ޖޮކޮވިޗް ކަޓުވާލައި ސިނާ ފައިނަލްގައި އަލްކަރާޒާ ދެކޮޅަށް ޖޮކޮވިޗް ކަޓުވާލައި ސިނާ ފައިނަލްގައި އަލްކަރާޒާ ދެކޮޅަށް

ޕެރިސް (ޖޫން 7) - މިހާރު ކުރިއަށްދާ ގްރޭންޑް ސްލޭމް ޓެނިސް މުބާރާތް، ފްރެންޗް އޯޕަންގެ ސެމީ ފައިނަލުގައި، ނޮވަކް ޖޮކޮވިޗް ކަޓުވާލުމަށް ފަހު، އިޓަލީގެ ޖަނިކް ސިނާ، ފައިނަލުގައި ސްޕެއިނުގެ ކާލޯސް އަލްކަރާޒާ ކުޅެން ތައްޔާރުވެއްޖެ އެވެ.
ދާދި ފަހުން، 100 ވަނަ އޭޓީޕީ ތަށި ހޯދި، ޖޮކޮވިޗް މަސައްކަތް ކުރަމުން އައީ، މި ފަހަރުގެ ފްރެންޗް އޯޕަން ކާމިޔާބުކޮށް، ރެކޯޑް ގްރޭންޑް ސްލޭމް ތަށީގެ އަދަދު 25 އަށް ހެދުމަށެވެ. އެކަމަކު، ދުނިޔޭގެ ރޭންކިން އެއް ވަނައިގައި އޮތް ސިނާ އަތުން ޖޮކޮވިޗް ބަލިވިއިރު ސެޓުތައް ދިޔައީ، 6-4 7-5 7-6 (7-3) އިންނެވެ.
މެޗަށް ފަހު، އުމުރުން 38 އަހަރުގެ ޖޮކޮވިޗް ވަނީ، މިއީ، އޭނާ ފްރެންޗް އޯޕަންގައި ކުޅޭ ފަހު ފަަހަރު ކަމަށްވުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެފަ އެވެ. އަދި، އެންމެ ފަހުން، އޭނާ ފްރެންޗް އޯޕަންގައި ކުޅުނު މެޗަކީ، މި ސެމީ ފައިނަލް ކަމަށްވާނަމަ، ފަހު މެޗުގެ ހަނދާންތައް ވަރަށް ފުރިހަމަވާނެ ކަމަށް ޖޮކޮވިޗް ފާހަގަކުރި އެވެ.
"ފަހު މެޗު ކަމުގެ އިހުސާސް ކުރެވޭތީ ވެސް މިއީ އަހަންނަށް ވަރަށް ޖަޒުބާތީ ވަގުތު ކޮޅެއް، ވަރަށް އުފާވޭ ސަޕޯޓަރުންގެ ޖޯޝް އޮތް މި މާހައުލުގައި މި މެޗު ކުޅެވުނީތީވެ،" ތިން ފަހަރު ފްރެންޗް އޯޕަން ކާމިޔާބުކުރި ޖޮކޮވިޗް ބުންޏެވެ.
އޭނާ ބުނީ، މި އަހަރުގެ ވިމްބަލްޑަން އާއި ޔޫއެސް އޯޕަންގައި ކުޅޭނެ ކަމަށާއި އެކަމަކު، މިހާރު ކަންކަން ވަމުން އަންނަ ގޮތުން، 12 މަސް ކުރިއަށް ޕްލޭން ހަދައިގެން ވިސްނުމަކީ ކުރެވޭނެ ކަމެއް ނޫން ކަމަށް ޖޮކޮވިޗް ފާހަގަކުރި އެވެ.
އެންމެ ފަހުން، މި މުބާރާތް ކާމިޔާބުކުރި އަލްކަރާޒް ފައިނަލުން ޖާގަ ހޯދީ، ސެމީ ފައިނަލުގައި، އިޓަލީގެ ލޮރެންޒޯ މުސެއްޓީ ކައިރިން ކުރިހޯދައިގެންނެވެ. އަނިޔާއާ ހެދި، މުސެއްޓީ ވަނީ މެޗުގެ ހަތަރު ވަނަ ސެޓުން މެޗު ދޫކޮށްލައިފަ އެވެ. އެހާ ތަނަށް ބަލާއިރު، އަލްކަރާޒް ލީޑުކުރަމުން އައީ، 4-6 7-6 (7-3) 6-0 2-0 އިންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ