ގަމުގެ ފެނަކަ އިންޖީނުގޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއަށްފަހު، ރޭ އެ ރަށަށް ކަރަންޓު ދޭން ފަށައިފި

ލ. ގަމުގެ ފެނަކަ އިންޖީނުގޭގައި ހިނގައިދިޔަ އަލިފާނުގެ ހާދިސާއަށްފަހު، ބުދަ ދުވަހުގެ ރޭ އެ ރަށަށް ކަރަންޓު ދޭން ފަށައިފިއެވެ. ފެނަކައިން މައުލޫމާތު ދެއްވާފައިވާ ގޮތުގައި، ގަމުގެ ހުރިހާ ތަންތަނަށް ކަރަންޓު އަލުން ދީ ނިންމައިލެވުނީ ރޭ 11:30 ހާއިރުއެވެ.
ބުދަ ދުވަހު މެންދުރުފަހު ތިނެއް ޖަހަން އުޅެނިކޮށް ހިނގި މި އަލިފާނުގެ ހާދިސާގައި އެންމެ ބޮޑު ގެއްލުމެއް ވީ އިންޖީނުގެއަށެވެ. ގަމުގެ ތިން އަވަށަށް ކަރަންޓު ދޭން ބޭނުންކުރާ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނު ވަނީ ބޭނުން ނުކުރެވޭ ވަރަށް އަނދައިފައެވެ. ފެނަކައިގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު ނަޖާހް ވިދާޅުވީ، މިހާރު ކަންކަން ވަނީ ހަމަޔަކަށް އަޅުވާފައި ކަމަށާއި، އަލުން ކަރަންޓު ދިނީ އެ އިމާރާތް ވަގުތީ ގޮތުން ހިޔާ ކުރުމަށް ފަހު ކަމަށެވެ.
ފެނަކައިން ނެރުނު ބަޔާނެއްގައި ބުނެފައިވާ ގޮތުގައި، ވިޝުއަލް އިންސްޕެކްޝަންއިން ފާހަގަވެފައިވާ ގޮތުން، ގެއްލުން ވެފައި ވަނީ އެ ރަށަށް ކަރަންޓް ދޭ ފަސް އިންޖީނުގެ ތެރެއިން އެއް އިންޖީނަކަށެވެ. އަދި މި ހާދިސާގެ ސަބަބުން އިންޖީނުގެއަށާއި، ޕެނަލްތަކަށް ދިމާވި މައްސަލަތައް ދެނެގަނެ، އެ މައްސަލަތައް ހައްލު ކުރުމުގެ މަސައްްކަތް މިހާރު ކުރިއަށްދާ ކަމަށްވެސް ބުނެފައިވެއެވެ.
ނަޖާހު ވިދާޅުވި ގޮތުގައި، އަލިފާނުގެ ހާދިސާގައި އެންމެ ބޮޑަށް ގެއްލުންވި އިންޖީނުގެ ފާރު އަލުން ރޭނުމާއި، އެހެނިހެން ގެއްލުންތައް މަރާމާތުކުރުން ކުރިއަށް އޮތް ދުވަސްތަކުގައި ކުރިއަށް ގެންދާނެއެވެ. އަދި ގަމު އިންޖީނުގޭގައި ރޯވާން ދިމާވި ސަބަބު އަދި މިހާތަނަށް ސާފުކޮށްދީފައެއް ނުވެއެވެ. އެމްއެންޑީއެފް ފަޔަރުންގެ ޓީމާއި ފުލުހުން ގުޅިގެން އެ ކަންކަން ސާފުކުރަމުން އަންނަ ކަމަށް ނަޖާހު ރޭ ވިދާޅުވިއެވެ.
ކަރަންޓުގެ ހިދުމަތް އަލުން ދޭން ފެށުމުގެ އިތުރުން، މިހާރު އެރަަށަށް ފެނުގެ ހިދުމަތް ދޭން ފަށާފައިވާ ކަމަށްވެސް ފެނަކައިން މައުލޫމާތުދެއެވެ. އަދި ނަރުދަމާ ނިޒާމުގެ މަސައްކަތަށް ހާއްސަ ޓީމްތަކުން އަންނަނީ އެރަށުގެ ނަރުދަމާ ނިޒާމުގައި އެއްވެސް މައްސަލައެއް އުޅޭތޯ ބަލަމުން ކަމަށްވެސް ފެނަކައިން ބުންޏެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ