ރައީސަށް ނިސްބަތްކޮށް ޝަމްއާން ދެއްކީ ދޮގު ވާހަކަ: މުންދު

ރައީސް ޑރ. މުހައްމަދު މުއިއްޒަށް ނިސްބަތްކޮށް ކުރީގެ އިމިގްރޭޝަން ކޮންޓްރޯލާ މުހައްމަދު ޝަމްއާން ވަހީދު މިއަދު ދެއްކެވި ވާހަކަތައް ސަރުކާރުގެ އިސް ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ދޮގު ކުރައްވައިފި އެވެ.
ރައީސް މުއިއްޒާއި ހޯމްލޭންޑް ސެކިއުރިޓީ މިނިސްޓަރު އަލީ އިހްސާނަށް ޝަމްއާން މިއަދު ވަނީ ބޮޑެތި ތުހުމަތުތަކެއް ކުރައްވާފަ އެވެ.
އެ ތުހުމަތުތަކާއި ގުޅޭ ގޮތުން ތަރުޖަމާނު މުހައްމަދު ހުސެއިން ޝަރީފު ވިދާޅުވީ އެއީ "ކަނޑައެޅިގެން ދޮގު ވާހަކަތަކެއް" ކަމަށެވެ.
ޝަމްއާން މިއަދު ވިދާޅުވީ ބޯޑާ ކޮންޓްރޯލް ސިސްޓަމް، މިނިސްޓަރު އިހުސާން ބޭނުންވާ ވަކި ބަޔަކަށް ވިއްކާލާފައިވާ ކަމަށާއި އެކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން ރައީސް މުއިއްޒު ގުޅުއްވި ކަމަށެވެ.
"މިކަން ހުއްޓުވުމަށް މަސައްކަތް ކުރުމުން އަދި އެކަމާ ދެކޮޅު ހެދުމުގެ ސަބަބުން އެކި ފަހަރު މަތިން އަޅުގަނޑަށް ސީދާ ރައީސް މުއިއްޒު ގުޅި. އެމައްސަލައިގައި އެންމެ ފަހުން އަޅުގަނޑަށް ގުޅި ދުވަހު "މިކަން އިތުރު ގޮތަކަށް ބަދަލެއް ނުވާނެ" ކަމަށް ބުނެ ކޯފާ އިސްކުރައްވާ އަޅުގަނޑަށް އިންޒާރު ދެއްވި،" ޝަމްއާން ވިދާޅުވި އެވެ.
ބޯޑާ ކޮންޓްރޯލް ސިސްޓަމް ވިއްކާލުމަކީ މިނިސްޓަރު އިހުސާން އަދި އެޓާނީ ޖެނެރަލް އަހުމަދު އުޝާމް އިސްވެ ތިބެ ހިންގާ ބޮޑު ޖަރީމާއެއް ކަމަށް ޝަމްއާން ތުހުމަތު ކުރެއްވި އެވެ.
"މިކަމާއި ގުޅޭ ހެކި، ފުލުހުން އަތުގައި އަދިވެސް އޮތް އަޅުގަނޑުގެ ފޯންގައި ހުންނާނެ. މި މަސައްކަތް ސިއްރިއްޔާތުގައި ދަނީ ހިނގަމުން،" ޝަމްއާން ވިދާޅުވި އެވެ.
ޝަމްއާން ވިދާޅުވީ ބިދޭސީން ގެނައުމަށް ދޫކުރާ ކޯޓާ އަދި ވޯކް ޕާމިޓް އެޕްރޫވް ކުރުމަށް މިނިސްޓަރު އިހުސާން ހިންގަމުން ގެންދިޔަ ޖަރީމާ ރައީސްގެ ސަމާލު ކަމަށް މިދިޔަ އަހަރުގެ ޖެނުއަރީ 16 ވަނަ ދުވަހު ގެންނެވި ކަމަށެވެ.
އެ ގޮތުން ކޮންމެ ކޯޓާއަކަށް 8000 ރުފިޔާގެ މަގުން އަދި އެޕްރޫވް ކުރާ ބަންގްލަދޭޝް މީހަކަށް 1800 ޔޫއެސް ޑޮލަރުގެ މަގުން މިކަން ކުރަމުންދާކަން ހެއްކާއެކު ރައީސަށް ހުށަހެޅުއްވި ކަމަށް ޝަމްއާން ވިދާޅުވި އެވެ.
"ރައީސް އެސްޓޯނިޔާގައި ހުންނަވާ ދެއްވި ޖަވާބަކީ؛ މިނިސްޓަރު އިހްސާން އާއި ދެކޮޅަށް ޝައްމާން ޒާތީ ގޮތުން ކަންކަން ކުރާކަމުގެ މައުލޫމާތު ލިބިއްޖެ. އިހްސާން ގާނޫނާއި ގަވައިދާއި ހިލާފު އެއްވެސް ކަމެއް ނުކުރޭ. އަދި ޔަގީން ނުވެސް ކުރާނެ. އަޅުގަނޑަށް އިވުނު ވާހަކައެއީ ހަގީގަތެއްނަމަ ދަންނަވަން. ލޯޔަލް ވުމަކީ ތިއެއް ނޫން،" ޝަމްއާން ވިދާޅުވި އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ