ކުޑަހުވަދޫގައި އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުން މީހުންނަށް މަޝްރޫއުގެ ތެރެއިން ފުރުސަތު ދޭނަން: ރައީސް

ދ. ކުޑަހުވަދޫގައި ސަރުކާރުން އަޅަން ނިންމާފައިވާ ހައުސިން މަޝްރޫއުގެ ތެރެއިން އެމީހެއްގެ އަމިއްލަ ގޯތީގައި ގެ އަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ދޭނެ ކަމަށް ރައީސް މުހައްމަދު މުއިއްޒު މިރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ރައީސް މިހެން ވިދާޅުވީ ދ. އަތޮޅަށް މިހާރު ކުރައްވަމުން ގެންދަވާ ދަތުރުފުޅުގައި ކުޑަހުވަދުއަށް ވަޑައިގެން ރައްޔިތުންނާ ބައްދަލުކުރައްވަން ބޭއްވި ޖަލްސާގަ އެވެ.
ތަފްސީލް - މި ބައްދަލުވުމުގައި ވާހަކަަފުޅުދައްކަވަމުން ރައީސް ވިދާޅުވީ ކުޑަހުވަދުއަށް މިހާރު އިއުލާންކޮށްފައިވާ 500 ހައުސިން ޔުނިޓް ހިމެނޭ މަޝްރޫއު ކުރިއަށް ގެންދަން އެމަނިކުފާނު ވިސްނަވާފައިވާ ގޮތަކީ އަމިއްލަ ގޯތީގައި ގެދޮރު އަޅަން ބޭނުންވާ މީހުންނަށް އެ ފުރުސަތު ލިބޭ ގޮތަށް ކަމަށެވެ.
"ތިބޭފުޅުންނަށް ލިބިފައި ހުރި ވަރަށް ގިނަ ގޯތި ރަށުގައި މިހުރީ. އެ ގޯތިތަކުގައި ގެދޮރު އެޅުމުގައި އާމްދަނީގެ ދަތިތައް [ރައްޔިތުންނަށް] ހުރުމާ އެކު މި މަޝްރޫއުގެ ތެެރެއިން ތިބޭފުޅުންގެ އަމިއްލަ ގޯތީގައި ތިން ކޮޓަރީގެ ގެއެއް އަޅަން ބޭނުންވާ ފަރާތެއް ވާ ނަމަ މި ހައުސިން މަޝްރޫއުގެ ތެރެއިން ވަކި އަދަދެއް ކަނޑައަޅާނީ ތިބޭފުޅުންގެ އަމިއްލަ ގޯތީގައި ގެއެއް އަޅައިދޭން،" ރައީސް ވިދާޅުވި އެވެ.
އޭގެ އިތުރުން ރައީސް މުއިއްޒު ވިދާޅުވީ:
ހައުސިން މަޝްރޫއުގެ ތެރެއިން ފްލެޓް އަޅާނީ އަމިއްލަ ގޯތީގައި ގެއަޅަން ބޭނުންވާ މީހުން ބެލުމަށް ފަހު އެކަމަށް ވަކި އަދަދެއް ކަނޑައަޅާފައި ބާކީވާ ބައެއް
މިއީ ތިން ކޮޓަރީގެ ފްލެޓް ހިމެނޭ މަޝްރޫއެއް ކަމުން ކޮންމެ މީހަކަށް ވެސް އަޅައިދެވޭނީ ތިން ކޮޓަރީގެ ގެއެއް
އޭރުން އަމިއްލަ ގޯތީގައި ގެއެއް ބިނާވެގެންދާނެ
ތިން ކޮޓަރިއަކީ އެންމެ ފުރަތަމަ ގެއެއް ބޭނުންވާ މީހުންނަށް ރަނގަޅު އަދަދެއް
ފާހަގަކޮށްލެވޭ ކަމެއް - ކުޑަހުވަދުއަކީ އާބަން ސެންޓަރުތަކެއްގެ ގޮތުގައި ތަރައްގީކުރަން މި ސަރުކާރުން ނިންމި ހަތް ރަށުގެ ތެރެއިން އެއް ރަށެވެ. މިދިޔަ ސަރުކާރުގައި ކުޑަހުވަދޫގައި 50 ހައުސިން ޔުނިޓުގެ މަޝްރޫއުއެއް ހިންގަން އޮތީ ނިންމައިފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ