މާލޭގެ ތޮއްޖެހުމަށް ހައްލެއް ހޯދަން ކުރިއަށްގެންދާ "އާބަން މޮބިލިޓީ ސާވޭ" ގެ މަސައްކަތް ފަށައިފި

ވެރި ރަށް މާލެ ސިޓީގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކޮށް، މާލެއަކީ ހިނގާބިގާވެ އުޅެން ފަސޭހަ އަދި ތޮއްޖެހުން ކުޑަ ތަނަކަށް ހެދުމަށްޓަކައި ކުރިއަށްގެންދާ "އާބަން މޮބިލިޓީ ސާވޭ" ގެ ޑޭޓާ އެއްކުރުމުގެ އަމަލީ މަސައްކަތް މާލެ ސިޓީ ކައުންސިލުން ފަށައިފި އެވެ.
މިއީ މާލޭގެ ދަތުރުފަތުރުގެ މިހާރުގެ ހާލަތު ދެނެގަނެ، ކުރިމަތިވަމުންދާ ގޮންޖެހުންތަކަށް ދާއިމީ ހައްލެއް ހޯދުމުގެ މަގްސަދުގައި ކުރިއަށްގެންދާ ދިރާސާއެކެވެ.
މި މަޝްރޫއަކީ މާލެ ސިޓީ ކައުންސިލާއި ޔުނައިޓެޑް ނޭޝަންސް އިކޮނޮމިކް އެންޑް ސޯޝަލް ކޮމިޝަން ފޯ އޭޝިއާ އެންޑް ދަ ޕެސިފިކް (ޔޫއެންއެސްކެޕް) ގުޅިގެން ކުރިއަށްގެންދާ މަސައްކަތެކެވެ.
މާލޭ ސިޓީގެ އިސްނެގުމުގެ ދަށުން ކުރިއަށްދާ މި ދިރާސާއަށް ބޭނުންވާ ފަންޑު ފޯރުކޮށްދެނީ ޔޫއެންއެސްކެޕުންނެވެ. މި މަޝްރޫއާ ގުޅޭ ގޮތުން ޔޫއެންއެސްކެޕްގެ ޓްރާންސްޕޯޓް ޑިވިޝަންގެ ސެކްޝަން ޗީފް ކެޓްރިން ލޫގާ ވަނީ މިއަހަރުގެ އޭޕްރީލް 29، ވަނަ ދުވަހު މޭޔަރު އާޒިމާ ބައްދަލުކުރައްވައި ރަސްމީކޮށް މަޝްވަރާކުރައްވާފަ އެވެ.
މި ދިރާސާގެ ތެރެއިން މައިގަނޑު ގޮތެއްގައި ބަލަނީ މާލޭގެ ރައްޔިތުން ގެންގުޅޭ އުޅަނދުފަހަރުގެ އަދަދާއި، އެއްތަނުން އަނެއް ތަނަށް ދަތުރުކުރުމަށް ބޭނުންކުރާ ވަސީލަތްތަކުގެ އިތުރުން ދަތުރުފަތުރުގެ ނިޒާމުގައި ހުރި ދަތިތަކަށެވެ.
މި މަސައްކަތުގެ ޑޭޓާ އެއްކުރުމުގެ މަރުހަލާގައި މާލެ ސިޓީ ކައުންސިލްގެ ކޮމިއުނިޓީ އެންގޭޖްމަންޓް ޔުނިޓުގެ 20 މުވައްޒަފުން ދަނީ ހަރަކާތްތެރިވަމުންނެވެ. އެގޮތުން މިހާތަނަށް މާލެ، ހުޅުމާލެ އަދި ވިލިމާލެ ހިމެނޭހެން ގްރޭޓަރ މާލެ ސަރަހައްދުގެ 1000 އަށް ވުރެ ގިނަ ގޭބިސީތަކަށް ޒިޔާރަތްކޮށް މައުލޫމާތު އެއްކޮށްފައިވެ އެވެ.
ގޭގެއަށް ޒިޔާރަތްކޮށްގެން މައުލޫމާތު އެއްކުރުމުގެ އިތުރުން، ވީހާވެސް ގިނަ ރައްޔިތުންގެ ހިޔާލު ހޯދުމަށްޓަކައި އޮންލައިންކޮށް ވެސް މި ދިރާސާގައި ބައިވެރިވުމުގެ ފުރުސަތު މިހާރު ވަނީ ހުޅުވާލާފަ އެވެ. މި ދިރާސާގައި ބައިވެރިވާން ބޭނުންވާ ފަރާތްތަކަށް ސިޓީ ކައުންސިލުން އާންމުކޮށްފައިވާ ފޯމު މެދުވެރިކޮށް މައުލޫމާތު ހިއްސާކުރެވޭނެ އެވެ.
މި ދިރާސާއިން ލިބޭ ނަތީޖާތަކާ ގުޅޭގޮތުން ކަމާބެހޭ ފަރާތްތަކާއެކު މަޝްވަރާކުރުމަށްޓަކައި ހާއްސަ މަސައްކަތު ބައްދަލުވުމެއް ބޭއްވުމަށް ވެސް މިހާރު ވަނީ ތާވަލުކުރެވިފަ އެވެ. މި ބައްދަލުވުން ބޭއްވުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 20 އިން 21 އަށް މީރުމާ ހޮޓެލްގަ އެވެ.
އެ ބައްދަލުވުމުގައި ދަތުރުފަތުރުގެ ދާއިރާގެ ފަންނީ ބޭފުޅުން ބައިވެރިވެ، ދިރާސާގެ ހޯދުންތަކަށް ބިނާކޮށް ގްރޭޓަރ މާލެ ސަރަހައްދުގެ ދަތުރުފަތުރުގެ ނިޒާމު ހަރުދަނާކުރުމަށް ކުރެވިދާނެ ކަންކަމާ މެދު މަޝްވަރާކުރާނެ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ