ސުޕްރީމް ކޯޓުގެ ބެންޗު ބަދަލުކުރުމަކީ ނުފޫޒުފޯރުވުމުގެ އަމަލެއް: ޑިމޮކްރެޓްސް

ސުޕްރީމް ކޯޓުގައި ތިއްބަވާ ފަނޑިޔާރުންގެ އަދަދު ހަތަކުން ފަހަކަށް ކުޑަކުރަން ސަރުކާރުގެ ފަރާތުން ރައްޔިތުންގެ މަޖިލީހަށް ހުށަހެޅީ ޝަރުއީ ދާއިރާއަށް ނުފޫޒު ފޯރުވަން ކަމަށް ދަ ޑިމޮކްރެޓްސްއިން މިއަދު ތުހުމަތުކޮށްފިއެވެ.ސުޕްރީމް ކޯޓުގެ ފަނޑިޔާރުންގެ އަދަދު މަދުކުރަން ހޮޅުދޫ ދާއިރާގެ ޕީއެންސީގެ މެމްބަރުން އަބްދުއްސައްތާރު މުހައްމަދު ހުށަހެޅުއްވި އިސްލާހު ކުށްވެރިކޮށް، ޑިމޮކްރެޓްސް އިން ނެރުނު ބަޔާނުގައި ބުނީ އެ ހުށަހެޅުމަކީ ސަރުކާރުން ކޯޓަށާއި ޖުޑިޝަރީ އަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށެވެ.ޑިމޮކްރެޓްސް އިން ބުނީ ސުޕްރީމް ކޯޓް ބަދަލުކުރާނެ ކަމުގެ ތުހުމަތު ސަރުކާރުގެ މައްޗަށް މީގެ ކުރިން ކުރަމުން އައި ނަމަވެސް، ސަރުކާރުން އެކަމަށް އިންކާރު ކުރުމަށް ފަހު، ކުއްލި ގޮތަކަށް ފަނޑިޔާރުންގެ އަދަދު މަދުކުރުމަށް މަޖިލީހަށް ބިލެއް ހުށަހަޅާފައިވުމުން، އެއީ ކޯޓަށް ނުފޫޒު ފޯރުވުމުގެ އަމަލެއް ކަމަށް ބެލުމުގެ ޖާގަ އޮތް ކަމަށެވެ.މިކަން ސަރުކާރުން ކުރުމަށް ނިންމި ވަގުތާ، ގާނޫނުއަސާސީ އަށް ގެނައި އިސްލާހުގެ މައްސަލަ ސުޕްރީމް ކޯޓުގައި ބަލަމުންދާ ވަގުތު ދިމާވެފައިވާކަން އެ ޕާޓީން ފާހަގަކުރި އެވެ."ކޯޓް ޕެކިން'ގެ ޓެކްޓިކަކީ މަތީ ކޯޓްގެ ކޮންޓްރޯލް ނެގުމަށް ގައުމުތަކުގައި އާންމުކޮށް ސަރުކާރުތަކުގެ ސިޔާސީ ބާރުވެރިކަމުގެ ތެރެއިން ކޮށްއުޅޭ ކަމެކެވެ،" އެ ބަޔާނުގައި ޑިމޮކްރެޓްސްއިން ކަންބޮޑުވުން ފާޅުކުރިއެވެ.އެ ޕާޓީން ބުނީ، ދައުލަތުގެ އެއްވެސް ބާރަކުން އަނެއް ބާރަށް އަރައިނުގަނެ، ނާޖާއިޒު ނުފޫޒު ނުފޯރުވާ، ދައުލަތް އޮމާންކަމާ އެކު ޑިމޮކްރެޓިކް ހަމަތަކުގެ މަތިން ހިންގަން ޖާޖަ ދީގެން ނޫނީ ރާއްޖޭގެ ރައްޔިތުންނާއި ޑިމޮކްރެސީއަށް ފައިސާ ނުކުރާނެ ކަމަށެވެ.އެހެންވެ، އެ ޕާޓީން ވަނީ ސުޕްރީމް ކޯޓު ކުޑަކުރުމުގެ މަސައްކަތް ވަގުތުން ހުއްޓާލަން ސަރުކާރަށް ގޮވާލައިފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ