އަޅުގަނޑުގެ ކައިވެނި ރޫޅެން މެދުވެރިވި ސަބަބު ބުނެލާނަމެވެ. ފިރިމީހާ މެންދުރުގެއަށް ކާން އައިއިރު މޭޒުމަތީގައި ރިހަ ބޯތަށި ބެހެއްޓިފައި ނެތް ކަމުގެ ކުށަށް ދިން އަދަބުގެ ސަބަބުންނެވެ. މޭޒުމައްޗަށް ރިހަ ނުނެގޭކަން ހަނދާންވީ ފިރިމީހާ ކާން އިށީންތަނާއެވެ. އެއިރުވެސް ހުރީ ދަރިފުޅު އުރައިގެންނެވެ. އުރައިގެން ހުރެވެސް ބާރަށް ގޮސް ބޯތަށްޓަށް ރިހަ އަޅައިގެން ގޮސް މޭޒުމަތީގައި ބެހެއްޓީމެވެ. "ސޮރީ" ބުނެ މާފަށް އެދުމާއިވެސް އެކުގައެވެ.
ބަހައްޓާފައި އެނބުރި ނުލެވެނީސް ރިހަބޯތަށި ޖެހީ އަޅުގަނޑުގެ މޫނަށެވެ. ދަރިފުޅުގެ ލޮލަށްވެސް ބުރިއެވެ. އެއީ ކުޅި އެއްޗަކަށްވާތީ ޖެހުނީ އަވަހަށް ދަރިފުޅު ގޮވައިގެން ހޮސްޕިޓަލަށްދާށެވެ. ފިރިމީހާވެސް ކެއުން ހުއްތާލާފައި އަޅުގަނޑުމެންނާއިއެކު ހޮސްޕިޓަލަށް ދިއައެވެ.
ހޮސްޕިޓަލުން ފަރުވާ ހޯދައިގެން އަޅުގަނޑު ދިއައީ ދަރިފުޅު ގޮވައިގެން އަޅުގަނޑުގެ ގެއަށެވެ. ޓެކްސީއަށް ފިރިމީހާ އެރިއަކަ ނުދެމެވެ. އެއިރު އަޅުގަނޑަށް ވެފައި ހުރި ގޮތެއް އަޅުގަނޑަކަށްވެސް ނުއެނގެއެވެ. އެހެންވެ ބުނެވުނެވެ. "ކާރަށް އަރައިފިއްޔާ އެންމެންގެ ކުރިމަތީގައި ފަޟީޙަތްކޮށްލާނަމެވެ." އެހިސާބުން އޭނާ ދުރަށް ޖެހުނީއެވެ.
ގެއަށް ގޮސްފައި ގުޅާފައި ބުނީމެވެ. "އެނބުރި ނުދާނަމެވެ! ދެމައިންގެ އެއްޗެތި ގެނެސްދިނިއްޔާ ރަނގަޅެވެ. ނުދިނަސް މައްސަލައެއް ނެތެވެ." އެއްޗެތި ގެނެސްދިނީ 3 ދުވަސް ފަހުންނެވެ. ދަރިފުޅަސް ބޭނުންވާ ހުރިހާ އެއްޗެއް ގަތްފަހުންނެވެ. އެކަމަކަށް އެއްޗެއް ނުބުނަމެވެ.
ދެން އެބާވަތުގެ ކަމެއް ނުކުރާނެ ކަމަށް ބުނެ އެނބުރި އެގެއަށް ދިއުން އެދި ވަރަށް އާދޭސްކުރިއެވެ. ނަމަވެސް އެއަޑުއަހާނެ ހިތްވަރެއް އަޅުގަނދަކަށް ނުލިބުނެވެ. ހަފްތާއެއް ފަހުން ވަރިވާން ފޯމުލައިފިން ކަމަށް ބުނުމުން ވަރަށް ފަސޭހައިން ވަރިކޮށްދިނެވެ.
ޢިއްދަ ހަމަކޮށް 5 ވަނަ މަހު ވަރަށް ހެޔޮލަފާފިރިއަކު ލިބި ދިރިއުޅެމުން މިއަންނަނީ އޭނާއާއިއެކުގައެވެ. އަމިއްލައަށް މީރުކޮށް ކެއްކުމަކީ މިހާރުގެ ފިރިމީހާގެ ހޮބީއަކަށްވާތީ ބައެއް ފަހަރު ކައްކައިވެސްދެއެވެ. އަޅުގަނޑު ޤަބޫލުކުރަނީ މިހާރަނގަޅު ފިރިއަކު މިލިބުނީ ކުރީގެ ފިރިމިހާއާއިމެދު އަޅުގަނޑަށް ޢަމަލުކުރެވުނީ ރަނގަޅަށް ކަމަށްވާތީ ކަމަށެވެ.
އަޅުގަނޑުގެ ވާހަކަ މިއަދުނޫހާއި ޙިއްޞާމިކުރީ މިބާވަތުގެ ޢަމަލުތައްކުރާ މީހުންނާއިމެދު ސަމާލުވުމަށް ނަޞޭޙަތްތެރިވުމަށެވެ. އަޅުގަނޑު އެދެނީ އެފަދަ ފިރިންނަށް ހޭލުންތެރިކަން ލިބޭނެ ނަޞީޙަތުގެ ބަސްކޮޅަކަށެވެ.
- މިއަދުނޫހުގެ ކިޔުންތެރިއެއް
ކިޔުންތެރިޔާ ތިއަ ފާހަގަކުރެއްވީ މަދުން ނަމަވެސް ކުރިމަތިވާތީ ޝަކުވާ އަބަދުވެސް ލިބެމުން އަންނަ ކަމެއްގެ ވާހަކައެވެ. ތިއަފަދަ ފިރިން މިޒަމާނުގައި ވަރަށް މަދެވެ. އެއީ މިޒަމާނާއި ގުޅޭ ގޮތެއްވެސް ނޫނެވެ. ނަމަވެސް އެބާވަތުގެ މީހުންވެސް އުޅޭނެތާއެވެ. ތިރީގައިވާ ލިޔުމުން ފައިދާކުރާނެ ކަމަށް އުންމީދުކުރަމެވެ!
ކެއުމުގެ ވަގުތުތައް ޖެހޭއިރު ނުވަތަ އޮފީސް ނިންމާފައި ގެއަށްދާއިރު ކާންހަދާފައި މޭޒުމަތީގައި ނެތުމުން ރުޅިގަދަވުން މިއަދު ބެލެވެނީ ވަރަށް ނާތަހުޒީބު ޢަމަލެއްގެ ގޮތުގައެވެ. ވަރަށް ދަށުދަރަޖައިގެ ސިފައެއް ކަމެވެ. ސަބަބަކީ ހަމަ ތަށިނަގައިގެން އަމިއްލައަށް ބޭނުންވަރަކަށް އަޅާލައިގެން އިށީނދެ ކައިލުމަކީ ވަރަށް ފަސޭހައިން ކުރެވޭނެކަމެކެވެ!
"ކަނބުލޯ ގަރުދިޔަފޮދެއް ގެނެސްދީބަލަ" ގޮވައި އުޅެން ޖެހުނީ ބަދިގެ ގެއާއި މާދުރުގައި ހުރެފައި ގޭބޮޑުއަށިމަތީގައި ކައި އުޅުނު ދުވަސްވަރުގައެވެ. މިޒަމާނުގައި ކެއްކި ތެލި އެހުންނަނީ ކާމޭޒާއިޖެހިގެންނެވެ. ވީމާ ގަރުދިޔަ ހުސްވިނަމަވެސް ވަކި މީހަކަށް ގޮވާކަށް ނުޖެހޭނެއެވެ.
މިއަދު ވިސްނާލަންވީ މިއަދުގެ ޙާލަތަށެވެ. އަމަލުކުރަން މަސައްކަތްކުރަންވީ މިއަދުގެ ޙާލަތާއި ގުޅޭގޮތުންނެވެ. އެކަމަށް ވިސްނާއިރު ކާން ނުހެދެން މެދުވެރިވާ 2 ޙާލަތެއްވެއެވެ. އެއިގެ ތެރެއިން އެއް ޙާލަތަކީ ނުވަތަ އެންމެ ޢާންމު ޙާލަތަކީ ފިރިމީހާއަށް ޓަކައި އަނބިމީހާ ކާންހަދައިދީ ޚިދުމަތްކުރަން ބޭނުްނވިނަމަވެސް ގޭތެރޭގެ ކަންކަން ބުރަވުމުން އަނބިމީހާއަށް އެކަންކޮށްނުދެވޭނެގޮތް މެދުވެރިވުމެވެ.
އެޙާލަތުގައި ފުރަތަމަވެސް ވިސްނައިލާށެވެ!
އަނބިމީހާއަށް އެހައި ބުރައެވީ އަހަރެންގެ އެހީތެރިކަމާއިއެކު އަނބިމީހާ ކުރަންޖެހޭ މަސައްކަތްތައް އަހަރެންގެ އެހީތެރިކަމާނުލައި ކުރާތީ އެވެ. އަނބިމީހާ ހާދަ ރަނގަޅެވެ. އެއްވެސް ޝަކުވާއެއްވެސް ނުކުރެއެވެ.
ދެން ވިސްނައިލާށެވެ! ރޯދަ މަހު އަހަރެމެން ރޯދަވީއްލަނީ 14 ވަރަކަށް ގަޑިއިރު ނުކައި ތިބުމަށްފަހުގައެވެ. މިއަދު އަހަރެމެންނަށް ދާދިމަދު މިނިޓުކޮޅަކު ކެތްނުކުރެވިގެން ރުޅިއަންނަން ހެޔޮވެދާނެހެއްޔެވެ؟ ރޯދަހިފަން އަންގަވާފައިވަނީ ވެސް ހަމަ އަނބިންނަށް ހެޔޮކޮށްކޮށްހިތައި މެދުވެރިވާ ކަންކަމުގައި ކެތްތެރިވާން އަންގަވާފައިވާ ﷲ ތަޢާލާ އެވެ.
ވީމާ ﷲ ތަޢާލާގެ އަމުރުފުޅުތަކާއިމެދު އެއްވިސްނުމަކުން ވިސްނައިފިނަމަ މިފަދަ ހުރިހާ މައްސަލަތަކެއްވެސް ހައްލުކުރެވިގެންދާނެއެވެ.
ދެން ބުނަން އޮތީ އަދަބުދޭންޖެހޭ އަނބިންގެވާހަކައެވެ. ފިލްމާއި ސީރީޒްތައް ބަލައި ފޯނުން ގޭމްކުޅެން ވަގުތު ހޭދަކުރަންހަދައިގެން ފިރިމީހާއަށް ކަންކަން ކޮށްދޭންޖެހޭ ވަގުތުގައި ކޮށްނުދެވޭ އަންހެނުންގެ ވާހަކައެވެ. އެފަދަ އަނބިންނަށް ވިސްނައިދިނުމުންވެސް ކަންކަން އިޞްލާޙްނުކުރާނަމަ އަޅަންޖެހޭ ފިޔަވަޅެއް ނާޅަންވީ އެއްވެސް ސަބަބެއް ނެތެވެ!
- އިސްލާމީ ތިލަފަތުގެ ދަރުސަކުން
ކާން އިށީންއިރު މޭޒުމައްޗަށް ރިހަ ނެގިފަ ނެތީމަ ރިހަ ބޯތަށި ގެންގޮސް ބެހެއްޓުމުން ތުއްތު ދަރިފުޅުގެ މޫނަށާއެކު ރިހަ ޖެހި ފިރިއެއްގެ ވާހަކަ-
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ