"ތިއީ، ވަރަށް އުނދަގޫ ސުވާލެއް،" އިދިކޮޅު ރިޔާސީ ކެންޑިޑޭޓް، ކުރީގެ ރައީސް އަބްދުﷲ ޔާމީނާ އެކު އަންނަ އަހަރު ރިޔާސީ އިންތިހާބުގައި ކޯލިޝަން ހެދުމުގެ އެއްވެސް ހާލަތެއް އައިސްދާނެތޯ ރާއްޖެ ޓީވީގެ ޕްރެޒެންޓަރު، އާމިރު ސަލީމް ސުވާލު ކުރުމުން ޖުމްހޫރީ ޕާޓީގެ ލީޑަރު ގާސިމް އިބްރާހިމް ވިދާޅުވި އެވެ.
ގާސިމްގެ ރިސޯޓް ސަން އައިލެންޑްގައި ހުންނަވައިގެން އޭނާ ވަނީ މިއަދު ރާއްޖެ ޓީވީގެ 'ފަށާއިރު' ޕްރޮގްރާމަށް އިންޓަވިއު ދެއްވައިފަ އެވެ. އެ އިންޓަވިއުގައި ރާއްޖޭގެ ސިޔާސީ މަސްރަހާއި އަންނަ އަހަރުގެ ރިޔާާސީ އިންތިހާބާ ގުޅޭ ގޮތުން ވާހަކަދެއްކެވި އެވެ.
ގާސިމް ވިދާޅުވީ ޔާމީން އަލުން ވެރިކަމަށް ގެންނަން އަމިއްލަ ހައިސިއްޔަތުން އޭނާ ތާއީދު ނުކުރައްވާ ކަމަށެވެ. ނަމަވެސް ޖުމްހޫރީ ޕާޓީން އެގޮތަށް ނިންމުމަކީ އެހެން ކަމެއް ކަމަށް ވިދާޅުވ ިއެވެ.
ޔާމީންގެ ވެރިކަމުގައި ޖަލަށް ލައި، އަދި ބޭސްފަރުވާއަށް ސިންގަޕޫރަށް ފޮނުވާލުމުން ފިއްލަވައިގެން ޖަރުމަނަށް ވަޑައިގެން، ދެ އަހަރު ހޭދަކުރެއްވި ގާސިމްގެ އިންޓަވިއުގައި، އަލުން ޔާމީނާ އެކު ކޯލިޝަން ނުހައްދަވާ ނަމެކޭ ވިދާޅެއް ނުވެ އެވެ.
"އަޅުގަނޑު އޮންނާނެ ދަންނަވާފައި އެއް ހަރަކުން މޫމިނެއްގެ ގަޔަށް ދެ ފަހަރަކު ކައްޓެއް ނުޖަހާނެއޭ. ހަމަ ގައިމުވެސް އަޅުގަނޑު [ޔަމީނަށް] ތާއީދުކުރާކަށް ނެތިން. ދެން އަޅުގަނޑުގެ އެކަން ކުރަންޏާ ޕާޓީން ކޮށްފައިވާނެ ކަންނޭނގެ،" ގާސިމް ވިދާޅުވިއެވެ.
ދެން އިނގިރޭސި ބަހުން އަނެއްކާވެސް ވިދާޅުވީ "އަޅުގަނޑު އެކަން ނުކުރާނެ" ކަމަށެވެ.
އޭރު ޕީޕީއެމްގެ ކެންޑިޑޭޓް ޔާމީނަށް 2013ގެ ރިޔާސީ އިންތިހާބު ކާމިޔާބުކުރެއްވުނީ ދެ ވަނަ ބުރުގައި ގާސިމް ތާއީދުކުރައްވައި، ޖޭޕީން ޕީޕީއެމް ކޯލިޝަނަށް ވަނުމުންނެވެ. ނަމަވެސް މާ ގިނަ ދުވަހެއް ނުވެ ކޯލިޝަންގެ ތެރޭގައި މައްސަލަ ޖެހި ރޫޅުނެވެ. އެ ހިސާބުން ގާސިމްގެ 'ވިޔަފާރިތަކަށް އުނދަގޫ ޖައްސާ، ޔާމީން އަނިޔާވެރިވި" ކަމަށް އޭރު ގާސިމް ވިދާޅުވި އެވެ.
ދެވަނަ ދައުރެއް 2018 ގައި ޔާމީނަށް ގެއްލުނީ، ގާސިމް އިސްކޮށް ހުންނެވި އިދިކޮޅު ކޯލިޝަނަކުން އިންތިހާބުގައި ވާދަކޮށްގެންނެވެ.
ގާސިމް ވިދާޅުވީ މި ސަރުކާރުގެ ކޯލިޝަން ވެސް މިހާރު އޮތީ "ނަމެއްގައި" ކަމަށެވެ. ކޯލިޝަން އެއްބަސްވުމާ އެއްގޮތަށް އަމަލްނުކުރާތީ އޭގެ %90 ވެސް ހާސިލްނުވާ ކަމަށް ވިދާޅުވި އެވެ.
"އަޅުގަނޑުމެންގެ ޕާޓީތަކަށް %10 ވެސް [ސަރުކާރުގެ] ނެތް. އެކަމަކު ވެރިކަމަށް އާދެވެނީ ކޮންމެވެސް ބަޔަކާ ކޯލިޝަން ހަދައިގެން. އެކަން ހަނދާން ނެތިދޭ އިސާހިތަކު ވެރިކަމަށް އާދެވުނީމާ،" ގާސިމް ވިދާޅުވި އެވެ.
"ކުރި ވައުދާއި އަހުދެއް ވެސް ނެތް. އެއްބަސްވުމުގައި ސޮއިކުރި ސޮއިކުރުމެއް ވެސް ނެތް. ވެރިކަމުގެ ބާރުގެ ތެރެއަށް އާދެވުނީމަ ހުރިހާ ބޭފުޅުންނަށް ވެސް ވެފައި އޮތީ ދާދި އެއް ކަހަލަ ގޮތެއް."
އެކަމަކު އޭނާ ވިދާޅުވީ "ކިރިޔާ ވެސް ސަހަލު ކަމެއް މިއޮތީ" މި ސަރުކާރުގައި ކަމަށެވެ. އެހެންކަމުން، 2008 ގައި އުފެދުނު ރައީސް މުހައްމަދު ނަޝީދުގެ ސަރުކާރާއި 2013ގެ ޔާމީންގެ ސަރުކާރަށް ވުރެ މި ސަރުކާރު ރަނގަޅު ކަމަށް ވިދާޅުވި އެވެ.
"އެހެންވީމަ [ރައީސް] އިބްރާހިމް މުހައްމަދު ސޯލިހަށް އެގޮތުން ކްރެޑިޓް އަޅުގަނޑުމެން އެބަ ދޭން ޖެހޭ ކޮންމެވެސް މިންވަރެއްގެ. އެކަމަކު އެ ބޭފުޅާ ވެސް އެއްބަސްވެވަޑައިގެން ސޮއިކުރެއްވި ސޮއިކުރެއްވުމާ އެއްގޮތަކަށް، އޭގެ ކައިރިއަށް 90 ޕަސެންޓް މިދަނީ އެއްގޮތް ނުވެ،" ގާސިމް ވިދާޅުވި އެވެ.
ކޯލިޝަން ވެރިކަމެއްގައި ޕާޓީތަކަށް މަގާމުތައް ބަހަން ޖެހުނީމާ ސަރުކާރަށް ކަންކަން ނުވާ ކަމަށް އެމްޑީޕީގެ ބައެއް މެންބަރުން ދައްކާ ވާހަކައަށް ގާސިމް ފާޑުވިދާޅުވި އެވެ. އޭނާ ގަބޫލުކުރައްވާ ގޮތުގައި "އެއީ ހަގީގަތެއް ނޫނެ"ވެ.
އޭގެ ސަބަބެއްގެ ގޮތުގައި ދެއްކެވީ ސަރުކާރުގެ ގިނަ ވަޒީފާތައް އެމްޑީޕީއަށް ހާއްސަކޮށްފައި ހުރި ހުރުމަށެވެ.
އެމްޑީޕީގެ އެތެރޭގައި އޮތް ކޯޅުމުގެ އަސަރު އަންނަ އަހަރުގެ ރިޔާސީ އިންތިހާބަށް ކޮށްފާނެތޯ ކުރި ސުވާލުގެ ޖަވާބުގައި ގާސިމް އެކަން ސިފަކުރެއްވީ "ސިޔާސީ ޑްރާމާއަކަށް ވުރެ ވެސް ބޮޑު ޑްރާމާއެއް"ގެ ގޮތުގަ އެވެ.
އޭނާ ވިދާޅުވީ ރިޔާސީ އިންތިހާބަށް އެ ޕާޓީ އޮންނާނީ އެކުގައި ކަމަށެވެ. އެހެންކަމުން ރައީސް ސޯލިހާއި ނަޝީދުގެ ދެމެދުގައި އޮތް މައްސަލައަކީ "ދައްކާ ދަޅައެއް" ކަމަށް ވިދާޅުވި އެވެ.
"ހަމަ ޝޯ ޕީސްއެއް އެެއީ. އެއިން އެއްވެސް ބޭފުޅަކަށް [ރައީސް ސޯލިހާއި ނަޝީދަށް] އެފޯޑެއް ނުކުރެވޭނެ [އެމްޑީޕީ ތެރެއިން] ރިޔާސީ އިންތިހާބަށް ނުކުންނަ ކެންޑިޑޭޓަކާ ދެކޮޅަށް މަސައްކަތް ކުރާކަަށް،" ގާސިމް ވިދާޅުވި އެވެ.
"އެއްވެސް ކަހަލަ ހަކަތައެއް ނުހުންނާނެ. އަދި ކޮށްގެން ލިބޭނެ މޮޅެއް ވެސް ނޯންނާނެ."
ޔާމީނަށް ތާއީދެއް ނުކުރަން، ޖޭޕީން ނިންމުމަކީ އެހެން ކަމެއް: ގާސިމް
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ