ބްރުސެލްސް، ބެލްޖިއަމް (ޖޫން 10) - ފީފާ ވޯލްޑް ކަޕް ކޮލިފައިންގައި ރޭ ފަހު ވަގުތު ކެވިން ޑި ބްރޭނާ ޖެހި ގޯލުން ބެލްޖިއަމުން 4-3 އިން ވޭލްސްގެ މައްޗަށް ކުރިހޯދައިފި އެވެ.
އަންނަ އަހަރު އެމެރިކާ، ކެނަޑާ އަދި މެކްސިކޯގައި ބާއްވާ ވޯލްޑް ކަޕަށް ކޮލިފައިވުމަށް ކުޅޭ ޔޫރަޕްގެ ބުރުގައި، ބެލްޖިއަމް ހިމެނެނީ، ގްރޫޕް ޖޭގަ އެވެ. މި ގްރޫޕްގައި އޮތީ ވޭލްސް، ކަޒަކްސްތާން، ނޯތު މެސެޑޯނިއާ އަދި ލިޗެސްޓައިން އެވެ.
ބެލްޖިއަމް ވަނީ ކޮލިފައިންގެ ފުރަތަަމަ މެޗުން، ނޯތު މެެސެޑޯނިއާއާ އެއްވަރުވެފަ އެވެ. އަދި، ރޭގެ މެޗުގައި، ފުރަތަމަ ވޭލްސް ކައިރިން ލީޑުނެގިއިރު، ފަހަތުން އަރައި ވޭލްސް އިން އެއްވަރުކުރި އެވެ. މޮޅުވީ މެޗުގެ ފުރިހަމަ ވަގުތު ހަމަވާން ދެ މިނިޓަށް ވެފައި ހުއްޓައި ޑި ބްރޭނާ ޖެހި ގޯލުންނެވެ.
ކިންގް ބައުދުއީން ސްޓޭޑިއަމްގައި ރޭ ބެލްޖިއަމް އިން ލީޑުނެގީ، 15 ވަަނަ މިނިޓްގައި ރޮމެލޫ ލުކާކޫ ޖެހި ޕެނަލްޓީންނެވެ. އަދި، އޭގެ ހަތަރު މިނިޓް ފަހުން، ޔޫރީ ޓިއެލަމަންސް ވަނީ ބެލްޖިއަމްގެ ލީޑުފުޅާކޮށްދީފަ އެވެ. އަދި، މެޗުގެ، 27 ވަނަ މިނިޓްގައި، ޖެރެމީ ޑޮކޫ ވަނީ ބެލްޖިއަމްގެ ތިން ވަނަ ގޯލު ޖަހައިފަ އެވެ.
ވޭލްސް އިން ހިތްވަރު ދައްކައި، ތިން ގޯލުގެ ފަރަގު އަނބުރާލީ ދެ ވަނަ ހާފުގަ އެވެ. އެ ގޮތުން، ވޭލްސް އިން ފުރަތަމަ ލަނޑު ޖެހީ، ފުރަތަމަ ހާފުގެ އިތުރު ވަގުތުގެ ހަތް ވަނަ މިނިޓްގައި ޕެނަލްޓީ އަކުން ހެރީ ވިލްސަން ޖެހި ގޯލުންނެވެ. އަދި، ދެ ވަނަ ހާފުގައި މެޗުގެ 51 ވަަނަ މިނިޓްގައި ސޯބާ ތޯމަސް ވޭލްސްގެ ދެ ވަަނަ ގޯލު ޖެހިއިރު، 69 ވަނަ މިނިޓްގައި، ނަތީޖާ ހަމަަހަމަކޮށްދިން ގޯލު ޖެހީ ބްރެނަން ޖޯންސަން އެވެ.
ކްރެއިގް ބެލަމީގެ ކޯޗުކަމުގައި ކުޅޭ ވޭލްސް މުހިންމު ޕޮއިންޓެއް ހޯދުމާ ގާތުގައި އޮއްވައި، ބެލްޖިއަމަށް މި ފަހަރުގެ ކޮލިފައިންގެ ފުރަތަމަ މޮޅު ހޯދައިދިން ގޯލު ޑި ބްރޭނާ ކާމިޔާބުކުރީ، ޓިއެލަމަންސް ދިން ބޯޅައަކުންނެވެ.
ރޭގެ މެޗު ބަލަން ދަނޑުގައި ހުރި 29 އަހަރުގެ ވޭލްސް ސަޕޯޓަރެއް، ދަނޑުގެ ސްޓޭންޑުން ވެއްޓިގެން އަންނަނީ ހޮސްޕިޓަލްގައި ފަރުވާ ދެމުންނެވެ.
ޑި ބްރޭނާ ފަހު ވަގުތު ބެލްޖިއަމް މޮޅުކޮށްދީފި ޑި ބްރޭނާ ފަހު ވަގުތު ބެލްޖިއަމް މޮޅުކޮށްދީފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ