ބައި އިލެކްޝަނުން ޖާގަ ގެއްލުނީ ކަރަންޓު ކެނޑި ލިބެންޖެހޭ ފޯމެއް ނުލިބި ލަސްވުމުން: އެމްޑީޕީ

ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީގެ ބައި އިލެކްޝަނަށް ކެޑިޓޭޓުގެ ފޯމް ސުން ގަޑީގެ ކުރިން އިލެކްޝަންސް ކޮމިޝަނަށް ހުށަނޭޅުނީ ކަރަންޓު ދިޔުމުގެ ސަބަބުންކަމުގައި އެމްޑީޕީން ބުނެފި އެވެ.
ވިލިމާލެ ދާއިރާގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކޮމިޓީގެ ގޮޑި ހުސްވެގެން ދިޔައީ މަގާމުގައި ހުންނެވި އާމިނަތު އީމަން ނިޔާވުމުންނެވެ.
އިލެކްޝަންސް ކޮމިޝަނުން އިންތިހާބަށް އިއުލާނުކޮށް ފޯމު ހުށަހެޅުމަށް އެކަށީގެންވާ މުއްދަތެއް ދިން ނަމަވެސް ވަގުތު ހަމަވީއިރު އިންތިހާބުގައި ވާދަކުރުމަށް ފޯމު ހުށަހެޅީ އިދިކޮޅު ޕީޕީއެމާއި އެމްއެންޕީންނެވެ.
ބުރާސްފަތި ދުވަހުގެ މެންދުރުގެ 14:00 ގައި ވަގުތު ހަމަވީ ނަމަވެސް އެމްޑީޕީން އޭގެ 45 މިނެޓު ފަހުން ފޯމު ހުށަހެޅި އެވެ. ޕާޓީއަށް އެ ފުރުސަތު ނުދިނުމަށް ކޮމިޝަނުގެ މެމްބަރުންގެ އިއްތިފާގުން ނިންމިއިރު މި މައްސަލައިގައި އެމްޑީޕީގެ އިދާރީ ހިންގުމާއި ވަގުތީ ގޮތުން ހަވާލުވެ ހުންނެވި ހުޅުމާލެ ދާއިރާގެ މެމްބަރު އަލީ ނިޔާޒު ވިދާޅުވީ ގަޑި ޖެހިގެން އިންތިހާބާއި ބެހޭ މަރުކަޒަށް ދެވުނީ ދިމާވި ބައެއް މައްސަލަތަކާއި ހެދި ކަމަށެވެ. އެގޮތުން ބުރާސްފަތި ދުވަހުގެ ހެނދުނު މާލެއާއި ހުޅުމާލޭގެ ބައެއް ސަރަހައްދުތަކުން ކަރަންޓު ކެނޑުމުގެ ސަބަބުން ޑިޕާޓްމެންޓް އޮފް ޖުޑިޝަލް އެޑްމިނިސްޓްރޭޝަނުން ހޯދަން ޖެހޭ ފޯމެއް ލިބިފައި ނުވާކަމަށް އޭނާ ވިދާޅުވި އެވެ.
އެމްޑީޕީން ކެނޑިޑޭޓެއް ކަނޑައެޅުމުގައި ވެސް ލަސްތަކެއް ކުރިކަމަށް ދެކެވޭ ވާހަކައިގެ ރައްދުގައި ނިޔާޒް ވިދާޅުވީ ޕާޓީއަށް ޕްރައިމެރީ ބާއްވައި ކެނޑިޑޭޓެއް ނެގުމުގައި ލަސްތަކެއް ދިމާވިޔަސް ފޯމު ހުށަނޭޅުނީ އެ ސަބަބާއި ހުރެ ނޫން ކަމަށެވެ. މިގޮތަށް ކަން ދިމާވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބުގެ ފޯރިވެސް ގަދަވެފައިވާ ދަނޑިވަޅެއްގެ ތެރޭގައިކަމުން އެއްވެސް މީހަކު ކުށްވެރި ކުރުމަށް ބޭނުން ނުވާކަމަށް ނިޔާޒް ވިދާޅުވި އެވެ.
ނިޔާޒް ވިދާޅުވީ ފޯމު ބަލައިގަތުމަށް އީސީން ދެކޮޅު ހެދުމުން ކަރަނޓު ކެނޑުމުން ލިޔުންތައް ނުލިބި ލަސްތަކެއް ދިމާވިކަމަށް މެމްބަރުންނާއި ހިއްސާ ކުރިކަމަށާއި ނަމަވެސް އެއީ ގަބޫލު ކުރެވޭ ވަރުގެ އުޒުރެއް ނުވަތަ ސަބަބެއްގެ ގޮތުގައި ކޮމިޝަނުން ބަލައި ނުގަތްކަމަށެވެ.
އިތުރު ކަންބޮޑުމެއްގެ ގޮތުގައި ނިޔާޒު ފާހަގަ ކުރެއްވީ، އެންމެ ފުރަތަމަ ބައި އިލެކްޝަން ބާއްވަން ނިންމާފައި އޮތް މޭއި 14 އަކީ އެ ޕާޓީން ޕްރައިމެރީ ބައްވަން ނިންމި ދުވަސް ކަމަށެވެ. އޭގެ ފަހުން އީސީން އަނެއްކާވެސް ތާރީހު 16 އަށް ބަދަލު ކުރިކަމަށް ނިޔާޒް ވިދާޅުވި އެވެ. މިފަދަ ބަދަލެއް ގެންނައިރު ފޯމު ހުށަހަޅާ މުއްދަތު ވެސް އިތުރު ކުރަން ޖެހޭކަމުގައި ނިޔާޒް ވިދާޅުވި އެވެ.
އިންތިހާބުގައި ވާދަ ކުރުމުގެ ފުރުސަތު އެމްޑީޕީއަށް ގެއްލުން، ބައެއް މެމްބަރުން ގުޅުވީ އެތެރޭގެ އިންތިހާބާއި އެވެ. ހާއްސަކޮށް އިދާރީ ގޮތުން ހުރި އެތައް މައްސަލައެއް ހައްލުކޮށް ޕާޓީ ހިންގަން ޖެހޭ ސަބަބަކީ މިއީކަމަށް ސިފަ ކުރި އެވެ.
މީގެއިތުރުން ވިލިމާލެ ބައި އިލެކްޝަންގައި ވާދަ ކުރާގޮތަށް ހަމަޖެއްސި އެމްޑީޕީގެ ކެނޑިޑޭޓު ހައްވާ އިބްރާހީމް މީޑިއާކާއި ވާހަކަ ދައްކަމުން ވިދާޅުވީ އިންތިހާބު ގެއްލުނީ ދާއިރާގެ ރައީސް ފިރުޒުލް ފިރާޒްގެ އިހުމާލުން ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ