ޕާމާގެ ކޯޗު ޗީވޫ އިންޓާގެ ކޯޗުކަމާ ހަވާލުވެއްޖެ
އިޓާލިއަން ސެރީއާގެ ޕާމާގެ ކޯޗު ކްރިސްތިއަން ޗީވޫ އިންޓާ މިލާންގެ ކޯޗު ކަމާ ހަވާލުވެއްޖެއެވެ. މި އަހަރުގެ ފެބްރުއަރީ މަހުގެ ތެރޭގައި ޕާމާގެ ކޯޗުކަމާ ހަވާލުވި ޗީވޫ އެޓީމު ދޫކޮށްލާފައިމިވަނީ 13 މެޗަށްފަހު ނިމިދިޔަ ސެރީއާ ސީޒަންގައި އެޓީމު ރެލިގޭޝަނުން ސަލާމަތް ކޮށްދިނުމަށްފަހުއެވެ. ޕާމާއަކީ ރުމޭނިއާގެ ކުރީގެ ބައިނަލްއަޤްވާމީ ކުޅުންތެރިޔާ ޗީވޫ ސީނިއާ ޓީމެއްގެ ކޯޗެއްގެ ގޮތުގައި ހަރަކާތްތެރިވި ފުރަތަމަ ކްލަބެވެ. އުމުރުން 44 އަހަރުގެ ޗީވޫ އިންޓާގެ ކޯޗުކަމާ ހަވާލުވެފައިވަނީ އެ ޓީމުގެ ކުރީގެ ކޯޗު ސިމޯނީ އިންޒާގީ އެ މަގާމް ދޫކޮށްލުމާ ގުޅިގެންނެވެ. އިންޓާއިން އެ ޓީމުގެ ކޯޗު ކަމުން އިންޒާގީ ވަކިކުރަން ބޭނުންނުވި ނަމަވެސް އިންޒާގީ އެ ކަމަށް ބޭނުންވުމާއެކު ދެ ފަރާތުން އެއްބަސްވެ އިންޒާގީއަށް އެ މަގާމުން ވަކިވުމުގެ ފުރުސަތު ދިނެވެ. އަދި އިންޒާގީ ވަނީ އެއަށްފަހު ސައުދީ ޕްރޯ ލީގުގެ އަލް ހިލާލާ ގުޅިފައެވެ. ޗީވޫ އިންޓާއަށް ސޮއިކޮށްފައިވަނީ 2027 ވަނަ އަހަރުގެ ނިޔަލަށެވެ. ޗީވޫ ވަނީ މީގެ ކުރިން އިންޓާއަށް ކުޅުންތެރިއެއްގެ ގޮތުގައި ކުޅެފައެވެ. މިގޮތުން އެ ކްލަބްގައި ހޭދަކުރި ހަތް ސީޒަންގައި ޗީވޫ ވަނީ އިންޓާ އާއެކު ތިން ފަހަރެއްގެ މަތިން ސެރީއާގެ ތަށި ކާމިޔާބު ކޮށްފައެވެ. މީގެ އިތުރުން އޭނާ ވަނީ އިންޓާގެ ޔޫތު ޓީމަށް ވެސް މީގެ ކުރިން ކޯޗު ކޮށްދީފައެވެ. ޗީވޫގެ ކޯޗު ކަމުގެ ދަށުން އިންޓާ ކުޅޭ ފުރަތަމަ މެޗަކަށް ވާނީ މިމަހު ފެށުމަށް ހަމަޖެހިފައިވާ ފީފާ ކްލަބް ވާލްޑް ކަޕްގައި ޖޫން މަހުގެ 17 ވަނަ ދުވަހު މޮންޓެރޭއާ ބައްދަލުކުރާ މެޗެވެ. އިންޓާ އެންމެ ފަހުން ކުޅުނު މެޗުގައި ޔުއޭފާ ޗެމްޕިއަންސް ލީގުގެ ފައިނަލްގައި ޕެރިސް ސެއިންޓް ޖާމެއިން އަތުން ފަސް ލަނޑު ސުން ލަނޑުން ބަލިވުމުގެ ހިތްދަތިކަމުން އަރައިގަތުމަށްޓަކައި ކްލަބް ވާލްޑް ކަޕްގައި ރަނގަޅު ނަތީޖާއެއް ނެރުން ވަރަށް މުހިންމު ވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ