ހިޔާވަހިކަމުގެ ދަޅަދައްކަނީ ހަދާ ގޯސްތައް ފޮރުވުމަށް

ބަކަރިތައް ދުވާ މަންޒަރު ފެނި ދާތަން ބަލަން ފަހަތުން ދިޔަ ދުވަހެކެވެ. ފަތްކޯނިތަކެއް ސާހިބު މީހާ ގެނެސްފައިވާ ތަން ފެނުނެވެ. ދެތިން ބަކައްޓެއް ފަތްކޯނިތައް ހުރިތަނަށް ނުގޮސް ތިއްބާ ފެނިގެން އަތުގައި އޮތް ދަނޑި ބުރިއަކުން ދެ ބަކަރީގެ ފޫކޮޅުގައި ޖެހައިފިއެވެ. ބަކަ ބަކަ ގޮވާލާފައި ދުއްވާގަތީ ފަތްކޯޅިތައް ހުރި ތަނަށެވެ. އެ ދެބަކަރި ފުރަތަމަ އެތަނަށް ނުދިޔައީ ހައިވެފައި ނެތީމާ ކަމަށް ވެދާނެއެވެ. އެހެން ނަމަވެސް އެވަގުތު ހިތަށް ވެރިވެ ގަތެވެ. މި ބަކަރިތައް ގެންގުޅޭ މީހާއަށް މި ބަކަރިތަކުގެ ގޮތާއި ފޮތާ އެގެނީ ތާއެވެ.
ކޮންމެ އަކަސް ޖަނަވާރުވެސް ދުވަނީ އެބަކައްޓެއްގެ ހައި ހޫނު ކަމަށް ބަލާފައެވެ. އިންސާނުން ތަފާތު ވާނެ ކަމަށް ވިސްނުނެވެ. ހަގީގަތާއި ހަމައަށް ކޮނެލި އިރު ގިނައީ ހަމަ އެއްކަހަލަ ވިސްނުމަކަށެވެ. ކާން ލިބުމާއި ކާން ލިބޭނެ ކަމުގެ އުންމީދަކާއި ބިރުވެރި ކަމުގެ ނުވަތަ ލިބިދާނެ އަނިޔާއަކުން ސަލާމަތް ވުމެވެ. ގައުމުތަކުގައި އިންސާނުން ކޮންޓްރޯލް ކޮށް އުޅުމުގައިވެސް މި އުކުޅު ބޭނުން ކުރެއެވެ. ދިވެހިރާއްޖެ ވަކީން އިސްތިސްނާ ވާން ޖެހޭ ސަބަބެއް ނެތެވެ. ސަރުކާރުތަކުން ރައްޔިތުން ކޮންޓްރޯލް ކުރަން މަސައްކަތް ކުރަނީ ކާނެ އެއްޗެއް ދިނުމާއި ލިބިދާނެ ގެއްލުމަކުން ސަލާމަތްވުން ފަލްސަފާއެއް ކަމަށް ބަލައިގެންނެވެ. 
ދިވެހިރާއްޖެއަކީ ސުލްހަވެރިކަމަށް ނުހަނު ލޯބި ކުރާ ކިޔަމަންތެރި ދަރިން ތަކެއް އުޅޭ ގައުމެކެވެ. މި ދަރީންގެ ނަހަމަ ފައިދާ ނެގުމަކީ ތާރީހީ ކަމެކެވެ. ދިވެހި ގިނަ ރައްޔިތުން ގަބޫލު ކުރާ ގޮތުގައި ދިވެހިރާއްޖެ ދުވަނީ ފަހަތު ގިޔަރުގައެވެ. ގައުމެއްގެ ގޮތުގައި ދައުލަތް ހިންގާނެ ތޫނު ފިލިކަން ވެރިންގެ ނެތްކަން ގިނަ ބަޔަކު ގަބޫލު ކުރެއެވެ. މި ނާގާބިލުކަން ފޮރުވޭނީ ހަދިޔާ ލިބޭނެ ކަމުގެ އުންމީދު ދިނުމާއި އަނިޔާ ލިބިދާނެ ކަމުގެ ބިރުގެ ތެރެއިންނެވެ.
ދިވެހިންގެ ވޮލެޓުތައް ހުސްވެއްޖެއެވެ. ބަދިގޭގެ ދަޅުތައް ހުސްވެއްޖެއެވެ. ތަކެތީގެ އަގުތައް އުފުލުނީއެވެ. އަނގަޔާއި އަތާ ދިމާ ކުރުން އުނދަގުލަކަށް ވީއެވެ. ދިވެހިންގެ ތެރެއިން ގިނަ މީހުން ބޭނުންވަނީ ފުދުންތެރި ދިރިއުޅުމެކެވެ. އެންމެ ފުރަތަމަ ކައިބޮއި ހެދުމެވެ. ދެން ބޯ ހިޔާވަހި ކަމެކެވެ. މި ބޯހިޔާ ވަހިކަމުގެ އަޖަލުގައި ދިވެހީން ޖައްސުވާފައިވާ ޒަމާނަކަށް މި ދުވަސް ވަރު ވެއްޖެއެވެ.
ސަރުކާރުގެ ގޯސްތައް ފޮރުވަނީ ބޯހިޔާވަހިކަމުގެ ދަޅައިންނެވެ. 58،000 މީހުންގެ އުންމީދަކީ ބޯހިޔާ ވަހިކަމެކެވެ. އޭގެ ކުރީން ކުރީ ސަރުކާރުން ދޫކުރި ބިންބިމާއި ފުލެޓު ތަކެވެ. ސަރުކާރުގެ ގޯސްތައް ސިއްރުކުރަނީ “ އިއުލާނު ކޮށްފި، ހުޅުވާލައިފި، ފުރުސަތު” މިކަހަލަ ކަންކަމުންނެވެ. ގޯތި ދޫކުރަން ނިންމި ތަނެއް ވުޖޫދުގައި ނެތެވެ. ފުލެޓުތައް ބަހަން ހުޅުވާލި ތަންތަނަށް ބިން ލިބިފައެއް ނެތެވެ. އެހެން ނަމަވެސް ބަހާވަރުން ބަހަނީއެވެ. އިއުލާނު ކުރާވަރުން އިއުލާނު ކުރަނީއެވެ. މި ސަރުކާރަށް ބާކީ އޮތީ ދެ އަހަރެއްހާ ދުވަހެވެ. ކަރުދާހުގައި ބިން ދީފައި ސެޓިފިކެޓެއްގައި ފުލެޓު ދިނީމާ ދިރިއުޅެންވީ އެ ކަރުދާސް ގަނޑު މަތީގައިތޯ އަހާ މީހުންގެ ނިސްބަތް އިތުރުވެއްޖެއެވެ. 
ދިވެހީންނަކީ ތޫނު ފިލިބައެކެވެ. އެއާއި އެކު އޮތް ފުރުސަތުތަކަށް ބަލަބަލާ ތިބޭ ބައެއްވެސް މެއެވެ. ދިވެހީންގެ ބޮޑު އިންސައްތައެއް ގަބޫލު ކުރަނީ އެއްވެސް ސަރުކާރަކުން ހަވާލު ކުރާ ބިމެއް ނުވަތަ ފުލެޓެއް ވިޔަސް ކޮންމެވެސް ޒަމާނަކުން ލިބޭނެކަމަށެވެ. އެއީ ހަގީގަތެވެ. ލިބޭނެއެވެ. ލިބޭނީ ކޮން ދުވަހަކުންކަން އެގޭނެ މީހަކު ނެތީއެވެ.
58،000 ބިން ކަރުދާހުގައި ލިބޭނެއެވެ. އަދި އެތައް ހާސް ފުލެޓެއްވެސް ލިބޭނެއެވެ. ނަމަވެސް ފުލެޓު ލިބޭނީ ފުރަތަމަ ބިންގާ މަތީ ގާ ބުރިއެއް ނަމަވެސް ބާއްވައިގެންނެވެ. ގޯތި ދެވިދާނެއެވެ. ރާއްޖޭގެ ބޮޑު ސަރަހައްދަކީ ކަނޑެވެ. ކަނޑު ރަސްގެފާނާއި އެއްބަސް ވުމެއް ހެދުމުގެ މަރުހަލައިގައި ސަރުކާރު އުޅެނީ އަވަދިނެތި ކަމަށް ވުން ގާތެވެ. ދިވެހިންގެ ތޫނު ފިލިކަން އިސްކުރާން ވެއްޖެއެވެ. ބިރުވެރި ކަމާއި މާއްދިއްޔަތުގެ ދަހިވެތިކަން އެއްފަރާތް ކުރަން ވެއްޖެއެވެ. ކާބޯތަކެތި އަތްފޯރާ ފަށަށް ގެނެވޭނެ ފޯމިއުލާއެއް ހޯދަން ވެއްޖެއެވެ. 
ސަރުކާރުގެ ވިސްނުން ފެންނަނީ ދިވެހީންނަށް ވުރެ ބޮޑަށް ވަކި ސިޔާސީ ޕާޓީ އަކަށް ވެރިކަން ކުރުމުގެ ވިސްނުން ކަމަށް ބުނުން ގޯހަކަށް ނުވެދާނެއެވެ. މި ދުވަސްވެސް ނިމިދާނެއެވެ. އަނެއްކާވެސް އެހެން މީހެއްގެ އަވާ މެންދުރަށް ހެއްލޭނީ ތޯއެވެ.
ދިވެހީން ކާން ޖެހެއެވެ. ދައުލަތުން ކާން ދޭން ޖެހެއެވެ. އަސާސީ ހިދުމަތްތައް ފޯރު ކޮށްދޭން ޖެހޭނެއެވެ. ރައްޔިތުންނަކީ ދިވެހިރާއްޖޭގައި އެންމެ ބާރު ހުރި ފަރާތެވެ. ރައްޔިތުން ކުރިމަތީ ސަރުކާރަކީ ކުޑަ އެއްޗެކެވެ. ރައްޔިތުންގެ މެދުގައި ތަފާތު ކުރުން ގެންގުޅޭ ސަރުކާރުތައް ނިމިގޮސްފައިވަނީ ހުތުރުކޮންކަން ގައުތަކުގެ ތާރީހުން ފެނެއެވެ.
އަނިޔާއާއި ބަނޑަށް ކެތްވާނީ ވަކިވަރަކަށެވެ. ގެގް އޯޑަރުތަކުން ރައްޔިތުން ކަސްތަޅު އެޅުވޭނީވެސް ވަކި މުއްދަތަކަށެވެ. ދިވެހިރާއްޖެ ދިވެހީންނާއި އެކު ދިރި ދެމިއޮންނަން ޖެހޭނެއެވެ. ވެރިންގެ ވެރިކަން ބަދަލުވާނެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ