ދެތިން ހަފްތާތެރޭގައި ހަންކެޑެގެ ޑީޓެއިލް ޕްރޮޖެކްޓެއް އިއުލާންކުރާނަން - އަމީން

ދެތިން ހަތަރު ހަފުތާއެއްގެ ތެރޭގައި އައްޑޫ ހެންކެޑެގެ ޑީޓެއިލް ޕްރޮޖެކްޓެއް، މަސައްކަތް ފެށޭނެ ގޮތަށް އިންތިޒާމު ކުރެވިގެން އިޢުލާންކުރެވިގެން ދާނެކަމަށް ޓްއަރިޒަމް މިނިސްޓަރ މުހައްމަދު އަމީން ވިދާޅުވެއްޖެއެވެ.
ރައްޔިތުން މަޖިލީހުގެ މިއަދުގެ ޖަލްސާގައި ހިތަދޫ މެދުދާއިރާގެ މެންބަރު އަހްމަދު އަޒާން ކުރެއްވި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރ އަމީން ވިދާޅުވީ ހަންކެޑެ މަޝްރޫއަކީ އައްޑޫ ރައްޔިތުންނަށާއި އަދި މުޅި ދެކުނުގެ ފަތުރުވެރިކަމަށް ވަރަށް މުހިއްމު މަޝްރޫއެއް ކަމަށް ސަރުކާރުން ވެސް ގަބޫލުކުރައްވާ ކަމަށެވެ.
"ހަންކެޑެ ޕްރޮޖެކްޓް ފެށުމަށްޓަކައި ވަރަށް ބޮޑެތި މަސައްކަތްތަކެއް ކުރަމުން އެބަ ގެންދަން. އިރާދަކުރެއްވިއްޔާ އަޅުގަނޑު ގަބޫލުކުރާ ގޮތުގައި މާ ގިނަ ދުވަސްތަކެއް ނުވެ، ކުރިއަށް އޮތް ދެތިން ހަތަރު ހަފުތާއެއްގެ ތެރޭގައި ވަރަށް ޑީޓެއިލް ޕްރޮޖެކްޓެއް އިޢުލާންކުރެވި، މަސައްކަތް ފެށޭނެ ގޮތަށް އިންތިޒާމު ކުރެވިގެންދާނެ." އަމީން ވިދާޅުވިއެވެ.
އިންޓަގްރޭޓެޑް ރިސޯޓެއްގެ ގޮތުގައި ހަންކެޑެ ތަރައްގީކުރަން ޓޫރިޒަމް މިނިސްޓްރީން މިދިޔަ އަހަރުގެ އޮކްޓޯބަރ މަހު އިއުލާނުކުރިއެވެ. އޭރު ޓޫރިޒަމް މިނިސްޓްރީން ކުރި އިއުލާނުގައިވާ ގޮތުން ހަންކެޑެގައި ތަރައްގީ ކުރަނީ 1،000 އެނދުގެ ރިސޯޓެކެވެ. ހަންކެޑެ ހަލާލު ޓޫރިޒަމްގެ ރަށަކަށް ހަދަން މިދިޔަ އަހަރުގެ ޖޫން މަހު ސަރުކާރުން އިއުލާންކުރި ނަމަވެސް ފަހުން ވަނީ އެނިންމުން ބަދަލުކޮށްފައެވެ.
މި މަޝްރޫއު ކުރިއަށް ގެންދިއުމަށް އެކި ސަރުކާރުތަކުން މީގެ ކުރިން ހަތަރު ކުންފުންޏަކާ ހަވާލުކުރިއެވެ. އެންމެ ފުރަތަމަ މީގެ 21 އަހަރު ކުރިން މި މަސައްކަތް ހަވާލުކުރީ ފުވައްމުލަކުގެ ކުންފުންޏެއް ކަމަށްވާ ތޫނޑު ޕްރައިވެޓް ލިމިޓެޑާއެވެ. ނަމަވެސް އެ ކުންފުންޏަށް މަސައްކަތް ނުނިންމުމުން ޖޫރިމަނާކޮށް، ސަރުކާރަށް ރަށް ނެގީއެވެ. އޭގެ ފަހުން 2008 ވަނަ އަހަރު ހާފް ޑިގްރީ ކުންފުންޏާ ހަވާލުކުރި ނަމަވެސް އެކަން ވެސް ވަނީ ނާކާމިޔާބުވެފައެވެ.
އޭގެފަހުން މި މަޝްރޫއު ހަވާލުކުރީ ސިންގަޕޫރުގެ ކްރެސެންޑާޒް ގްރޫޕާއެވެ. އެ ކުންފުނިން 2014 ވަނަ އަހަރު ރިސޯޓު ހުޅުވާނެ ކަމަށް ބުނި ނަމަވެސް، އެ މަސައްކަތް ވެސް ކުރިއަށް ގޮސްފައެއް ނުވެއެވެ. މިދިޔަ ސަރުކާރުން މި މަޝްރޫއު ޗައިނާގެ ނޭޝަނަލް އިލެކްޓްރިކަލް އިންޖިނިއަރިން ކުންފުންޏާ ހަވާލުކުރިއެވެ. 2024 ވަނައަހަރުގެ އޭޕްރީލް މަހު ވަނީ މި މަޝްރޫއު އަލުން އިއުލާންކޮށްފައެވެ. ނަމަވެސް މަސައްކަތް ފެށޭގޮތެއް ނުވިއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ