ދިގު ދަތުރެއް ކުރުމަށްފަހު ރާއްޖެއައި ކްރޫޒްލައިނާ އަކުން 2800 އަށްވުރެ ގިނަ ފަތުރުވެރިންނަށް ކްލިއަރެންސް ދީފި

ދިގު ދަތުރެއް ކުރުމަށްފަހު ރާއްޖެއައި ކްރޫޒްލައިނާ އަކުން 2800 އަށްވުރެ ގިނަ ފަތުރުވެރިން އިމިގްރޭޝަނުން ކްލިއަރެންސް ދީފިއެވެ.
އިމިގްރޭޝަނުން ބުނީ މި ކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ މިދިޔަ މަހުގެ 27 ގައި ދަތުރު ފަށައިގެން މި މަހުގެ 3 ވަނަ ދުވަހު ކަމަށެވެ. އެމްއެސްސީ މެގްނިފިކާ ނަމަކަށް ކިޔުނު މި ކޫރުޒްލައިނާ އިން ދަތުރުކުރި 2،818 ފަތުރުވެރިންނަށް އިމިގްރޭޝަނުން ވަނީ ކްލިއަރެންސް ދީފައެވެ. މީގެތެރޭގައި ހިމެނެނީ 1866 ފަސިންޖަރުންނާއި 952 ކްރޫއިންނެވެ.
އިމިގްރޭޝަނުން ބުނީ މި ކްރޫޒްލައިނާ ރާއްޖެ އައިސްފައިވަނީ ޕެސިފިކް ކަނޑު ހުރަސްކޮށް ކަމަށާއި، މިއީ އެ އިދާރާއިން މިހާތަނަށް ކްލިއަރެންސް ދިން އެންމެ ދިގު ސީޕޯޓު ދަތުރު ކަމަށެވެ.
ފާހަގަކޮށްލެވޭ ގޮތުގައި މިއަހަރުގެ މިހާތަނަށް ރާއްޖެއަށް ޒިޔާރަތްކުރި ފަތުރުވެރިންގެ އަދަދު 6 ލައްކައިން މައްޗަށް އަރާފައިވާ ކަމަށް ޓޫރިޒަމް މިނިސްޓްރީގެ ތަފާސްހިސާބުތަކުން ހާމަވެއެވެ.
އެގޮތުން މިހާތަނަށް އެންމެ ގިނަ ފަތުރުވެރިން ރާއްޖެއަށް ޒިޔާރާތް ކޮށްފައި ވަނީ ޗައިނާއިންނެވެ. އެގައުމުން 73،997 ފަތުރުވެރިން ރާއްޖެ އައިސްފައިވާ އިރު އެންމެ ގިނަ ފަތުރުވެރިން އައި ލިސްޓުގެ ދެވަނައިގައި އޮތީ 66،933 ފަތުރުވެރިންނާއެކު ރަޝިއާއެވެ. އަދި ޔޫކޭ ވަނީ 65،404 ފަތުރުވެރިންނާ އެކު އެ ލިސްޓުގެ ތިން ވަނައިގައެވެ.
ރާއްޖޭގައި މިވަގުތު އޮޕަރޭޝަނަލް ހާލަތުގައި 62،763 އެނދު ހުރިއިރު އޭގެތެރޭގައި 179 ރިސޯޓުގައި ހުރި 43،907 އެނދު، 853 ހޮޓާ އަދި ގެސްޓްހައުސްގައި 16،402 އެނދު އަދި 157 ސަފާރީ އުޅަނދުފަހަރުގައި ހުރި 3144 އެނދު ހިމެނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ