މަރަން ހުކުމްކޮށްފައިވާ އަހުމަދު މުއްރަތާއި މުހައްމަދު ނަބީލްގެ އިސްތިއުނާފު ޝަރީއަތް ސުޕްރީމް ކޯޓުން ފަށަން ނިންމައިފި އެވެ. މި ދެ މައްސަލަ ވެސް ވަނީ މި ހަފުތާއަށް ތާވަލުކޮށްފަ އެވެ.
ދެހާސް ބާރަ ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވެ ކްރިމިނަލް ކޯޓުން މަރަން ހުކުމްކުރި މ. މަސްރޫރާ، މުއްރަތުގެ އިސްތިއުނާފުގެ އަޑުއެހުން ތާވަލުކޮށްފައިވަނީ، މާދަމާ އަށެވެ. މުއްރަތު މަރަން ކުރި ހުކުމަށް ހައިކޯޓުން ވެސް ވަނީ ތާއީދުކޮށްފައިވެ އެވެ.
ދެހާސް އަށްވަނަ އަހަރުގެ މާޗް މަހުގެ ތެރޭގައި މަޖީދީމަގުގައި ތޫނު އެއްޗަކުން ހަމަލާދީ އައްޑޫ ސިޓީ ހުޅުދޫ ލިލީމާގޭ އަބްދުﷲ ފަރުހަދު މަރާލި ކަމުގެ ކުށް ސާބިތުވެ މަރަން ހުކުމް ކޮށްފައިވާ ގ. ރީފް، ނަބީލްގެ އިސްތިއުނާފުގެ އަޑުއެހުން ސުޕްރީމް ކޯޓުގައި ތާވަލުކޮށްފައިވަނީ އަންނަ ބުރާސްފަތި ދުވަހަށެވެ. ނަބީލް މަރަން ކްރިމިނަލް ކޯޓުން ކުރި ހުކުމަށް ހައިކޯޓުން ތާއީދުކޮށްފަ އެވެ.
މި ދެ މައްސަލަ ވެސް ސުޕްރީމް ކޯޓުގައި އިލްތިމާސްކޮށްފައިވަނީ ދައުލަތުގެ ފަރާތުންނެވެ. އެއީ މުއްރަތާއި ނަބީލްގެ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއްކަން ކަށަވަރުކުރުމަށް ސުޕްރީމް ކޯޓަށް ހުށަހެޅި ހުށަހެޅުމެކެވެ.
ދައުލަތުން މި މައްސަލަ ސުޕްރީމް ކޯޓުގައި އިލްތިމާސްކުރީ، ހައިކޯޓުން ނިންމާ މައްސަލަތައް ސުޕްރީމް ކޯޓުގައި އިސްތިއުނާފް ކުރަން އޮންނަ މުއްދަތުގައި ނަބީލާއި މުއްރަތުގެ ފަރާތުން އެ މައްސަލަ ހުށަހަޅާފައިނުވާތީ އެވެ.
މުއްރަތާއި ނަބީލްގެ މަރުގެ ހުކުމަކީ ނިހާއީ ހުކުމެއް ކަމަށް ކަނޑައެޅުމަށް މި ހަފުތާ ޝަރީއަތް ފަށާއިރު އިއްޔެ ވަނީ ޑރ. އަފްރާޝީމް އަލީ މަރާލިކަމުގެ ކުށް ސާބިތުވާ ހުސެއިން ހުމާމްގެ އިސްތިއުނާފުގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށާފަ އެވެ. އެ ޝަރީއަތަކީ ނިހާއީ ހުކުމެއް ކަނޑައަޅަން ފެށި ފުރަތަމަ ޝަރީއަތެވެ. މި ޝަރީއަތްތަކަކީ މަރުގެ ހުކުމުން ސަލާމަތްވުމަށް މި ތިން މީހުންނަށް ވެސް ލިބޭ ފަހު ފުރުސަތެވެ.
ސުޕްރީމް ކޯޓުގައި މި މީހުންނަށް ނާކާމިޔާބުވެއްޖެނަމަ މަރުގެ ހުކުމް ސަލާމަތްވެވޭނީ އެންމެ ގޮތަކަށެވެ. އެއީ ވާރިސުން ލުޔެއް ދީފިނަމަ އެވެ. މަރަން ކުރާ ހުކުމްތައް ރައިސުލްޖުމްހޫރިއްޔާއަށް ވެސް ލުއި ނުކުރެވޭނެ އެވެ.
މި ސަރުކާރުން މަރުގެ އަދަބު ތަންފީޒުކުރާ ކަމަށް ބުނެފައިވާއިރު، ރާއްޖޭގައި އެންމެ ފަހުން މަރުގެ ހުކުމެއް ތަންފީޒުކޮށްފައިވަނީ 1953 ވަނަ އަހަރުގަ އެވެ. އެމީހާއަކީ އެންމެ ފުރަތަމަ ރައީސް މުހައްމަދު އަމީން ދީދީ އަވަހާރަކޮށްލުމަށް ސިހުރު ހެދި މީހެކެވެ.
މަރަން ހުކުމްކުރި މުއްރަތާއި ނަބީލްގެ ޝަރީއަތް ސުޕްރީމް ކޯޓުގައި ފަށަނީ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ