މައުމޫނާއި ގާސިމް ބައްދަލުކުރައްވަނީ: 'މިއީ ޒަމާންވީ ރަހުމަތްތެރިން'

ކުރީގެ ރައީސް މައުމޫން އަބްދުލްގައްޔޫމް އާއި ޖުމްހޫރީ ޕާޓީ (ޖޭޕީ)ގެ ލީޑަރު ގާސިމް އިބްރާހިމްގެ ބައްދަލުވުމެއް ކުރިއަށް އެބަދެ އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިހާރުގެ ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ އެމްއާރުއެމްގެ ޒައީމާއި ޖޭޕީގެެ ލީޑަރު ގާސިމް މިއަދު ބައްދަލުކުރައްވަމުން ގެންދަވާއިރު، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ވަކިިން ވާދަކުރަން ޖޭޕީން ވަނީ ނިންމައިފަ އެވެ.
މައުމޫން ވަނީ އިއްޔެ ރައީސް އިބްރާހިމް މުހައްމަދު ސޯލިހާ ވެސް ބައްދަލުކުރައްވައިފަ އެވެ. އެ ބައްދަލުކުރެއްވުމުގައި، ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި ރައީސް ސޯލިހާ އެކު ކުރިއަށް ދިއުމަށް އިތުރަށް މަޝްވަރާ ކުރަން ވަނީ ނިންމައިފަ އެވެ.
ވީ ކިހިނެއް؟ - ގާސިމްއާ ބައްދަލުކުރެއްވުމަށް މައުމޫން ފައުންޑޭޝަންގެ އޮފީސް ހުންނަ ހ. ފުލިދޫގެއަށް ވަދެވަޑައިގަތުމުގެ ކުރިން މައުމޫން 'ދައުރު'އަށް ވިދާޅުވީ ގާސިމް އަކީ ގާތް އެކުވެރިއެއް ކަމަށާއި އެ ދެ ބޭފުޅުންގެ ބައްދަލުވުމަކީ "އާދައިގެ ބައްދަލުވުމެއް" ކަމަށެވެ.
"އަޅުގަނޑުމެންނަކީ ވަރަށް އެކުވެރި ދެ ރަހުމަތްތެރިން ކުރިއްސުރެ،" އެ ބައްދަލުވުމަކީ މާ ހާއްސަ ބައްދަލުުވުމެއް ނޫންކަން ފާހަގަކުރައްވައި މައުމޫން ވިދާޅުވި އެވެ.
ބުނީ ކީކޭ؟ - ކުރިއަށް އޮތް ރިޔާސީ އިންތިހާބުގައި އެމްއާރުއެމްގެ ރައީސް އަދި މައުމޫންގެ ދަރިކަލުން ފާރިސް މައުމޫން ވާދަކުރެއްވުމުގެ އަޑުގަދަވެފައި ވަނިކޮށް، މައުމޫން ވިދާޅުވީ އިންތިހާބުގައި ވާދަކުރެއްވުމަކީ ފާރިސްއަށް ވެސް އޮތް ހައްގެއް ކަމަށެވެ.
ރައީސް ސޯލިހަށް ދެވަނަ ދައުރެއް ދެންޖެހޭތޯ ސުވާލުކުރުމުން މައުމޫން ވިދާޅުވީ "ތި ސުވާލަށް ޖަވާބުދޭކަށް އަޅުގަނޑަކަށް ނޭނގެ" ކަމަށާއި ކުރިއަށް އޮތް ތަނުގައި ކަންކުރާނެ ގޮތަކާ މެދު މަޝްވަރާ ކުރަމުން އަންނަ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ