ވިއްސާރައިގެ ގެއްލުމުގެ ބަދަލުގެ ގޮތުގައި 4 ލައްކަ ރުފިޔާ ދެނީ

ފާއިތުވި އަހަރުގެ ޑިސެމްބަރު މަހު ރާއްޖޭގެ އެކި ހިސާބުތަކަށް ކުރި ވިއްސާރާގައި ލިބުނު ގެއްލުން ފޫބެއްދުމަށް އެފަރާތްތަކަށް ފައިސާ ދިނުމަށް ނޭޝަނަލް ޑިޒާސްޓާ މެނޭޖްމަންޓު އޮތޯރިޓީ (އެންޑީއެމްއޭ) އިން ނިންމައިފިއެވެ.
ވިއްސާރައިގެ ސަބަބުން ޑިސެމްބަރު މަހު ރާއްޖޭގެ 9 ރަށެއްގެ 90 ގެއަކަށް ވަނީ ގެއްލުން ލިބިފައެވެ. އެގޮތުން އެންޑީއެމްއޭ އިން ވަނީ މި ފަރާތްތަކަށް 4 ލައްކަ ރުފިޔާ ބަހަން ނިންމާފައެވެ.
ވިއްސާރާގެ ސަބަބުން ގެއްލުން ލިބުނު ނުވަ ރަށުގެ ތެރޭގައި ހިމެނެނީ ސ. މަރަދޫ އެ އަތޮޅު ފޭދޫ ޏ. ފުވައްމުލައް، ބ. ގޮއިދޫ, ލ. ގަން, އެ އަތޮޅު މާމެންދޫ, ޅ. ހިންނަވަރު، ކ. ގުރައިދޫ، އަދި އެ އަތޮޅު ހިންމަފުއްޓެވެ. މި ރަށްތަކުން ޖުމްލަ 103 ގެއެއްގެ އެސެސްމަންޓް ހަދާފައިވެއެވެ.
ކާރިސާތަކުގައި އެހީ ފޯރުކޮށްދިނުމުގެ އުސޫލުގެ ދަށުން އެންޑީއެމްއޭއިން އެސެސްމަންޓް ހެދިއިރު ޒަރޫރީ ހިފާގެންގުޅޭ ތަކެއްޗާއި ސްޓްރަކްޗަރަލް ގެއްލުންތަކަށް 1.6 މިލިއަން ރުފިޔާގެ ގެއްލުން ލިބިފައިވާ ކަމަށް ބުނެފައިވެއެވެ.
ނަމަވެސް އެހީގެ ގޮތުގައި ދެނީ 474,349 ރުފިޔާ އެވެ. އެއީ ހިފާގެންގުޅޭ ތަކެއްޗަށް ލިބުނު ގެއްލުމުގެ އަގުގެ 20 ޕަސަންޓުގެ ގޮތުގައި 291,824 ރުފިޔާ އަދި ސްޓްރަކްޗަރަލް ގެއްލުން ލިބުނު 21 ގެއަކަށް 182,525 ރުފިޔާއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ