ސަރުކާރުން އދ.އަށް: ފަނޑިޔާރުން ވަކިކުރީ ޖަވާބުދާރީ ކުރުވަން، ސުޕްރީމް ކޯޓެއް ނުހުއްޓޭ

ސުޕްރީމް ކޯޓުގެ ފަނޑިޔާރުންތަކެއް ވަކިކުރީ ގާނޫނީ އިމުގެ ތެރެއިން ޖަވާބުދާރީ ކުރުވަން ކަމަށާއި، އޭގެ ސަބަބުން ކޯޓު ހުއްޓުމަކަށް ނާންނަ ކަމަށް ސަރުކާރުން ބުނެފިއެވެ. ޖުޑީޝަލް ސާވިސް ކޮމިޝަން (ޖޭއެސްސީ)ން ވަނީ ފެބްރުއަރީ މަހުގެ 26 ވަނަ ދުވަހު ސުޕްރީމް ކޯޓުގެ ތިން ފަނޑިޔާރުން ސަސްޕެންޑުކޮށްފައެވެ. އެއީ ފަނޑިޔާރު އަޒްމިރަލްދާ ޒާހިރާއި ފަނޑިޔާރު މަހާޒް އަލީ ޒާހިރާއި ފަނޑިޔާރު ހުސްނުއްސުއޫދެވެ. އޭގެ ތެރެއިން ސުއޫދު އިސްތިއުފާދެއްވިއިރު، ޖޭއެސްސީން އަޒްމިރަލްދާއާއި މަހާޒްގެ މައްސަލަ ބަލައި ދެ ބޭފުޅުން މަގާމުން ވަކިކުރަން މިދިޔަ މަހުގެ ހަތަރު ވަނަ ދުވަހު ފާސްކުރިއެވެ. އެ މައްސަލަ ރައްޔިތުންގެ މަޖިލީހަށް ފޮނުވުމުން، ޖޭއެސްސީގެ ނިންމުން ރަނގަޅު ކަމަށް ޖުޑިޝަރީ ކޮމިޓީން ނިންމިއެވެ. އަދި މިދިޔަ މަހުގެ 14 ވަނަ ދުވަހު މަޖިލީހުން ވަނީ ދެ ފަނޑިޔާރުން މަގާމުން ވަކިކޮށްފިއެވެ. އެ ތިން ފަނޑިޔާރުން ސަސްޕެންޑުކުރީ ސަރުކާރުގެ މަސްލަހަތު އޮތް ދުސްތޫރީ މައްސަލައެއް ބަލަމުން ދަނިކޮށް ކަމުން، އެއިރުން ފެށިގެން ވެސް ސަރުކާރަށް ދިޔައީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ތުހުމަތުތައް އަމާޒުކުރަމުންނެވެ. އެގޮތުން ކޯޓުގެ މުޅި ބެންޗުން ބަލަމުން ދިޔައީ، މަޖިލިސް މެންބަރުން ޕާޓީން ވަކިކުރުމުންނާއި އަމިއްލައަށް ބަދަލުކުރުމުން ގޮނޑި ގެއްލޭ ގޮތަށް މި ސަރުކާރުގައި ގާނޫނުއަސާސީއަށް ގެނައި އިސްލާހާ ދެކޮޅަށް ހުށަހަޅައިފައި އޮތް މައްސަލައެކެވެ. https://sun.mv/206013 އެ ތިން ފަނޑިޔާރުންނާ ގުޅޭ މައްސަލަތަކެއް އެންޓި ކޮރަޕްޝަން ކޮމިޝަން (އޭސީސީ)އާއި ޖޭއެސްސީން ބަލައިފައިވާއިރު، ތަހުގީގާ ގުޅޭ މައުލޫމާތު ހިއްސާނުކުރުމާއި ޖަވާބުދާރީވާން ފުރުސަތު ނުދިނުމުގެ ޝަކުވާތައް ފަނޑިޔާރުން ކުރެއްވިއެވެ. އަދި އެ މައްސަލަ ބައިނަލްއަގުވާމީ އިދާރާތަކަށް ހުށަހެޅުއްވުމުން، ބޭރުގެ ގާނޫނީ ގިނަ އިދާރާތަކަކުން ކަންބޮޑުވުން ފާޅުކޮށް، ފަނޑިޔާރުންނަށް ޖަވާބުދާރީވާން ފުރުސަތު ދިނުމަށް ގޮވާލިއެވެ. ނަމަވެސް އަޒްމިރަލްދާއާއި މަހާޒް މަގާމުން ވަކިކުރަން މަޖިލީހުން ފާސްކުރީ ޖުޑިޝަރީ ކޮމިޓީން އެ ފުރުސަތު ނުދީއެވެ. އެ މައްސަލައާ ގުޅޭ ގޮތުން ފަނޑިޔާރުންނާއި ވަކީލުންގެ މިނިވަންކަމާ ބެހޭ އދ.ގެ ޚާއްސަ ރެޕެޓުވާ މާގަރެޓް ސެޓާތުވެއިޓް މިދިޔަ އޭޕްރިލް މަހުގެ 17ގައި ނެރުއްވި ބަޔާނެއްގައި ވަނީ، ފަނޑިޔާރުންނަށް އެޅި ފިޔަވަޅުތަކަކީ ދުސްތުރީ މައްސަލަ ބެލުމަށް ހުރަސްއެޅުމަށް އެެޅި ފިޔަވަޅުތަކެއް ކަމަށް ބެލެވޭ ކަމަށް ވިދާޅުވެފައެވެ. އަދި ސަސްޕެންޑުކުރުމާއި ސުލޫކީ މައްސަލަތައް ބެލުމާއި އެހެނިހެން ތަހުގީގުތައް ހިންގައިގެން ފަނޑިޔާރުންނަށް ޕްރެޝަރު ކުރުމަކީ ސުޕްރީމް ކޯޓަށް ނުފޫޒު ފޯރުވުމުގެ ގޮތުގައި ބެލެވޭނެ ކަމަށް ވެސް އޭނާ ވިދާޅުވިއެވެ. https://sun.mv/204919 މީގެ އިތުރުން ޖޭއެސްސީން މައްސަލަ ބެލިއިރު އަޒްމިރަލްދާގެ ވަކީލަށް ވާހަކަ ދައްކަން ފުރުސަތު ނުދިނުމާއި އެ މައްސަލަ ހުޅުވާލައިގެން ކުރިއަށްނުގެންދިޔުމާ މެދު ކަންބޮޑުވާ ކަމަށް ސެޓާތުވެއިޓް ވިދާޅުވެފައިވެއެވެ. އެ ބަޔާނަށް މިދިޔަ މަހުގެ 31ގައި ސަރުކާރުން ފޮނުވި ޖަވާބުގައި ވަނީ ސެޓާތުވެއިޓްއަށް ލިބިފައިވާ ބައެއް މައުލޫމާތުގައި ހަގީގަތާ ޚިލާފު ވާހަކަތަކާއި ތުހުމަތުތައް ހިމެނޭ ކަމަށެވެ. އަދި އޭޕްރިލް 17ގައި އޭނާ ބަޔާން ނެރުއްވީ މައުލޫމާތުގެ ހަގީގަތް ޔަގީން ނުކުރައްވައި، ސަރުކާރުން ވެސް ތުހުމަތުތަކަށް ރަސްމީ ޖަވާބެއް ނުދެވެނީސް ކަމުން، އެއީ ކަންބޮޑުވާ ކަމެއް ކަމަށް ސިޓީގައިވެއެވެ. އެ ސިޓީގައިވަނީ، ތިން ފަނޑިޔާރުން ސަސްޕެންޑުކޮށް، އޭގެ ފަހުން ދެ ފަނޑިޔާރުން މަގާމުން ވަކިކުރީ އިޖުރާތުތައް ފުރިހަމަކޮށް، ގާނޫނު އަސާސީއާއި ބައިނަލްއަގުވާމީ މިންގަނޑުތަކާ އެއްގޮތްވާ ގޮތުގެ މަތިން ކަމަށް ތަކުރާރުކޮށް ބުނެފައެވެ. ރައްޔިތުންގެ މަޖިލީސް: ސަރުކާރު ހިންގާ ޕާޓީގެ ސުޕަމެޖޯރިޓީ އޮންނަ މަޖިލީހުން ދެ ފަނޑިޔާރުން ވަކިކުރީ މިދިޔަ މަހުގެ 14ގައި -- ފޮޓޯ/ މަޖިލީސް "މިކަން ޔަގީންކޮށްފައިވަނީ، ޖުޑިޝަލް ސާވިސް ކޮމިޝަނާއި އެންޓި ކޮރަޕްޝަން ކޮމިޝަނާއި ރައްޔިތުންގެ މަޖިލީހުން ހިއްސާކުރި މައުލޫމާތު ވަރަށް ފުރިހަމައަށް ދިރާސާކުރުމަށްފަހު،" އެ ސިޓީގައިވެއެވެ. އެ ސިޓީގައި ވަކިވަކި ފަނޑިޔާރުންނަށް އަލިއަޅުވާލައި ފާހަގަކޮށްފައިވާ ކަންތައްތަކުގެ ތެރޭގައި، ސުޕްރީމް ކޯޓަށް ރައީސް ޑރ. މުޙައްމަދު މުއިއްޒާއި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް ނުފޫޒު ފޯރުވާކަމަށް ސުއޫދު ކުރައްވާ ތުހުމަތުތައް ފާހަގަކޮށްފައިވެއެވެ. އެގޮތުން އެ ތުހުމަތުތައް ދޮގުކޮށް، ތުހުމަތުތަކަށް ބާރުދޭ އެއްވެސް ހެއްކެއް ސުއޫދު ހާމަކުރައްވައިފައިނުވާ ކަމަށް ސަރުކާރުން ބުންޏެވެ. އަޒްމިރަލްދާއަށް ޖަވާބުދާރީވާން ފުރުސަތު ނުދިނުމާއި ޖޭއެސްސީގެ އަޑުއެހުންތައް ހުޅުވާނުލުމާ ގުޅޭ ގޮތުން ސަރުކާރުން ބުނީ: ޖުޑިޝަލް ސާވިސް ކޮމިޝަނުގެ ގާނޫނުގައިވާ ގޮތުން، އެ ކޮމިޝަނުން ބަލަމުންދާ މައްސަލައިގައި ޖަވާބުދާރީވާން ޖެހޭނީ މައްސަލަ ރައްދުވާ ފަނޑިޔާރު. ފަނޑިޔާރުގެ ވަކީލަށް ލަފާ އެރުވޭނެ ނަމަވެސް، ފަނޑިޔާރުގެ ބަދަލުގައި ޖަވާބުދާރީނުވެވޭނެ. ޖޭއެސްސީން އަޑުއެހުންތައް ހުޅުވާލައިގެން ކުރިއަށްނުގެންދަން ނިންމީ، އޭސީސީން ބަލަމުންދިޔަ މައްސަލައަށް ނޭދެވޭ އަސަރެއް ކޮށްފާނެތީއާއި އާންމުކޮށް އަޑުއެހުން ހުޅުވާލުމުން، ޖުޑިޝަރީއަށް އާންމުން ކުރާ އިތުބާރަށް ނޭދެވޭ އަސަރެއް ކޮށްފާނެތީ މީގެ އިތުރުން ސަރުކާރުގެ ސިޓީގައި ވަނީ، އަޒްމިރަލްދާއަށް އުޝާމް ''އިންޒާރެއް ދެއްވި ކަމަށް'' އެ ކަމަނާ ތުހުމަތު ކުރައްވާފައިވާ ކަމަށާއި އެއީ ވެސް ހަގީގަތެއް ނޫން ކަމަށް ވެސް ބުނެފައެވެ. "މި ސަރުކާރުން އެއްވެސް ވަރަކަށް ޝަރުއީ ދާއިރާއަށް ނުފޫޒު ނުފޯރުވައި، ގާނޫނީ ވެރިކަމަށާއި ގާނޫނު އަސާސީއަށް އިޚުތިރާމުކުރާނެ ކަމަށް ވެފައިވާ ވައުދާ ދަނީ ފުއްދަމުން. [ސުޕްރީމް ކޯޓަށް] ދުސްތޫރީ މައްސަލަ ހުށަހެޅިއިރު ސަރުކާރަށް ވަނީ އެއް އަހަރަށް ވުރެ ދިގު މުއްދަތެއް ވެފައި، އަދި ކުރީގެ ގިނަ ސަރުކާރުތަކާ ޚިލާފަށް މި ސަރުކާރުން ސުޕްރީމް ކޯޓުގެ ބެންޗަށް ބަދަލުގެންނަން އޭރު މަސައްކަތެއް ކޮށްފައިނުވޭ،" ސަރުކާރުން އދ.އަށް ފޮނުވި ސިޓީގައިވެއެވެ. ސަރުކާރުން ވަނީ، ތިން ފަނޑިޔާރުންގެ މައްސަލަތައް ކުރިއަށްގެންގޮސްފައިވަނީ ހަމަހަމަކޮށް، ދެފުށްފެންނަ ގޮތެއްގައި ކަމަށާއި ޖޭއެސްސީން އަމަލުކުރީ ގާނޫނާ އެއްގޮތަށް ކަމަށް ތަކުރާރުކޮށް ބުނެފައެވެ. އެހެންވެ، ފަނޑިޔާރުން ވަކިކުރުމަކީ ޝަރުއީ ދާއިރާގެ މިނިވަންކަމަށް އެޅުނު ހުރަހެއްގެ ގޮތުގައި ނުބެލެވޭނެ ކަމަށާއި އެއީ އެ ދާއިރާގެ މިނިވަންކަމާއި ނަޒާހާތްތެރިކަމަށް އިޙުތިރާމު ކުރާ ފްރޭމްވޯކެއްގެ ތެރެއިން، ޖަވާބުދާރީ ކުރުވަން އެޅި ފިޔަވަޅެއް ކަމަށް ސަރުކާރުން ވަނީ ސިފަކޮށްފައެވެ. އަދި ފަނޑިޔާރުން ސަސްޕެންޑުކުރުމުން ސުޕްރީމް ކޯޓުގައި 'ތަޅު އެޅިފައިވާ' ކަމުގެ ތުހުމަތުތަކެއް ކުރި ނަމަވެސް، ފެބްރުވަރީ 26ގެ ފަހުން ވެސް އެ ކޯޓުން މައްސަލަތަކެއް ބަލައި ހަތަރު މައްސަލައެއްގައި ހުކުމް އިއްވައިފައިވާ ކަމަށް އެ ސިޓީގައިވެއެވެ. ސަރުކާރުން ވަނީ، ޝަރުއީ ދާއިރާގެ މިނިވަންކަން އޮތް މިންވަރު ބެލުމަށް ސެޓާތުވެއިޓް ރަސްމީ ދަތުރުފުޅެއްގައި ރާއްޖެ ވަޑައިގަތުމަށް ދިވެހި ސަރުކާރުން ވަނީ ދައުވަތު ދީފައެވެ. https://sun.mv/206898 ސުޕްރީމް ކޯޓުގެ ހުސްވެފައިވާ ފަނޑިޔާރުންގެ ދެ މަގާމަށް ހައިކޯޓުގެ ފަނޑިޔާރު މުހައްމަދު ސަލީމާއި އެ ކޯޓުގެ ކުރީގެ ފަނޑިޔާރު އަބްދުﷲ ހަމީދު އައްޔަންކުރަން، ރައްޔިތުންގެ މަޖިލީހުގެ ޖުޑިޝަރީ ކޮމިޓީން ވަނީ މިމަހު ފާސްކޮށްފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ