ދިވެހިރާއްޖޭގެ ރަށްރަށުގައި ފުޅާވަމުން އަންނަ ލޯކަލް ޓޫރިޒަމްގެ ދާއިރާ ކުރިއެރުވުމަށާއި، މި ދާއިރާގައި ފާހަގަކޮށްލެވޭ ހިދުމަތްތެރިންނާއި ގެސްޓްހައުސްތަކުގެ އަގުވަޒަންކުރުމަށް ބާއްވާ އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 އަށް ކުރިމަތިލުމުގެ ޝަރުތުތައް މޯލްޑިވްސް އިސްލާމިކް ބޭންކް (އެމްއައިބީ) އިން މިއަދު އިއުލާނުކޮށްފި އެވެ.
މިއީ ރާއްޖޭގެ ރަށު ފެންވަރުގެ ފަތުރުވެރިކަމުގެ ދާއިރާއަށް ހާއްސަކޮށްގެން މިހާތަނަށް ރާއްޖޭގައި ދޭން ނިންމާފައިވާ ހަމައެކަނި އެވޯޑެވެ. މި އެވޯޑަކީ ގެސްޓްހައުސް އެސޯސިއޭޝަން އޮފް މޯލްޑިވްސްއިން އެންޑޯސްކޮށްފައިވާ އެވޯޑެކެވެ.
އެމްއައިބީން އިންތިޒާމުކުރާ މި އެވޯޑުގެ އިވޭލުއޭޝަން މަސައްކަތްތައް މިނިވަންކަމާއެކު ކުރިއަށްގެންދިއުމަށް ހަމަޖެހިފައިވަނީ ކްރޯ މޯލްޑިވްސް އެޑްވައިޒަރީގެ ފަރާތުންނެވެ. އެމްއައިބީން ބުނި ގޮތުގައި އެވޯޑަށް ހޮވުމުގައި އިންސާފުވެރި އަދި ދެފުށް ފެންނަ ނިޒާމެއް ގެންގުޅުމަށްޓަކައި ކޮންމެ ކެޓަގަރީއަކަށް ވެސް ވަނީ ހާއްސަ ޝަރުތުތަކެއް ކަނޑައަޅާފަ އެވެ.
ތަފާތު ސައިޒުތަކުގެ ގެސްޓްހައުސްތަކުގެ މެދުގައި އޮންނަ ވާދަވެރިކަން އިންސާފުވެރިކުރުމުގެ ގޮތުން، ގެސްޓްހައުސްތަކަށް އެވޯޑުތައް ދިނުމަށް ހަމަޖެހިފައިވަނީ ދެ ޓިއަރއަކަށް ބަހާލައިގެނެވެ. އެއީ 10 ކޮޓަރިއާ ހަމައަށް ހިމެނޭ ގެސްޓްހައުސްތަކަށް ހާއްސަ ފުރަތަމަ ޓިއާ އަދި 11 ކޮޓަރިން ފެށިގެން މަތީގެ ގެސްޓްހައުސްތަކަށް ހާއްސަ ދެވަނަ ޓިއާ އެވެ.
މި އެވޯޑަށް ކުރިމަތިލާ ގެސްޓްހައުސްތަކަކީ ރާއްޖޭގެ ކުންފުނިތަކާބެހޭ ގާނޫނުގެ ދަށުން ރަޖިސްޓްރީކޮށްފައިވާ އަދި މިނިސްޓްރީ އޮފް ޓޫރިޒަމުން ދޫކޮށްފައިވާ މުއްދަތު ހަމަނުވާ ލައިސަންސެއް އޮތް ތަންތަނަށް ވާންޖެހެ އެވެ.
މީގެ އިތުރުން، ޓެކްސް ކްލިއަރެންސް ސެޓްފިކެޓާއި، ޕެންޝަން އަދި ވަޒީފާއާބެހޭ ގާނޫނަށް ތަބާވާކަމުގެ ލިޔެކިޔުންތައް ހުށަހަޅަންޖެހޭނެ އެވެ. އަދި އެޕްލިކޭޝަން ހުށަހަޅާ ތާރީހާ ހަމައަށް މަދުވެގެން 12 މަސްދުވަހު މެދުކެނޑުމެއް ނެތި ހިންގާފައިވާ ތަނަކަށް ވާންޖެހޭއިރު، ބައިނަލްއަގުވާމީ ގޮތުން ބަލައިގަންނަ އޮންލައިން ޓްރެވަލް ޕްލެޓްފޯމެއްގައި އެކްޓިވް ލިސްޓިންގްއެއް އޮތުމަކީ ވެސް ލާޒިމް ޝަރުތެކެވެ.
ވަކިވަކި ފަރުދުންނަށްދޭ އެވޯޑްތަކަށް ކުރިމަތިލާ ފަރާތްތަކަކީ ދިވެހި ރައްޔިތުންނަށް ވާންޖެހޭއިރު، އެފަރާތްތަކަކީ އެމްއައިބީ ނުވަތަ ކްރޯ މޯލްޑިވްސްއާ އެއްވެސް ކަހަލަ މަސްލަހަތު ފުށުއެރުމެއް އޮތް ފަރާތްތަކަކަށް ވެގެން ނުވާނެ އެވެ. އަދި "ގެސްޓްހައުސް ޓޫރިޒަމް ޗެމްޕިއަން އައިލެންޑް އެވޯޑް" އަށް ކުރިމަތިލާ ރަށްރަށަކީ ދެމެހެއްޓެނިވި ގޮތެއްގައި ފަތުރުވެރިކަން ކުރިއަރުވަން މަސައްކަތްކުރާ ރަށްތަކަކަށް ވާންޖެހޭނެ އެވެ. މި އެވޯޑަށް ކުރިމަތިލާ ރަށްރަށުގައި މަދުވެގެން 50 ގެސްޓްހައުސް ކޮޓަރި އޮޕަރޭޓްކުރަމުން ދާންޖެހޭނެ ކަމަށް ވެސް އެމްއައިބީން ބުނެ އެވެ.
އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 ގައި ޖުމްލަ ތިން ކެޓަގަރީއަކުން އެވޯޑު ދިނުމަށް ވަނީ ހަމަޖެހިފަ އެވެ. އެއީ ކޮންމެ ޓިއަރއަކުން ގެސްޓްހައުސްތަކަށް ދޭ އަށް އެވޯޑާއި، ފަތުރުވެރިކަމުގެ ދާއިރާގެ ބޭފުޅުންނަށްދޭ އިންޑިވިޖުއަލް ތިން އެވޯޑްގެ އިތުރުން އެންމެ ފާހަގަކޮށްލެވޭ ރަށަށް ދޭ އެވޯޑެވެ.
މި އެވޯޑަށް ކުރިމަތިލުމުގެ ފުރުސަތު ހުޅުވާލުމަށް ހަމަޖެހިފައިވަނީ އަންނަ ޖުލައި މަހުގެ 15 ވާ ބުދަ ދުވަހެވެ. އެވޯޑް ދިނުމުގެ ހަފްލާ ބާއްވާނެ ތާރީހެއް ފަހުން އިއުލާނުކުރާނެ ކަމަށް އެ ބޭންކުން ބުނެ އެވެ. އެހެންކަމުން، އެވޯޑަށް ޝަރުތު ހަމަވާ ފަރާތްތަކުން ބޭނުންވާނެ ލިޔެކިޔުންތައް ކުރިއާލާ ތައްޔާރުކުރުމަށް އެމްއައިބީން ވަނީ އިލްތިމާސްކޮށްފަ އެވެ.
އެމްއައިބީ ގެސްޓްހައުސް އެވޯޑްސް 2026 އަށް ކުރިމަތިލުމުގެ ޝަރުތުތައް އިއުލާނުކޮށްފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ