"ހަވީރު"ގެ ކުރީގެ މުވައްޒަފުންނަށް އަމުރު އައުމުން ހައިރާންވޭ، އެޅޭނެ ފިޔަވަޅެއް ނެތް: ބްރޯޑްކޮމް

"ހަވީރު" ނޫހުގައި ކުރިން މަސައްކަތް ކުރި އެއްވެސް މީހަކަށް އެހެން މީޑިއާއެއްގައި ވަޒީފާ އަދާ ކުރުން މަނާކޮށް ސިިވިލް ކޯޓުން ހުކުމް ކުރުމުން ހައިރާން ވާ ކަމަށާއި އެ ހުކުމާ އެއްގޮތަށް އެޅޭނެ ފިޔަވަޅެއް ނެތް ކަމަށް ބްރޯޑްކާސްޓިން ކޮމިޝަނުން މިރޭ ބުނެފި އެވެ.
ސިވިލް ކޯޓުގެ ހުކުމާ އެކު، މިދިޔަ ފެބްރުއަރީ މަހާ ހަަމަ އަށް "ހަވީރު"ގައި މަސައްކަތް ކުރި އެއްވެސް މުވައްޒަފަކަށް ދެ އަހަރު ވަންދެން އެހެން މީޑިއާއެއްގައި ވަޒީފާ އަދައެއް ނުކުރެވޭނެ އެވެ. އެއާ ހިލާފަށް، އެ ތަނުން މީހަކު އެހެން މީޑިއާއެއް ނުވަތަ މީޑިއަކާ ގުޅުން ހުރި ތަނެއްގައި މަސައްކަތް ކުރާ ކަމަށް ހަވީރު ނިއުސް އެޖެންސީގެ މެޖޯރިޓީ ހިއްސާދާރުންނަށް ފެނިއްޖެ ނަމަ، އެކަން ހޯމް މިނިސްޓްރީ އާއި ބްރޯޑްކާސްޓިން ކޮމިޝަނަށް ނުވަތަ ދައުލަތުގެ ކަމާ ގުޅޭ މުއައްސަސާއަކަށް ހުށަހަޅައި އެ މުއައްސަސާތަކުން ގިނަވެގެން ހަތް ދުވަހުގެ ތެރޭގައި ފިޔަވަޅު އަޅަން ކޯޓުން އަމުރުކޮށްފައިވެ އެވެ.
އެކަމާ ގުޅޭ ގޮތުން ބްރޯޑްކާސްޓިން ކޮމިޝަންގެ ރައީސް މުހައްމަދު ޝަހީބު މިރޭ "މިހާރު" އަށް ވިދާޅުވި ގޮތުގައި އެ ކޮމިޝަންގެ މެންޑޭޓުގައި ހިމެނެނީ ބްރޯޑްކާސްޓިން ސްޓޭޝަންތަކުގެ ކަންކަން ބެލެހެއްޓުމެވެ. އެ ތަންތަނުން ގަވާއިދާ ހިލާފަށް ކަމެއް ކުރާ ނަމަ އެޅޭނެ ފިޔަވަޅުތައް ކޮމިޝަނުގެ ގާނޫނުގައި ހިމެނޭކަން ފާހަގަކުރައްވައި އޭނާ ވިދާޅުވީ އޭގެ ތެރޭގައި ފަރުދީ މައްސަލަތައް ނުހިމެނޭ ކަމަށެވެ.
"މީޑިއާގައި މަސައްކަތް ކުރާ މީހުންގެ ވަޒީފާ އާއި އެ ނޫން ވެސް މި ފަދަ ކަންކަމަކީ ފަރުދީ ކަންކަން. އެ ފަދަ ކަންކަމާ މެދު ފިޔަވަޅު އެޅުމުގެ ބާރެއް އަޅުގަނޑުމެންނަށް ލިބިފައެއް ނެތް،" އެ މީހަކު ބޭނުން ތަނެއްގައި ވަޒީފާ އަދާ ކުރުމުގެ ހައްގު ގާނޫނުއަސާސީން ލިބިދީފައި ވާކަން ފާހަގަކުރައްވައި ޝަހީބު ވިދާޅުވި އެވެ.
ބްރޯޑްކާސްޓިން ކޮމިޝަންގެ އިދާރާ: "ހަވީރު"ގެ ކުރީގެ މުވައްޒަފުން މިހާރު އަދާ ކުރާ ވަޒީފާއާ މެދު ޝަކުވާ ހުށަހަޅައިފި ނަމަ ގޮތެއް ނިންމުން އެ ކޮމިޝަނާ ވަނީ ހަވާލުކޮށްފައި.-- ފައިލް ފޮޓޯ: ނިޝާން އަލީ/ މިހާރު
އޭނާ ވިދާޅުވީ ބްރޯޑްކާސްޓިން ކޮމިޝަންގެ މެންޑޭޓުގައި ނުހިމެނޭ ކަމެއް، މި ހުކުމުގައި އެ ކޮމިޝަނާ ހަވާލުކޮށްފައި ވުމުން ހައިރާންވެ ވަޑައިގަންނަވާ ކަމަށެވެ. އެހެންވެ، މިކަމާ ގުޅޭ ގޮތުން ބަންޑާރަ ނައިބުގެ ލަފައެއް ވެސް ހޯދާނެ ކަމަށާއި އިތުރަށް ބަލަން ހުރި ކަންކަން ވެސް ބަލާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
"ކޯޓުތަކުގެ ހުކުމްތަކަށް އަޅުގަނޑުމެން އިހުތިރާމް ކުރަން. ހުރިހާ މުއައްސަސާއަކުން ވެސް އިހުތިރާމް ކުރަންޖެހޭނެ. އެކަމަކު، އަޅުގަނޑު މި ދަންނަވާ ވާހަކައަކީ މީހަކު ހަވީރުގައި ނޫނީ މިހާރުގައި މަސައްކަތް ކުރާތީ އެއީ އޭނާ އަށް ކުރެވޭނެ ކަމެއް ނޫނޭ ބުނެ، އޭނާ ވަޒީފާ އިން ވަކިކުރުން އެއީ އަޅުގަނޑުމެންނަށް ކުރެވޭނެ ކަމެއް ނޫނޭ،" ޝަހީބު ވިދާޅުވި އެވެ.
"މިހާރު"ގެ ބައެއް ނޫސްވެރިން މަސައްކަތުގައި.-- ފައިލް ފޮޓޯ: މުހައްމަދު ޝަރުހާން/ މިހާރު
"ހަވީރު"ގެ ކުރީގެ މުވައްޒަފުން އެހެން މީޑިއާއެއްގައި މަސައްކަތް ކުރުން ހުއްޓުވޭނެ ގޮތެއް ނެތް ކަމަށް ހޯމް މިނިސްޓްރީ ހިންގެވުމާ ހަވާލުވެ ހުންނެވި ބަންޑާރަ ނައިބު މުހައްމަދު އަނިލް ވަނީ މިރޭ ވިދާޅު ވެފަ އެވެ.
ސިވިލް ކޯޓުން އަމަރު ކުރީ ހަވީރު ނިއުސް އޭޖެންސީގެ ތިން ހިއްސާދާރުން ކަމަށްވާ އިބްރާހިމް ރަޝީދު މޫސާ އާއި އަބްދުﷲ ފާރޫގު ހަސަނާއި މުހައްމަދު ނައީމްގެ ފަރާތުން ހަވީރު ނޫހުގެ ކުރީގެ މަސްއޫލުވެރިޔާ މުހައްމަދު ޒާހިރު ހުސައިނާ ދެކޮޅަށް ހުށަހެޅި މައްސަލައިގަ އެވެ. އެ ތިން މީހުންގެ ފަރާތުން ދައުވާ ކޮށްފައި އޮތީ "ހަވީރު" ނޫސް ހިންގައިގެން މިހާތަނަށް ލިބުނު ފައިދާގެ ތެރެއިން އެ ތިން މީހުންނަށް ލިބެން ޖެހޭ މިންވަރު ކޯޓު މެދުވެރިކޮށް ހޯދައި ދިނުމަށާއި ހަވީރު ނޫސް ހިންގުމުގައި ބައިވެރިވެވޭނެ ގޮތް ހަދައި ދިނުމަށެވެ.
"ހަވީރު"ގައި މަސައްކަތް ކުރި މީހުންނާ މެދު ފިޔަވަޅެއް އެޅުމަށް އެ ދައުވާގައި އެދިފައި ނެތަސް، ކޯޓުން ހުކުމް ކުރިއިރު އޮތީ މުވައްޒަފުންގެ މައްޗަށް ވެސް އަމުރު ކޮށްފަ އެވެ.
ހަވީރު" ހުއްޓާލިއިރު، އެ ތަނުގައި މަސައްކަތްކުރި ގިނަ މުވައްޒަފުން ވަޒީފާ އަދާކުރަމުން ދަނީ "މިހާރު" ނޫހުގަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ