މެމްބަރުން ބޭނުންވަނީ އައްޑޫގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް

ކަރަންޓުގެ ޚިދުމަތްފަދަ އަސާސީ ޙިދުމަތްތައް ފޯރުކޮށްދިނުމަށް ދިމާވާ މައްސަލަތަކަށް ދާއިމީ ހައްލެއް ހޯއްދެވުމަށް ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން ގޮވާލައްވައިފިއެވެ.
ރައްޔިތުންގެ މަޖިލީހުގެ މެމްބަރުން މިކަމަށް ގޮވާލެއްވީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރުމަށް ގޮވާލައި ރައްޔިތުންގެ މަޖިލީހަށް ހުށަހެޅުނު ކުއްލި މައްސަލައަށް ބަހުސްކުރަައްވަމުންނެެެވެ.
އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހެޅުއްވީ މަޖިލީހުގެ މައިނޯރިޓީ ލީޑަރު އަދި ހިތަދޫ ދެކުނު ދާއިރާގެ މެންބަރު އިބްރާހިމް ނާޒިލެވެ.
ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު ނާޒިލް ވިދާޅުވީ އައްޑޫއިން ކަރަންޓު ކެނޑެނީ އެ ސިޓީއަށް ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދޭ ފެނަކަ ކޯޕަރޭޝަނުގެ އިހުމާލުންކަމަށެވެ. އަދި އެކަންކަން ހައްލު ކުރެއްވުމަކީ ސަރުކާރުގެ ޒިންމާއެއްކަމަށްވެސް އޭނާ ވިދާޅުވިއެވެ.
"އަޅުގަނޑަށް ފެނުނު މި މައްސަލައަށް ދާއިމީ ހައްލެއް ހޯދައިދިނުމަށް ސަރުކާރުން މަސައްކަތް ކުރަމުންދާ ވާހަކަ. ދާއިމީ ހައްލެއް ހޯދަން އެބަ ނަގާ ދުވަސް. އަހަރެއް، ދެއަހަރު ތިން އަހަރު ވަރު އެބަނަގާ. ދާއިމީ ހައްލެއް ލިބެންވާއިރަށްވެސް މިހާރު ދެމުންދާ ޚިދުމަތްވެސް މެދުނުކެނޑި ރައްޔިތުންނާ ހިސާބަށް ފޯރުކޮށްދިނުން އެއީ ސަރުކާރުގެ ޒިންމާއެއް،" މެންބަރު ނާޒިލް ވިދާޅުވިއެވެ.
މި މައްސަލައަށް ބަހުސްކުރައްވަމުން ހުޅުދޫ ދާއިރާގެ މެންބަރު މުޙައްމަދު ޝާހިދު ވިދާޅުވީ ކަރަންޓުގެ ޚިދުމަތް ފޯރުކޮށްދިނުމަށް ބޭނުންވާ ސާމާނު ގަންނަން ބޭނުންވާ ފައިސާ ފެނަކައިގައި ނެތް ކަމަށެވެ. އަދި އެ ފައިސާ ކުންފުނީގައި ނެތީ ކުރީ ސަރުކާރުން ކުންފުންޏާމެދު އިހުމާލުވެ، ކުންފުނި ދަރުވާލާފައި އޮތުމުން ކަމަށް ޝާހިދު ވިދާޅުވިއެވެ.
"ފަނަކަ އެކަނި ނިމިދިޔަ ސަރުކާރުން ދަރުވާލާފައި އޮތީ 4 ބިލިއަނަށްވުރެ މަތިން. 9000 މުވައްޒަފުން އެތަނަށް ސިޔާސީގޮތުން ލައްވައިގެން މުޅި ކުންފުނި ބަނގުރޫޓުކޮށް ކުންފުނީގަ އެއްވެސް އެއްޗެއް ނެތި ދިޔައިމަ އަޅުގަނޑުމެންނަށް ނެތް އެ ސްޕެއާ ގަންނާނެ ލާރިއެއް. ސަބަބަކަށް ވަނީ ރައްޔިތުން އެބައާދޭ ކޮންމެ ދުވަހަކު 40 މިލިއަން 50 މިލިއަނުން ބިލް ހިފައިގެން ލާރި ހޯދަން،" މެންބަރު ޝާހިދު ވިދާޅުވިއެވެ.
ހިތަދޫ މެދު ދާއިރާގެ މެންބަރު އަހުމަދު އަޒާން މަރުޒޫޤް ވިދާޅުވީ އައްޑޫ ސިޓީން ކަރަންޓު ކެނޑުމުގެ މައްސަލައަކީ މީގެ ކުރިންވެސް ދިމާވާ މައްސަލައެއް ކަމަށާއި މިފަހުން ކަރަންޓު ކެނޑުނީ މަގު ހަދަމުންދަނިކޮށް ކޭބަލެއް ބުރިވެގެން ކަމަށެވެ. އަދި ޑިމާންޑަށްވުރެ ކަރަންޓުގެ ކެޕޭސިޓީ އައްޑޫ ސިޓީގައި ދަށް ކަމަށާއި މި ސަރުކާރުން ދާއިމީ ހައްލެއް ހޯދުމަށް ކުރަމުންދާ މަސައްކަތުގެ އިތުރުންވެސް، ކަރަންޓުގެ ޚިދުމަތް މެދުކެނޑުނަ ނުދިނުމަށް ގިނަ މަސައްކަތްތައް ސަރުކާރުން ކުރަމުންދާކަން އަޒާން ފާހަގަކުރެއްވިއެވެ.
"ކެޕޭސިޓީ ދަށްމިވީ ދެ އިންޖީނެއް ހުއްޓުމުގެ ސަބަބުން. ފުރަތަމަ އިންޖީނު ހުއްޓުނީ 2023 ވަނަ އަހަރު ރައީސް އިބްރާހިމް މުޙައްމަދު ޞާލިހުގެ ވެރިކަމުގައި. އެ އިންޖީނުވެސް ރިޕްލޭސްކުރީ މި ސަރުކާރުން. ދެވަނައަށް ހަލާކުވި އިންޖީނު ދެ ހަފުތާގެ ތެރޭގައި ރިޕްލޭސްކޮށްފައި އެބަގެނޭ. އަދި ކުރިއަށް އޮތް ދެ މަސްތެރޭ އިތުރު ދެ މެގަވޮޓްގެ ދެ އިންޖީނު އެބަގެނޭ. އެހެންވީމަ މިކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް އެބަލިބޭ،" މެންބަރު އަޒާން ވިދާޅުވިއެވެ.
މި މައްސަލައިގައި ބަހުސްކުރެއްވި ގިނަ މެންބަރުން ވަނީ އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލަ ހައްލުކުރެއްވުމަށް ނިމިދިޔަ ސަރުކާރުން މަސައްކަތެއް ނުކުރާކަން ފާހަގަކުރައްވާފައެވެ. އަދި މި ސަރުކާރުން ކުރައްވަމުން ގެންދަވާ މަސައްކަތްތަކާއެކު އައްޑޫ ސިޓީގެ ކަރަންޓުގެ މައްސަލައަށް ދާއިމީ ހައްލެއް ލިބިގެންދާނެ ކަމަށްވެސް ގަބޫލުކުރައްވާކަމަށްވެސް މެމްބަރުން ވިދާޅުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ