ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވާ މައްސަލަ ސަރުކާރުގެ އެންމެ އިސްފަރާތްތަކާ ހިއްސާކޮށްފިން: ފަރުހަތު

ކުޅުދުއްފުށީ ގޭބިސީތަކުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވާ މައްސަލަ ކަމާ ގުޅުން ހުރިހާ މުއައްސަސާތަކާ ހިއްސާކުރެވިފައިވާކަމަށް ކުޅުދުއްފުށީ ދެކުނު ދާއިރާގެ މެންބަރު ފަރުހަތު މުހައްމަދު (ފަރޭ) ވިދާޅުވެއްޖެ އެވެ.
ކުޅުދުއްފުށީ ގޭބިސީތަކުގައި މެއިމަހުގެ ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވުމުން ގިނަ ބަޔަކު ޝޯސަލް މީޑީއާގައި އަންނަނީ ކަންބޮޑުވުންފާޅުކޮށް ބިލްތައް ހިއްސާކުރަމުންނެވެ. އެގޮތުން ރާއްޖެއަށް ހޫނު އެންމެ ގަދަ މަސްތަކުގެ ހިމެނޭ މާރޗުމަހާއި އެޕްރީލްމަހުގެ ކަރަންޓް ބިލަށްވުރެ މެއިމަހުގެ ކަރަންޓް ބިލް ދެގުނަވެފައިވާ ސަބަބުން ސާފުކޮށްދިނުމަށް ރައްޔިތުން އަންނަނީ އެދެމުންނެވެ.
ރައްޔިތުންގެ ކަންބޮޑުވުންތަކާއެކު މެންބަރު ފަރުހަތު ކުރެއްވި ޕޯސްޓެއްގައި ވިދާޅުވީ، ކަރަންޓް ބިލް އިންތިހާއަށް ބޮޑުވަމުންދާ މައްސަލައަކީ ވަރަށް ބޮޑު ކަންބޮޑުވުމެއް ކަމަށެވެ.
"ކަރަންޓު ބިލު އިންތިހާއަށް ބޮޑުވަމުންދާ މައްސަލައަކީ އަޅުގަނޑުވެސް ވަރަށް ކަންބޮޑުވާ މައްސަލައެއް. އަދި ރައްޔިތުންގެ ވެސް އެހާމެ ކަންބޮޑުވުން އޮތް މައްސަލައެއްކަން ގަބޫލު ކުރަން." މެންބަރު ވިދާޅުވި އެވެ.
ފަރުހަތު ވިދާޅުވީ ރައްޔިތުންގެ މި ކަންބޮޑުވުން ކަމާބެހޭ މުއައްސަސާތަކާއި އަދި ސަރުކާރުގެ އެންމެ މަތީފަރާތްތަކާވެސް ހިއްސާކޮށްފައިވާ ކަމަށާއި ސަރުކާރުން މިކަމަށް ލުއިގޮތެއް ހޯއްދަވައި ދެއްވާނެކަމަށް ގަބޫލުކުރައްވާކަމުގައިވެސް މެންބަރު ވިދާޅުވި އެވެ.
ކަރަންޓް ބިލް އާދަޔާ ހިލާފަށް ބޮޑުވި މައްސަލާގައި ރައްޔިތުންގެ ބަޔަކު މިއަދު ވަނީ ފެނަކަ އޮފީސް ދޮށަށް އެއްވެ އަޑުއުފުލާފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ