާގަނޑުގައި ގަދަވާނެ ކަމަށެވެ. https://sun.mv/203108 މެޓުން އާންމުކޮށްފައިވާ ތަފާސްހިސާބުތަކުން ދައްކާ ގޮތުގައި ފާއިތުވީ 24 ގަޑިއިރުތެރޭ އެންމެ ބޯކޮށް ވާރޭވެހުނީ ވ. ރަކީދޫއަށެވެ. އެއީ 118.5 މިލިމީޓަރަށެވެ. ދެވަނައަށް އެންމެ ބޯކޮށް ވާރޭވެހިފައިވަނީ ފ. ނިލަންދޫއަށެވެ. އެއީ 65 މިލިމީޓަރަށެވެ. އިއްޔެ މެޓުން ބުނި ގޮތުގައި ރޯދަމަސް ފެށެން ގާތްވެފައިވާއިރު ކުރިއަށް އޮތް ދެ ދުވަހު ވެސް ފުދޭވަރަކަށް މޫސުން ގޯސްވާނެއެވެ. ކަލަންޑަރުގައި ވާގޮތުން ރޯދަ މަހުގެ ފުރަތަމަ ދުވަހަށްވާނީ ހޮނިހިރު ދުވަހެވެ. އެއީ، މާޗު އެއްވަނަ ދުވަހެވެ. މޫސުން އަލިވާނެ ކަމަށް މެޓުން ލަފާކުރަނީ ހޯމަ ދުވަހަށެވެ. އެއީ، ކަލަންޑަރުގައި ވާގޮތުން ނަމަ ރޯދަ މަހުގެ ތިންވަނަ ދުވަހެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ