އިންތިހާބުގައި ދާއިރާގެ ފަންސާސް އިންސައްތަ މީހުން އެމްޑީޕީއަށް ނޫނެކޭ ބުނި: އާދަމް ޝަރީފް

ރައްޔިތުންގެ މަޖިލީހުގެ ކ. ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން ވެރިކަން ކުރާ މައި ޕާޓީ އެމްޑީޕީން ކާމިޔާބު ކުރީ ފައިސާ ބަހައި، ނުފޫޒު ބޭނުންކޮށްގެންކަމަށް ޕީއެންސީގެ ނައިބު ރައީސް އަދި މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް އުމަރު ވިދާޅުވެއްޖެ އެވެ.
އިއްޔެ ބޭއްވި ގުރައިދޫ ދާއިރާގެ ބައި އިލެކްޝަން އެމްޑީޕީން ކާމިޔާބު ކުރިއިރު، މިއީ އެ ޕާޓިއަށް ލިބުނު ތާރީހީ މޮޅެކެވެ. އަހަރުތަކެއް ވަންދެން ޕީޕީއެމުން ކޮންޓްރޯލް ކުރަމުން އައި ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުނު މިއީ ފުރަތަމަ ފަހަރެވެ.
ގޮނޑި ކާމިޔާބު ކުރެވޭނެކަމުގެ ފުރިހަމަ ޔަގީންކަން އޮތް ނަމަވެސް، ޕީޕީއެމްގެ ކެނޑިޑޭޓު ހުސެއިން ރިޒާ އާއި އެމްޑީޕީގެ ކެނޑިޑޭޓު އިބްރާހިމް ޝާޒް އިންތިހާބު ނަގާފައި ވަނީ 120 ވޯޓުގެ ތަފާތަކުންނެވެ.
ޝާޒަށް އިންތިހާބުގައި 1346 ވޯޓު ލިބުނުއިރު، ރިޒާއަށް ލިބިފައި ވަނީ 1226 ވޯޓެވެ. އޭގެ އިތުރުން އެމްއެންޕީގެ ޓިކެޓުގައި ވާދަކުރި އަރީފަށް ވަނީ 122 ވޯޓު ލިބިފަ އެވެ.
މިދިޔަ ތިން ދައުރުގައި ވެސް ޕީޕީއެމަށް ލިބުނު ގުރައިދޫ ދާއިރާގެ ގޮނޑި އެމްޑީޕީއަށް ލިބުމަކީ، ކާމިޔާބެއްކަން ފާހަގަކޮށް ރައީސް އިބްރާހިމް މުހައްމަދު ސޯލިހު ވެސް ވަނީ ރައްޔިތުން ސަރުކާރަށް ދެވަނަ ދައުރެއް ދޭން ތައްޔާރަށް ތިބިކަން ހާމަވާކަމަށް ވިދާޅުވެފަ އެވެ. އަދި އެމަނިކުފާނަށް ތާއީދު ކުރާ ސަރުކާރު މެމްބަރުން ވެސް ވަނީ ރިޔާސީ އިންތިހާބު ފަސޭހަކަމާއި އެކު ކާމިޔާބު ކުރެވޭނެކަމަށް ވިދާޅުވެފަ އެވެ.
Dhaairaage vote lee 2755 meehunge therein sarukaaruge hurihaa nufoozakaai behi hurihaa laariyaaeku libunee 1346. Baakee 1409 bunee sarukaarah noonekey. 3 rashun 50% nulibey. Mi sample ah balaanama, riyaasee inthihaabu boduthanun MDP balive, PPM molhuvaane!https://t.co/NbrNjudGFn
— Adam Shareef Umar (@Adamshareefz) April 15, 2023
އިންތިހާބުގެ ނަތީޖާއާއި ގުޅޭގޮތުން އާދަމް ޝަރީފް ވިދާޅުވީ މިއީ އެތައް މިލިއަން ރުފިޔާއެއް ހަރަދުކޮށް، ފޯރުވި ނުފޫޒުގެ ނަތީޖާކަމަށެވެ. އެކަމަކު ރައީސް ސޯލިހަށް ރާއްޖޭގެ ހުރިހާ ރައްޔިތުން ނުގަނެވޭނެކަމަށާއި، އަދި ބާރުގެ ބޭނުން ވެސް ނުދެއްކޭނެކަމަށް އޭނާ ވިދާޅުވި އެވެ.
އާދަމް ޝަރީފް ވިދާޅުވީ ޕީޕީއެމްގެ އެންމެ ބޮޑު އުންމީދަކީ ރައީސް ޔާމީންކަމަށާއި އެމަނިކުފާނު މިނިވަންވެ 2023 ގެ ރިޔާސީ އިންތިހާބު ކާމިޔާބު ކުރާނެކަމަށެވެ.
މީގެއިތުރުން އާދަމް ޝަރީފް ވިދާޅުވީ، ސަރުކާރުގެ ހުރިހާ ވަސީލަތްތައް ބޭނުންކޮށްގެން ކުރި ކެމްޕެއިނާއި ފޯރުވި ނުފޫޒަށް ފަހު ވެސް ވޯޓު ލީ 2755 މީހުންގެ ތެރެއިން އެމްޑީޕީއަށް ލިބުނީ 1300 ވޯޓު ކަމަށެވެ. އަދި 1400 މީހުން އެމްޑީޕީއަށް ނޫނެކޭ ބުނިކަމަށް ވިދާޅުވި އެވެ.
ނަތީޖާތަކުން އެމްޑީޕީއަށް ދާއިރާގެ 50 އިންސައްތަ ވެސް ނުލިބޭކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ. އެހެންކަމުން، ސަރުކާރަށް ދެވަނަ ދައުރެއް ލިބޭނެކަމަށް ބުނެ ދައްކާ ވާހަކައިގައި އަދި އެއްވެސް ކުލައެއް ނެތްކަމަށް އާދަމް ޝަރީފް ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ