ރައީސް މުއިއްޒު ދ. އަތޮޅުގެ ރަށްތަކަށް ފުރާވަޑައިގެންފި

ދ. އަތޮޅުގެ ރަށްތަކަށް ކުރައްވާ ދަތުރުފުޅެއްގައި ރައީސް މުހައްމަދު މުއިއްޒު މިއަދު ފުރާވަޑައިގެންފި އެވެ.ރައީސް އޮފީހުން ބުނީ ތިން ދުވަހުގެ މުއްދަތަށް ކުރައްވާ މި ދަތުރުފުޅުގައި ދ. އަތޮޅުގެ ހުރިހާ ކައުންސިލްތަކާއި، އަންހެނުންގެ ތަރައްޤީއަށް މަސައްކަތްކުރާ ކޮމިޓީތަކާއި، އެ ރަށްރަށުގެ ބައެއް މުއައްސަސާތަކުގެ އިސްވެރިންނާ ބައްދަލުކުރުމަށް ހަމަޖެހިފައިވާ ކަމަށެވެ. އަދި މި ދަތުރުފުޅުގައި ރަށްރަށުގެ ތަރައްޤީއަށްޓަކައި ކުރިއަށްގެންދިއުމަށް ނިންމަވާފައިވާ ބައެއް މަޝްރޫޢުތައް ފަށްޓަވައިދެއްވުމާއި، ނިމިފައިވާ ބައެއް މަޝްރޫޢުތައް އިފުތިތާހުކޮށްދެއްވުމަށްވެސް ހަމަޖެހިފައިވެ އެވެ.ރައީސް އޮފީހުން ބުނީ މިއީ އެމަނިކުފާނުގެ ވައުދުފުޅާ އެއްގޮތަށް ރައްޔިތުންގެ ގާތަށް ވަޑައިގެން ހާލަތު ބައްލަވަން ރިޔާސީ ދައުރުގެ ތެރޭގައި މީހުން ދިރިއުޅޭ ކޮންމެ ރަށަކަށް ދެ ފަހަރު ޒިޔާރަތްކުރައްވަން ފެއްޓެވި ސިލްސިލާ ދަތުރުފުޅުގެ ބައެއް ކަމަށެވެ. މި ދަތުރުފުޅުގައި ރައީސްގެ އަރިހުގައި ބައެއް ވަޒީރުންނާއި، ސަރުކާރުގެ ބައެއް ކުންފުނިތަކުގެ ވެރިން ބައިވެރިވެވަޑައިގަންނަވަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ