ޝެއިޚް ފަރީދުގެ އާއިލާއަށް ރައީސް ތައުޒިޔާ ވިދާޅުވެއްޖެ

ދީނީ ދަރުސް ދެއްވައި، ދީނާ ގުޅޭ ގޮތުން ހޭލުންތެރިކުރެއްވުމަށް އެކި މަސައްކަތްތައް ކުރެއްވި ޝެއިޚް އިބްރާހީމް ފަރީދު މިއަދު އަވަހާރަވުމާ ގުޅިގެން، އެ އާއިލާއަށް ރައީސް ޑރ. މުހައްމަދު މުއިއްޒު ތައުޒިޔާ ވިދާޅުވެއްޖެއެވެ. "ސަން"އަށް މައުލޫމާތު ލިބިފައިވާ ގޮތުގައި ފަރީދު އަވަހާރަވީ މިއަދު މެލޭޝިއާއަށް ވަޑައިގެން، އެއާޕޯޓުގައި ހުންނަވަނިކޮށެވެ. ފަރީދު އަވަހާރަވުމުގެ ކުރިން އާލާސްފުޅާ އުޅުއްވިކަން މިހާތަނަށް ކަށަަވަރުވެފައިނުވެއެވެ. ތައުޒިޔާ ވިދާޅުވެ، ރައީސް އެކްސްގައި ކުރެއްވި ޕޯސްޓުގައި ވަނީ ޝެއިޚް ފަރީދު އަވަހާރަވި ޚަބަރު އެއްސެވީ ފުން ހިތާމައާ އެކުގައި ކަމަށެވެ. https://sun.mv/207095 ފަރީދަކީ އިސްލާމްދީނުގެ ކަންކަން އޮޅުންފިލުއްވައި ދެއްވައި، ހެޔޮ ކަންކަމަށް ނަސޭހަތް ދެއްވުމުގައި ހުރިހާ ވަގުތެއް ހޭދަކުރައްވަމުން ގެންދެވި ދީނީ އިލްމުވެރިއެއްކަން ރައީސް ފާހަގަ ކުރެއްވިއެވެ. ދީނީ ކަންކަމަށް މަގު ދެއްކެވުމުގައި އޭނާ އަދާކުރެއްވި ހީވާގި އަދި ހިތްވަރުގަދަ ދައުރުގެ ހަނދާންތަކަށް ނިމުމެއް ނެތް ކަމަށް ކަމަށް ރައީސް ވަނީ ވިދާޅުވެފައެވެ. ފަރީދު އިސްލާމް ދީނަށްޓަކައި ކޮށްދެއްވި އިހުސާންތެރި މަސައްކަތްޕުޅުތަކުގެ ދަރުމައާއި ސަވާބު، އެންމެ ހެޔޮ ގޮތުގައި ދެއްވައި، ސުވަރުގޭގެ ދާއިމީ ނިއުމަތުގައި ލަހައްޓަވައި، އާއިލާއަށް ކެތްތެރިކަން މިންވަރު ކުރެއްވުން އެދި ރައީސް ވަނީ ދުއާ ދަންނަވައިފައެވެ. https://x.com/mmuizzu/status/1932100154884317688?s=46&t=xXWWl1GMegXeppP8nS39IQ ފަރީދު، ރާއްޖޭގެ އެކި ރަށްރަށުގައި ދީނީ ދަރުސްތައް ދެއްވާއިރު، އެ ދަރުސްތަކުގައި ގިނަ އަދަދެއްގެ މީހުން ބައިވެރިވެއެވެ. ސޯޝަލް މީޑިއާ މެދުވެރިކޮށް ވެސް ދީނީ މައުލޫމާތު ހިއްސާކުރައްވަމުން ގެންދެވި ފަރީދު މިދިޔަ ބުރާސްފަތި ދުވަހު ވެސް، އަރަފާތު ދުވަހާ ގުޅުވައި ވީޑިއޯއެއް ހިއްސާކުރައްވައިފައިވެއެވެ. މީގެ އިތުރުން، ގިނަ ޕާޓީ އެކުލެވޭ ސިޔާސީ ނިޒާމެއް ރާއްޖެ ގެނައުމަށް ކުރިއަށްގެންދިޔަ އިސްލާހީ މަސައްކަތްތަކުގައި ވެސް އޭނާ ބައިވެރިވެވަޑައިގެންފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ