ޕީޕީއެމް މަގުމަތި ކުރި ކަމަށް ވިދާޅުވެ ޝިޔާމާއި ގައްސާނަކީ ގައްދާރުންގެ ގޮތުގައި ޔާމީން ސިފަކުރައްވައިފި

ޕީޕީއެމް އުވާލުމުން އޭރު ޕާޓީގެ ނައިބު ރައީސުންގެ ގޮތުގައި ތިއްބެވި ޑިފެންސް މިނިސްޓަރު ގައްސާން މައުމޫނާއި ފިޝަރީޒް މިނިސްޓަރު އަހުމަދު ޝިޔާމަކީ ގައްދާރުންގެ ގޮތުގައި، ޕީޕީއެމްގެ ކުރީގެ ލީޑަރު އަދި ރާއްޖޭގެ ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ސިފަކުރައްވައިފި އެވެ.
ވީކިހިނެއް؟ - ރާއްޖޭގެ ސިޔާސީ މައިދާނުގައި އެންމެ މަގްބޫލު އެއް ޕާޓީއެއްގެ ގޮތުގައި އެތައް އަހަރެއް ވަންދެން އޮތް ޕީޕީއެމް އުވާލައި މިދިޔަ ބުރާސްފަތި ދުވަހު ސިޔާސީ ޕާޓީތަކުގެ ދަފްތަރުން ވަނީ އުނިކޮށްފަ އެވެ. 
އެއީ އެ ޕާޓީ އުވާލުމަށް މިދިޔަ ޑިސެމްބަރު މަހު ކުރީކޮޅު ޕާޓީގެ ސެނެޓުން ނިންމި ނިންމުމާ ގުޅިގެންނެވެ. ސެނެޓުގެ ރިޔާސަތުގައި ގައްސާނާއި ޝިޔާމް ތިއްބެވި އެވެ.
ބުނީ ކީކޭ؟ - ޔާމީން މިހާރު ހިންގަވާ ޕީއެންއެފް ޕާޓީން ރޭ އެ ޕާޓީގެ އޮފީހުގައި ބޭއްވި ޖަލްސާގައި ވާހަކަ ދައްކަވަމުން އެ މަނިކުފާނު ވަނީ ޕީޕީއެމް އުވާލުން އެއީ ޕާޓީގެ އާންމު މެންބަރުން މަގުމަތިކޮށްލުން ގޮތުގައި ސިފަކުރައްވައިފަ އެވެ.
ޕީޕީއެމްގައި އެތައް ދުވަހަކު ހިދުމަތްކުރި ޒުވާނުންގެ ބަދަލުގައި ސަރުކާރުގެ މަގާމުތަކާއި ވަޒީފާތައް ވެސް ލިބުނީ އިދިކޮޅު އެމްޑީޕީގައި ކުރިން ތިބި އެކްޓިވިސްޓުންނާއި ޖުމްހޫރީ ޕާޓީ އާއި އެހެން ޕާޓީތަކުގައި އިސްކޮށް އުޅުނު މީހުންނަށް ކަމަށް ޕީއެންއެފްގެ ޖަލްސާގައި އެކި މީހުން ބުންޏެވެ.
ޕީޕީއެމަށް އެންމެ ބޮޑަށް ގައްދާރުވީ ޔާމީނަށް ބޮޑުބޭބެ ވިދާޅުވާ ގައްސާން އަދި ޝިޔާމް ކަމަށް ޔާމީން ވިދާޅުވި އެވެ.
"ޔަގީނުން ވެސް [ޕީޕީއެމް މަގުމަތިކުރުމުގެ] ޒިންމާ ނަގަން ޖެހޭ ފުރަތަމަ ބޭފުޅަކީ [ރައީސް] މުއިއްޒު. ދެން ގަބޫލުކުރައްވަމާ، [ރައީސް] މުއިއްޒު ނަންގަވާފައި އެންމެ ބޮޑު ގައްދާރުންގެ ގޮތުގައި ތިއްބެވީ ގައްސާން މައުމޫނާއި ޝިޔާމް،" ޔާމީން ވިދާޅުވި އެވެ.
"އެ މީހުން އެ މީހުންގެ ގޮނޑީގެ ބޭނުމުގައި ޕީޕީއެމް އާއި ޕީޕީއެމްގެ ޒުވާނުން މަގުމަތިކޮށްލީ."
ޒުވާނުންގެ ވާހަކަ ދައްކަވަމުން ރައްޔިތުންގެ މަޖިލީހުގައި ތިއްބެވި ޒުވާން މެންބަރުންނަށް ވެސް ޔާމީން ފާޑުވިދާޅުވި އެވެ. އެގޮތުން، ހެންވޭރު އުތުރު ދާއިރާގެ މެންބަރު އަހުމަދު އައިފާނާއި އައްޑޫގެ ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާންގެ ނަން ޔާމީން ވިދާޅުވި އެވެ.
"މެންބަރުން އަމިއްލައަށް ރައްޔިތުންގެ މަޖިލީހުގެ ބާރު ކަނޑުވައިލީ. ރައްޔިތުންގެ ބާރު ކަނޑުވައިލީ. [ރައީސް] މުއިއްޒު މި މީހުންގެ ބޮލަށް ޗިޕު ވެސް ޖަހައިލީ. ކޮންމެ މަހަކު ތަންކޮޅެއް ފައިސާ ވެސް ދީފައި. މަޖިލީހުގެ ބާރުތައް މި ކަހައިލަދިނީ [ރައީސްގެ ގެކޮޅު] ދިމްޔާތަށް،" މަޖިލީހުގެ މެންބަރުންނަށް ގިނަ ތުހުމަތުތައް ކުރައްވަމުން ޔާމީން ވިދާޅުވި އެވެ.
އެ މަނިކުފާނު އިޝާރާތް ކުރެއްވީ ޕާޓީން ކަނޑައިލުމުން ވެސް މަޖިލީހުގެ ގޮނޑި ގެއްލޭ ގޮތަށް ގާނޫނުއާސާސީއަށް ޕީއެންސީގެ މެޖޯރިޓީން ގެނައި ބަދަލަށެވެ.
ފަސް މަންޒަރު - ޕީއެންސީއަކީ ޔާމީނަށް ޕީޕީއެމް ގެއްލިދާނެތީ ބެކްއަޕް ޕާޓީއެއް ގޮތަށް 2019ގައި އުފެއްދި ޕާޓީއެކެވެ. އެއީ ޔާމީންގެ ބޭބެ އަދި ރާއްޖޭގެ ކުރީގެ ރައީސް މައުމޫން އަބްދުއްގައްޔޫމް އެ ޕާޓީން ބޭރުކުރީ ގޯސްކޮށް ކަމާއި ޔާމީން ޕާޓީގެ ރައީސަކަށް ކޮންގްރެސްއިން އިންތިހާބުކުރީ ގޯސްކޮށް ކަމަށް ކަނޑައަޅަން ކޯޓުގައި މައްސަލައެއް އޮތުމުންނެވެ.
ކޯޓު މައްސަލަ ޔާމީނާ އެއްކޮޅަށް ނިމުމުން ޕީޕީއެމް އަދި ޕީއެންސީ ކޯލިޝަނެއް ހެދުމަށް ފަހު ޖޮއިންޓް ސެނެޓަކުން އެއް ޕާޓީއެއް ހިންގާ އުސޫލުން ދެ ޕާޓީ ހިންގި އެވެ. ޔާމީނަށް 2023ގެ ރިޔާސީ އިންތިހާބުގައި ވާދަނުކުރެވޭނެ ކަމަށް ސުޕްރީމް ކޯޓުން ކަނޑައެޅުމުން ޕީއެންސީގެ ރިޔާސީ ކެންޑިޑޭޓުގެ ގޮތުގައި ރައީސް މުއިއްޒު ނުކުމެވަޑައިގަތީ ބެކްއަޕް ކެންޑިޑޭޓެއްގެ ގޮތަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ