މެޑްރިޑް (މެއި 17) - ގިނަ ކްލަބްތަކެއްގެ ހުށަހެޅުން ލިބިފައިވާ ބޯންމައުތަށް ކުޅޭ ސްޕެއިނުގެ ޒުވާން ޑިފެންޑަރު، ޑީން ހައުސަން، ސްޕެއިނުގެ ގަދަބާރު ރެއާލް މެޑްރިޑަށް ސޮއިކުރަން ނިންމައިފި އެވެ.
މި ސީޒަނުގައި ބޯންމައުތަށް މޮޅު ކުޅުމެއް ދައްކަމުން އަންނަ ހައުސަން، 20، އަށް އިނގިރޭސި ޕްރިމިއާ ލީގާއި އިޓާލިއަން ލީގު އަދި ސްޕެނިޝް ލީގުގެ ގިނަ ކްލަބްތަކެއްގެ އޮފާ ލިބުނެވެ. އެކަމަކު، ރެއާލުން ހައުސަންގެ ކޮންޓްރެކްޓް ގަންނަން ދައްކަން ޖެހޭ ރިލީސް ކްލޯސް، 55 މިލިއަން ޑޮލަރު ދޭން ނިންމުމާ އެކު، ރެއާލުން މި ޑީލް ނިންމަން ވަނީ އެއްބަސްވުމަކަށް އަތުވެފަ އެވެ.
ޔުވެންޓަސް ދޫކޮށް، ހައުސަން، މި ސީޒަން ފެށުމުގެ ކުރިންް، ބޯންމައުތަށް ބަދަލުވީ ޖުމްލަ އެކު، 18 މިލިއަން ޑޮލަރަށް، ހަ އަހަރުގެ ކޮންޓްރެކްޓެއްގަ އެވެ. އެކަމަކު، ބޯންމައުތަށް ކުޅުނު ފުރަތަމަ ސީޒަނަށް ފަހު، އޭނާ މި ވަނީ ދުނިޔޭގެ ފުޓްބޯޅައިގެ ވަރުގަދަ ނަމެއް ކަމަށްވާ ރެއާލަށް ބަދަލުވާން ނިންމައިފަ އެވެ.
ރެއާލުން ދައްކާ ޓްރާންސްފާ ފީގެ ވަކި ޕަސެންޓެއް، ހައުސަންގެ ކުރީގެ ދެ ކްލަބް ކަމަށްވާ ޔުވެންޓަސް އާއި މަލާގާ އަށް ވެސް ލިބޭނެ އެވެ. އެއީ، އޭނާގެ ޓްރާންސްފާ އެގްރީމަންޓް މީގެ ކުރިން ހަދާފައިވާއިރު، އެ ގޮތަށް މާއްދާތަކެއް ހިމަނާފައިވާތީ އެވެ.
ޒަބީ އަލޮންސޯ، ރެއާލްގެ ކޯޗުކަމާ ހަވާލުވާން ނިންމާފައިވާއިރު، އެ ކްލަބުން ހައުސަންގެ އިތުރުން، ލިވަޕޫލްގެ ޓްރެންޓް އަލެކްސަންޑަ އާނޯލްޑްގެ ޑީލް ނިންމާނެ ކަމަށް ރިޕޯޓްތައް ބުނެ އެވެ. އަދި، ރެއާލްގެ ވިސްނުމަކީ، އަންނަ މަހު ފަށާ ފީފާ ކްލަބް ވޯލްޑް ކަޕަށް އަލޮންސޯ އެ ޓީމުގެ ކޯޗަކަށް ހަމަޖައްސާއިރު، ހައުސަން އާއި އާނޯލްޑް ލައްވައި ކުޅެވޭ ގޮތް ހެދުމަށެވެ.
ނެދަލެންޑްސް ގައުމީ ޓީމަށް ކުޅުމުގެ ފުރުސަތު ވެސް އޮތް ހައުސަން، ސްޕެއިނަށް ކުޅެން ނިންމައި، އެ ޓީމަށް ފުރަތަމަ މެޗު ކުޅުނީ މި އަހަރު މާޗް މަހުގަ އެވެ.
ޒުވާން ޑިފެންޑަރު ހައުސަން ގިނަ ކްލަބްތަކަށް ނޫނެކޭ ބުނެ ރެއާލަށް ޒުވާން ޑިފެންޑަރު ހައުސަން ގިނަ ކްލަބްތަކަށް ނޫނެކޭ ބުނެ ރެއާލަށް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ