ބީއެމްއެލްއިން ކުޑަކުދިންނަށް ޑެބިޓް ކާޑެއް ތައާރަފްކޮށްފި
ބޭންކް އޮފް މޯލްޑިވްސް (ބީއެމްއެލް) އިން ރާއްޖޭގެ ފުރަތަމަ ސްޓޫޑަންޓް ޑެބިޓް ކާޑު މިއަދު ތައާރަފުކޮށްފިއެވެ. ހޮޓެލް ޖެންގައި މިއަދު ބޭއްވި ހަފްލާއެއްގައި ތައާރަފް ކުރި މި ކާޑަކީ ފައިސާ ޚަރަދުކުރުމުގައި ޒިންމާދާރު ގޮތްތަކަކަށް ކުޑަކުދިން އަހުލުވެރިކުރުވައި، މާލީ މިނިވަންކަން ދަސްކޮށްދިނުމުގެ ގޮތުން ފަރުމާކޮށްފައިވާ ކާޑެކެވެ. ބީއެމްއެލްއިން ބުނީ މި ކާޑު ހަތް އަހަރުން މަތީގެ ދަރިވަރުންނަށް ލިބޭނެ ކަމަށެވެ. ބެލެނިވެރިންނަށް މި ކާޑުގެ އެކައުންޓަށް ފައިސާ ފޮނުވައި، ޚަރަދުކުރުމުގައި އިރުޝާދު ދީ، ދަރިވަރުން ކާޑު ބޭނުންކުރާ ގޮތް ބެލެހެއްޓޭނެ ކަމަށް ބީއެމްއެލްއިން ބުންޏެވެ. މި ކާޑާއެކު ދަރިވަރުންނަށް ޅަފަތުގައި މުހިންމު މާލީ އާދަތައް ދަސްކޮށްދެވޭނެއެވެ. ބީއެމްއެލްއިން ކުޑަކުދިންނަށް ޑެބިޓް ކާޑް ތައާރަފް ކުރުމަށް ބޭއްވި ހަފްލާގައި ބޭންކުގެ ސީއީއޯ ޝަރީފް ވާހަކަ ދައްކަވަނީ-- ސަން ފޮޓޯ: މާނިއު މުޙައްމަދު ގައުމީ ބޭންކުން ބުނިގޮތުގައި ވިސާ ޑެބިޓް ކާޑެއްގެ ގޮތުގައި ދޫކުރާ މި ކާޑުން އެއްވެސް ފީއެއް ނުނަގާނެއެވެ. އަދި މިކާޑުން ރާއްޖެއާއި ރާއްޖެއިން ބޭރުގައި މުއާމަލާތްކުރެވޭނެ ކަމަށް ވެސް އެ ބޭންކުން ބުންޏެވެ. ދަރިވަރުން މިކާޑުން ކުރާ މުއާމަލާތްތަކަށް އަހަރަކު އެއްފަހަރު ރިބޭޓެއް ދިނުމަށް ވަނީ ހަމަޖެހިފައި ކަމަށް ބީއެމްއެލްއިން ބުންޏެވެ. އެ ގޮތުން އަހަރެއްގެ ތެރޭ ކުރާ ޖުމްލަ ޚަރަދުގެ 0.5 އިންސައްތަ ކޮންމެ ކުއްޖެއްގެ ސޭވިން އެކައުންޓަށް ބޭންކުން ޖަމާކޮށްދޭން ވަނީ ނިންމައިފައެވެ. މީގެ ސަބަބުން ޚަރަދުކުރަމުން ދާއިރުވެސް ހަރުދަނާ ގޮތެއްގައި ފައިސާ ރައްކާކުރުމަށް އެހީތެރިވެދޭނެއެވެ. ހަފްލާގައި ވާހަކަ ދައްކަވަމުން, ބީއެމްއެލްގެ ސީއީއޯ އަދި މެނޭޖިން ޑިރެކްޓާ މުޙައްމަދު ޝަރީފް ވިދާޅުވީ އަނެއްކާވެސް ރާއްޖެއަށް މުޅިން އަލަށް ޚިދުމަތެއް ތައާރަފްކުރެވުމަކީ އެ ބޭންކަށް ލިބޭ ވަރަށް ބޮޑު ފަޚުރެއް ކަމަށެވެ. ބީއެމްއެލް ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދަރިވަރުންނަށް ބޭނުންވާނެ ކަންކަން ހިމަނައިގެން، ފުރާވަރަށް އެރުމުގެ ކުރިން ދަރިވަރުންނަށް ހަރުދަނާކަމާއި ޒިންމާދާރުކަމާއެކު ފައިސާ މެނޭޖްކުރަން ދަސްކޮށްދިނުމަށް ކަމަށް އޭނާ ވިދާޅުވިއެވެ. "ދަރިވަރުންގެ މެދުގައި ޅަފަތުގައި ފައިނޭންޝަލް ލިޓްރަސީ އަށަގަނުވައި، އަޅުގަނޑުމެންގެ އަމާޒަކީ މާލީ ޚިދުމަތްތަކާމެދު މައުލޫމާތު މުއްސަނދި ޖީލެއް ބިނާކުރުން." ޝަރީފް ވިދާޅުވިއެވެ. ބީއެމްއެލްއިން ކުޑަކުދިންނަށް ޑެބިޓް ކާޑް ތައާރަފް ކުރުމަށް ބޭއްވި ހަފްލާގެ ތެރެއިން-- ސަން ފޮޓޯ: މާނިއު މުޙައްމަދު ދެ އުމުރުފުރާއަކަށް ބަހާލައިގެން ސްޓޫޑެންޓް ކާޑު ފަރުމާކޮށްފައިވަނީ ދެ ޑިޒައިނަކަށެވެ. އެއީ އުމުރުން ހަތް އަހަރާއި 12 އަހަރާ ދެމެދުގެ ދަރިވަރުންނަށް އަދި 13 އަހަރާއި 17 އަހަރާ ދެމެދުގެ ދަރިވަރުންނަށެވެ. ބެލެނިވެރިންގެ ބީއެމްއެމްއެލް މޯބައިލް ބޭންކިން އެޕް މެދުވެރިކޮށް މި ކާޑަށް އެދި ހުށަހަޅޭނެއެވެ. ކާޑު ފްރީޒްކުރުމާއި އަންފްރީޒްކުރުން އަދި ބްލޮކްކޮށް ޕިން ބަދަލުކުރުން ފަދަ ޚިދުމަތްތައް އެޕް މެދުވެރިކޮށް ބެލެނިވެރިންނަށް ކުރެވޭނެއެވެ. ސެކިއުރިޓީ އިތުރަށް ހަރުދަނާ ކުރުމުގެ ގޮތުން އޮންލައިން އަދި މަތީ އަދަދުތަކުގެ މުއާމަލާތްތަކަށް ބެލެނިވެރިންގެ ރަޖިސްޓާކޮށްފައިވާ ފޯނު ނަންބަރަށް ވަން ޓައިމް ޕާސްވޯޑް (އޯޓީޕީ) ބޭންކުން ފޮނުވާނެއެވެ. ރާއްޖޭގެ އެންމެ ކުރިއަރާފައިވާ މާލީ އިދާރާގެ ހައިސިއްޔަތުން ބޭންކް އޮފް މޯލްޑިވްސްއިން އަބުވެސް މަސައްކަތް ކުރަމުން ދަނީ އީޖާދީ ބޭންކިން ހައްލުތަކެއް ފޯރުކޮށްދިނުމަށެވެ. ބީއެމްއެލްއިން އަބަދުވެސް އަންނަނީ ރާއްޖޭގެ އިގްތިސާދީ ކުރިއެރުމަށާއި ތަރައްގީއަށް އެހީތެރިވެދޭ ޕްރޮޑަކްޓްތައް މުޖުތަމައަށް ތައާރަފްކުރަމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ