ޖުޑީޝަލް ސަރވިސް ކޮމިޝަނުގައި ސުޕްރީމް ކޯޓު ތަމްސީލު ކުރެއްވުމަށް ފަނޑިޔާރު ޙުސައިން ޝަހީދު އައްޔަނުކޮށްފިއެވެ.
އެ މަޤާމުގައި ކުރިން ހުންނެވީ ފަނޑިޔާރު ހުސްނުއްސުއޫދެވެ. ނަމަވެސް ސުއޫދު އިސްތިއުފާ ދެއްވުމުން އެ މަޤާމަށް ފަނޑިޔާރަކު ހޮއްވެވުމަށް ޖޭއެސްސީން ދެފަހަރެއްގެ މަތިން އިއުލާނުކުރިއެވެ. އެގޮތުން އިއުލާނުގެ ސުންގަޑި ހަމަވިއިރު ކުރިމަތިލެއްވީ ޝަހީދުގެ އިތުރުން ކުރީގެ ޑެޕިއުޓީ ޕްރޮސެކިއުޓަރ ޖެނެރަލް މަރިޔަމް ނިހާޔަތު އަދި ޤާނޫނީ ވަކީލު ރުސްދުﷲ އެވެ.
އޭގެ ތެރެއިން ރައީސް މަޖިލީހަށް ފޮނުއްވެވީ ޝަހީދުގެ ނަންފުޅެވެ. އެއަށްފަހު މަޖިލީހުންވެސް ވަނީ ޝަހީދު އައްޔަނުކުރުމަށް ރުހުންދީފައެވެ.
ޝަހީދު ވަނީ ހައި ކޯޓުގެ އިސް ފަނޑިޔާރުގެ މަގާމުގެ އިތުރުން، ކްރިމިނަލް ކޯޓުގެ ފަނޑިޔާރުކަމުގެ މަގާމު ވެސް އަދާކުރައްވާފައިވެއެވެ.
ޝަހީދު ވަނީ މާސްޓަރ އޮފް އިސްލާމިކް ޖުޑީޝަލް ސައިންސް އެންޑް ޝަރީޢާ ޕޮލިސީ، އަދި ޖޫރިސްޕްރޫޑަންސް އެންޑް ލޯ، އެލް.އެލް.ބީ ހާސިލުކުރައްވާފައެވެ.
ސުއޫދު މަޤާމުން އިސްތިއުފާ ދެއްވާފައިވަނީ ސުއޫދު ހިމެނިވަޑައިގަންނަވާ ގޮތަށް އެ ކޯޓުގެ 3 ފަނޑިޔާރެއްގެ ޖިނާއީ މައްސަލަތަކަކާއި ސުލޫކީ މައްސަލަތަކެއް ތަހުގީގުކުރަން ފަށާފައިވާ ދަނޑިވަޅެއްގައެވެ.
ޖޭއެސްސީގެ ކޮމްޕޮޒިޝަން އަށް ބަލާއިރު އުއްތަމަ ފަނޑިޔާރު ފިޔަވައި ސުޕްރީމް ކޯޓުން ކަނޑައަޅާ ފަނޑިޔާރެއްގެ އިތުރުން، ހައި ކޯޓު ތަމްސީލު ކުރައްވާ އެ ކޯޓުގެ ފަނޑިޔާރަކާއި، ދަށު ކޯޓުތަކުން ތަމްސީލު ކުރައްވާ ދަށު ކޯޓެއްގެ ފަނޑިޔާރަކު ތިއްބަވައެވެ. ގާނޫނީ ވަކީލުންގެ ތެރެއިން އިންތިހާބު ކުރާ ވަކީލެއްގެ އިތުރުން ދައުލަތުގެ ބަންޑާރަ ނައިބު ވެސް އިންނަވައެވެ.
މީގެއިތުރުން ރައީސުލްޖުމްހޫރިއްޔާ އައްޔަންކުރައްވާ މެންބަރަކާއި، ރައްޔިތުންގެ މަޖިލީހުގެ ރައީސްއާއި، ސިވިލް ސާވިސް ކޮމިޝަންގެ ރައީސްއާއި، ރައްޔިތުންގެ މަޖިލީހުން ކަނޑައަޅާ އެ މަޖިލީހުގެ މެންބަރަކާއި، މަޖިލީހުން ކަނޑައަޅާ އާންމުންގެ މީހެއް ވެސް ޖޭއެސްސީގައި ހިމެނެއެވެ.
ޖޭއެސްސީގައި ސުޕްރީމް ކޯޓު ތަމްސީލުކުރައްވާ މެމްބަރަކަށް ޝަހީދު!
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ