ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގ ޑިރެކްޓަރަކަށް ފިރުޒުލް އައްޔަންކޮށްފި

ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ކަމަށް އަލްއުސްތާޛު މުޙައްމަދު ފިރުޒުލް ޢަބްދުﷲ ޚަލީލް އައްޔަންކޮށްފިއެވެ.
ޙައްޖު ކޯޕަރޭޝަންގެ ބޯޑު މެންބަރު އަދި މެނޭޖިންގ ޑިރެކްޓަރު ކަމުގެ މަޤާމަށް ފިރުޒުލް އައްޔަންކުރައްވާފައިވާކަން ސަރުކާރު ކުންފުނިތަކުގެ ބެލެނިވެރި ފަރާތް ޕްރައިވަޓައިޒޭޝަން އެންޑް ކޯޕަރަޓައިޒޭޝަން ބޯޑު، ޕީސީބީން ވަނީ ހާމަކުރައްވާފައެވެ. ފިރުޒުލް އެ މަޤާމަށް އައްޔަންކުރައްވާފައިވަނީ މިއަދުން ފެށިގެންނެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިން ޑިރެކްޓަރ ކަމަށް އައްޔަންކުރެއްވި ފިރުޒުލް މިހާތަނަށް ހުންނެވީ ރައީސުލްޖުމްހޫރިއްޔާ އޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕްރެޒިޑެންޝިއަލް އެފެއަރސްގެ މަޤާމުގައެވެ. މީގެއިތުރުން އެއޮފީހުގެ އަންޑަރ ސެކްރެޓަރީ ފޯ ޕަބްލިކް ޕޮލިސީގެ މަޤާމުވެސް ފިރުޒުލް ވަނީ އަދާކުރައްވާފައެވެ. ފިރުޒުލްވަނީ ސަރުކާރުގެ ސިޔާސަތުތައް އެކަށައެޅުމުގައި ރައީސުލްޖުމްހޫރިއްޔާ އޮފީހުގައި އިސް ދައުރެއް އަދާކުރައްވާފައެވެ.
ފިރުޒުލް ވަނީ މިސްރުގެ އަޒްހަރު ޔުނިވަރސިޓީން ޝަރީއާ އެންޑް ލޯ އިން މަތީ ތައުލީމް ހާސިލް ކުރައްވާފައެވެ.
ޙައްޖު ކޯޕަރޭޝަންގެ މެނޭޖިންގް ޑިރެކްޓަރުގެ މަޤާމަށް ފިރުޒުލް އައްޔަން ކުރެއްވީ އެ މަޤާމު ކުރިން ހުންނެވި، މުޙައްމަދު ޝަކީލް އިލެކްޝަންސް ކޮމިޝަންގެ މެންބަރު ކަމަށް އައްޔަންކުރެއްވުމާއި ގުޅިގެން އެމަޤާމު ހުސްވުމުންނެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ