ޖިންސީ ފުރައްސާރައިގެ ދޮގު ތުހުމަތެއް ކުރި ކަމަށް ޝިލްޕާ އެއްބަސްވުމުން އެންމެންގެ ނުރުހުން

ހިންދީ ޑްރާމާ ސިލްސިލާ "ބާބީޖީ ގަރު ޕަރު ހޭ" އިން މަޝްހޫރުވި ޝިލްޕާ ޝިންޑޭ، މީގެ ނުވަ އަހަރު ކުރިން އެ ޑްރާމާގެ ޕްރޮޑިއުސަރަށް ކުރި ޖިންސީ ގޯނާގެ ތުހުމަތުތަކަކީ ދޮގެއް ކަމަށް އެއްބަސްވުމާ ގުޅިގެން ގިނަ ބައެއްގެ ނުރުހުން އޭނާއަށް އަމާޒުވެއްޖެ އެވެ. 
ބާރުތީ ސިންގާއި ހާޝް ލިމްބާޗިޔާގެ ޕޮޑްކާސްޓުގެ އެންމެފަހުން ގެނެސްދިން އެޕިސޯޑުގައި ޝިލްޕާ ވަނީ، 2016 ވަނަ އަހަރު ޕްރޮޑިއުސަރު ސަންޖޭ ކޯލީއާ ދެކޮޅަށް ފުލުހަށް ހުށަހެޅި ޖިންސީ ގޯނާގެ މައްސަލައަކީ ކޮންޓްރެކްޓް މައްސަލައެއްގައި ބަދަލުހިފުމުގެ ގޮތުން އަމިއްލައަށް ހަދައިގެން ދެއްކި ދޮގު ވާހަކަތަކެއް ކަމަށް އެއްބަސްވެފަ އެވެ.
ޝިލްޕާ ބުނި ގޮތުގައި، އެ ދޮގު ތުހުމަތުކުރީ އޭނާއަށް ލިބެން ޖެހޭ ފައިސާ ނުލިބި، އިންޑަސްޓްރީން އޭނާ މަނާކުރަން އުޅުމުން ސަލާމަތްވާނެ އެހެން ގޮތެއް ނެތިގެންނެވެ.
މި އިއުތިރާފާ އެކު، މީޑިއާތަކާއި ސޯޝަލް މީޑިއާގައި ޝިލްޕާއާ ދެކޮޅަށް ގިނަ ބަޔަކު ދަނީ ނުރުހުން ފާޅުކުރަމުންނެވެ. އާންމުންނާއި ފަންނާނުން ވެސް ބުނަމުން ދަނީ މިއީ ހަގީގަތުގައި ވެސް މިފަދަ އަނިޔާތައް ތަހައްމަލުކުރަމުންދާ އަންހެނުންގެ އަގުވައްޓާލައި ގާނޫނުގެ ނާޖާއިޒު ފައިދާނެގުން ކަމަށެވެ.
ޓީވީ ތަރި ހީނާ ޚާން ވަނީ ޝިލްޕާގެ މި އަމަލަށް ވަރަށް ބޮޑަށް ފާޑުކިޔައިފަ އެވެ. ހީނާ ބުނި ގޮތުގައި، އަމިއްލަ ފައިދާއަށް ޖިންސީ ގޯނާގެ ދޮގު ތުހުމަތު އެހެން މީހެއްގެ ބޮލުގައި އެޅުވުމަކީ "ލަދުވެތި" ކަމެކެވެ. އަދި މީގެ ސަބަބުން މިފަދަ އަނިޔާ ހަގީގަތުގައި ލިބޭ މީހުންނަށް މުޖުތަމައުގެ އިތުބާރު ގެއްލޭނެ ކަމަށް އޭނާ ބުންޏެވެ.
އޯލް އިންޑިއަން ސިނެ ވޯކާސް އެސޯސިއޭޝަނުން ވަނީ ޝިލްޕާގެ އަމަލު ހަރުކަށި އިބާރާތުން ކުށްވެރިކޮށް، އޭނާއަށް ފިޔަވަޅު އަޅަން އިންޑިއާގެ މަހާރާޝްތުރާގެ ޗީފް މިނިސްޓަރަށް ސީޓީއެއް ވެސް ފޮނުވައިފަ އެވެ. އެ ޖަމިއްޔާ އިން އެދިފައި ވަނީ ގާނޫނުގެ ބޭނުން ނަހަމަ ގޮތުގައި ކޮށް، ދޮގު ތުހުމަތެއް ކުރި ކަމުގެ ކުށުގައި ޝިލްޕާ ހައްޔަރުކޮށް ހަރުކަށި ގާނޫނީ ފިޔަވަޅު އެޅުމަށެވެ.
އެންމެންގެ ފާޑުކިޔުންތަކާއި ނުރުހުން އަމާޒުވި ނަމަވެސް، ޝިލްޕާ ހުރީ ދޫދޭ ގޮތަކަށް ނޫނެވެ. އޭނާ އިންސްޓަގްރާމްގައި އާންމުކުރި ވީޑިއޯއެއްގައި ބުނީ އޭނާ ދެއްކީ ތެދު ވާހަކައެއް ކަމަށާއި، ދޮގެއް ފޮރުވައިގެން މުޅި އުމުރު ނޫޅެވޭނެތީ "ހަގީގަތް" ހާމަކުރީ ކަމަށެވެ.
އޭނާއަށް ދޭ ހޫނު ރައްދުތަކަކީ ފައިސާ ދީގެން ބަޔަކު ހިންގާ "ޕެއިޑް ޕީއާރު ކެމްޕޭނެއް" ކަމަށް ބުނެފަ އެވެ. އޭނާ ބުނި ގޮތުގައި، އާންމުން ކޮންމެ އެއްޗެކޭ ކިޔަސް އޭނާއަށް އަސަރެއް ނުކުރާނެ އެވެ. 
މި ހަލަބޮލިކަމުގެ ތެރެއިން ގިނަ ބަޔަކަށް ހައިރާންކަން ލިބުނު އަނެއް ކަމަކީ، މިދިޔަ އަހަރުގެ ފަހުކޮޅު ޝިލްޕާ އަލުން އެ ޑްރާމާގެ އާ ސީޒަނާ ގުޅި، އޭނާ ދޮގު ތުހުމަތު ކުރި ޕްރޮޑިއުސަރުގެ ދަށުން އަނެއްކާ ވެސް މަސައްކަތް ކޮށްފައި ވުމެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ