ސުޕްރީމް ކޯޓުގެ ފަނޑިޔާރުން ޖުޑީޝަލް ސާވިސް ކޮމިޝަނުގައި ތަމްސީލު ކުރައްވާ މެންބަރަކަށް، އެ ކޯޓަށް މި ފަހުން އައްޔަންކުރި ފަނޑިޔާރު ހުސައިން ޝަހީދު އައްޔަންކޮށްފި އެވެ.
ރައީސް އޮފީހުން ބުނީ، މަޖިލީހުން ފާސްކޮށް ނަން ފޮނުވުމުން ރައީސް ޑރ. މުހައްމަދު މުއިއްޒު ޖޭއެސްސީއަށް ޝަހީދު އައްޔަންކުރެއްވީ މިއަދު އެ އޮފީހުގައި ބޭއްވި ރަސްމިއްޔާތެއްގައި ކަމަށެވެ.
މިއަދުގެ ރަސްމިއްޔާތުގައި ޝަހީދަށް ޖޭއެސްސީގެ މެންބަރުކަމުގެ ހުވާ ލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު މުހައްމަދު އިބްރާހިމް އެވެ.
ސުޕްރީމް ކޯޓު ފަނޑިޔާރުންގެ ތެރެއިން ޖޭއެސްސީގެ މެންބަރެއްގެ ގޮތުގައި ކުރިން ހުންނެވީ އިސްތިއުފާ ދެއްވި ފަނޑިޔާރު ހުސްނުއް ސުއޫދު އެވެ.
ހައި ކޯޓުގެ އިސް ފަނޑިޔާރަކަށް ހުންނެވި ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރެއްވީ، ރައީސް މުއިއްޒު އާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ސުޕްރީމް ކޯޓުގެ ފަނޑިޔާރުންނަށް ބިރު ދައްކައި، ނުފޫޒު ފޯރުވާ ކަމަށް ތުހުމަތުކޮށް އެކަމާ އިހުތިޖާޖުކުރުމުގެ ގޮތުން ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވުމުންނެވެ.
ޝަހީދު ސުޕްރީމް ކޯޓުގެ ފަނޑިޔާރަކަށް އައްޔަން ކުރެއްވީ މާޗު 19، ގަ އެވެ. ޝަހީދު ސުޕްރީމް ކޯޓަށް އައްޔަން ކުރަން ފެންނަ ކަމަށް މަޖިލީހުން ފާސް ކުރީ، ވޯޓުގައި ބައިވެރިވި 64 މެންބަރުންގެ އިއްތިފާގުންނެވެ.
ފަނޑިޔާރު ސުއޫދު އިސްތިއުފާ ދެއްވީ އޭނާ ހިމެނޭ ގޮތަށް ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރަކު ސަސްޕެންޑުކޮށް، ސުލޫކީ މައްސަލަތަކެއް ފެންމަތިކޮށް ތަހުގީގު ކުރަން ފެށުމުންނެވެ.
ސުއޫދުގެ އިތުރުން ސަސްޕެންޑު ކުރީ ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު އަޒްމިރާލްދާ ޒާހިރެވެ. އެ ތިން ފަނޑިޔާރުން ވެސް ސަސްޕެންޑު ކުރީ، ސިޔާސީ ޕާޓީތަކަށް މެންބަރުންގެ ގޮނޑި ގެއްލުވައިލެވޭ ގޮތަށް ގާނޫނުއަސާސީއަށް ގެނައި ބަދަލު ބާތިލު ކުރަން ހުށަހެޅި މައްސަލައިގެ ޝަރީއަތް ފެށެން ކުޑަތަންވެފައި އޮއްވައި، ޝަރީއަތަށް ހުރަސްއެޅޭ ގޮތަށެވެ.
ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަންކޮށްފި ސުޕްރީމް ކޯޓުގެ ފަނޑިޔާރު ޝަހީދު ޖޭއެސްސީއަށް އައްޔަންކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ