ގެސްޓްހައުސް އެވޯޑަށް ޖުލައި 15ގައި ހުޅުވާލަނީ

އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 އަށް ކުރިމަތިލުމަށް ޖުލައި 15 ގައި ހުޅުވާލުމަށް ހަމަޖެހިފައިވާކަމަށް މޯލްޑިވްސް އިސްލާމިކް ބޭންކުން ވިދާޅުވެއެވެ.
އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 އަށް ކުރިމަތިލުމުގެ ޝަރުތުތައް އެ ބޭންކުން މިހާރު ވަނީ ޢިއުލާނުކޮށްފިއެވެ. މިއީ ރާއްޖޭގެ ރަށްރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމް ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ރަށު ފެންވަރުގެ ޚިދުމަތްތެރިންނާއި، ގެސްޓްހައުސްތަކާއި، ރަށްތަކުގެ އަގުވަޒަންކުރުމުގެ ގޮތުން މިހާތަނަށް ރާއްޖޭގައި ދޭން ނިންމާފައިވާ ހަމައެކަނި އެވޯޑެވެ.
އެމްއައިބީން އިންތިޒާމުކުރާ މި އެވޯޑުގެ އިވޭލުއޭޝަން ކަންކަން މިނިވަންކަމާއެކު ކުރިއަށްގެންދާނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުންނެވެ. މި އެވޯޑަކީ ގެސްޓްހައުސް އެސޯސިއޭޝަނުންވެސް އެންޑޯސްކޮށްފައިވާ އެވޯޑެކެވެ.
އެވޯޑްތަކަށް ހޮވުމުގައި އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއް ގެންގުޅުމަށްޓަކައި އެމްއައިބީން ވަނީ ކޮންމެ ކެޓަގަރީއަކަށްވެސް ޚާއްޞަ ޝަރުތުތަކެއް ކަނޑައަޅާފައެވެ. މިގޮތުން އެމްއައިބީން މައުލޫމާތުދިން ގޮތުގައި ތަފާތު ސައިޒުތަކުގެ ގެސްޓްހައުސްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިންސާފުވެރިކުރުމުގެ ގޮތުން، ގެސްޓްހައުސްތަކަށް އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ ދެ ޓިއަރއަކަށް ބަހާލައިގެނެވެ.
ގެސްޓްހައުސްތައް ބަހާލާފައިވާ ޓިއަރތައް:
• ޓިއަރ 1- 10 ކޮޓަރިއާ ހަމައަށް ހިމެނޭ ގެސްޓްހައުސްތައް.
• ޓިއާ 2- 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތައް.
ގެސްޓްހައުސްތަކަށް ކަނޑައަޅާފައިވާ ޝަރުތުތައް:
• ދިވެހިރާއްޖޭގެ ކުންފުނިތަކާބެހޭ ގާނޫނުގެ ދަށުން ގާނޫނީގޮތުން ރަޖިސްޓްރީކޮށްފައިވާ ތަނަކަށްވުން.
• މިނިސްޓްރީ އޮފް ޓޫރިޒަމް އެންޑް ސިވިލް އޭވިއޭޝަނުން ދޫކޮށްފައިވާ، މުއްދަތު ހަމަނުވާ ގެސްޓްހައުސް ހިންގުމުގެ ލައިސަންސެއް އޮތުން.
• ގާނޫނީ ގޮތުން ބޭނުންވާ ލިޔެކިޔުންތައް (ޓެކްސް ކްލިއަރެންސް ސެޓްފިކެޓް، ޕެންޝަން ގާނޫނާ އެއްގޮތަށް ފައިސާ ދައްކާކަމުގެ ލިޔުން، އަދި ވަޒީފާއާބެހޭ ގާނޫނަށް ތަބާވާކަމުގެ ލިޔުންތައް) ހުށަހެޅުން.
• އެޕްލިކޭޝަން ހުށަހަޅާ ތާރީޚާ ހަމައަށް، މެދުކެނޑުމެއްނެތި މަދުވެގެން 12 މަސްދުވަހު ހިންގާފައިވާ އަދި މިހާރުވެސް އޮޕަރޭޓްކުރަމުންދާ ތަނަކަށްވުން.
• ބުކިންގް.ކޮމް، އެއާބީއެންބީ، އަގޯޑާ ނުވަތަ ޓްރިޕްއެޑްވައިޒާ ފަދަ ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އޮންލައިން ޓްރެވަލް ޕްލެޓްފޯމެއްގައި އެކްޓިވް ލިސްޓިންގްއެއް އޮތުން.
ވަކި ވަކި ފަރުދުންގެ އަދި ރަށްތަކަށް ކަނޑައަޅާފައިވާ ޝަރުތުތައް:
ވަކިވަކި ފަރުދުންނަށްދޭ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާންޖެހެއެވެ. އަދި އެފަރާތްތަކަކީ މޯލްޑިވްސް އިސްލާމިކް ބޭންކާ ނުވަތަ ކްރޯ މޯލްޑިވްސް އެޑްވައިޒަރީއާ އެއްވެސް ކަހަލަ މަސްލަހަތު ފުށުއެރުމެއް އޮތް ފަރާތްތަކަކަށް ވެގެން ނުވާނެއެވެ.
"ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލާ ރަށްރަށަކީ، ރަށު ފެންވަރުގައި ފަތުރުވެރިކަން ކުރިއެރުވުމަށް ދެމެހެއްޓެނިވި ގޮތެއްގައި މަސައްކަތްތަކެއް ކުރަމުންދާ ރަށަކަށް ވާންޖެހެއެވެ. އަދި އެޕްލިކޭޝަން ހުށަހަޅާއިރު، އެ ރަށެއްގައި އޮޕަރޭޓްކުރާ ގެސްޓްހައުސް ކޮޓަރީގެ ޖުމްލަ އަދަދު މަދުވެގެން 50 އަށް ވުރެ މަދުވެގެން ނުވާނެއެވެ.
އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 ގައި ޖުމްލަ 3 ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފައެވެ. އެއީ ކޮންމެ ޓިއަރ އަކުން ގެސްޓްހައުސްތަކަށް ޚާއްޞަ 8 އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށްދޭ އިންޑިވިޖުއަލް 3 އެވޯޑްގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ 1 އެވޯޑެވެ.
އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ދުވަހެއް ކުރިއަށް އޮތް ތަނުގައި އެމްއައިބީގެ ރަސްމީ މީޑިއާ ޗެނަލްތަކުން ހާމަކުރާނެކަމަށް އެ ބޭންކުން ވަނީ ބުނެފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ