ހުއްދަ ނުހޯދައި، ހިޔަލައިގެ އީދު ލަވަ ޕީއެސްއެމްއިން ދެއްކިކަމަށް ބުނެ ގާނޫނީ ފިޔަވަޅު އަޅަނީ

ބޮޑު އީދަށް ޚާއްސަކޮށް 'ހިޔަލަ' ގުރޫޕުން ނެރުނު އީދު ލަވަ ހުއްދަ ނުހޯދައި، ޕަބްލިކް ސާވިސް މީޑިއާގެ ޗެނަލެއްކަމަށްވާ ޓީވީއެމުން ދެއްކި ކަމަށް ބުނެ، ޕީއެސްއެމްއާ ދެކޮޅަށް ގާނޫނީ ފިޔަވަޅު އެޅުމަށް ނިންމާފައިވާ ކަމަށް އެ ގުރޫޕުން ބުނެފިއެވެ. 'އީދު ބޯމަތިވަނީ'ގެ ނަމުގައި ނެރުނު އެ ލަވައަށް ގިނަ ބައެއްގެ ސަމާލުކަން ވަނީ ލިބިފައެވެ. އެގޮތުން މިހާތަނަށް، 86،000 އަށްވުރެ ގިނަ މީހުން ޔޫޓިއުބްގައި އެ ވީޑިއޯ ބަލާފައިވެއެވެ. އެ ލަވަ ޓީވީއެމްގެ އީދު ކަވަރޭޖުގެ ތެރެއިން އިއްޔެ ވަނީ ދައްކާފައެވެ. އެގޮތުން، ޓީވީއެމްއިން ލަވަ ދައްކާފައި ވަނީ ލިބިފައިވާ 'ހަދިޔާ'އެއް ކަމަށް ބުނެއެވެ. ހިޔަލައިން ނެރުނު 'އީދު ބޯމަތި ވަނީ' ލަވައިގެ މަންޒަރެއް --- ފޮޓޯ/ ހިޔަލަ އޭގެފަހުން އިއްޔެ، ހިޔަލައިން ވަނީ ޓީވީއެމުން އެ ލަވަ ދެއްކީ އެ ގުރޫޕުގެ ހުއްދައާ ނުލައި ކަމަށް ބުނެ، ހިތްހަމަނުޖެހުން ފާޅުކޮށްފައެވެ. ފޭސްބުކްގައި އެ ގުރޫޕުން ކޮށްފައިވާ ޕޯސްޓެއްގައި ވަނީ، އެއްވެސް ޗެނަލަކަށް ލަވަ ބްރޯޑްކާސްޓު ކުރުމުގެ ހުއްދައެއް ނުދޭ ކަމަށެވެ. އެކަމުގެ ސަބަބުން އެ ގުރޫޕްގެ ހައްގަށް އަރައިގަނެވިފައިވާ ކަމަށް އެއީ ވަރަށް "އަންޕްރޮފެޝަނަލް" ކަމެއް ކަމަށް ހިޔަލައިން ވަނީ ބުނެފައެެވެ. އެހެންވެ، މިކަން ވަރަށް ސީރިއަސްކޮށް ނަގައި، ގާނޫނީ ފިޔަވަޅު އެޅުމަށް ކަމާ ބެހޭ އިދާރާތަކަށް ހުށަހަޅާނެ ކަމަށް ބުނެފައިވެއެވެ. މި ކަމުގައި މިހާތަނަށް ޕީއެސްއެމްއިން ބަހެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ