މައުލޫމާތު ހޯދައި ލިބިގަތުމުގެ ހައްގުގެ ދަށުން ހައުސިން ޑިވެލޮޕްމަންޓް ކޯޕަރޭޝަން (އެޗްޑީސީ) އަށް ހުށަހަޅާ އާރުޓީއައިތަކަށް ޖަވާބުދިނުމަށް ހުރިހާ ޑިޕާޓުމަންޓުތަކުން އެއްބާރުލުންދީ، އެ ގާނޫނަށް ހަރުކަށިކޮށް ތަބާވާން ހުރިހާ މުވައްޒަފުންނަށް އެ ކުުންފުނީގެ މެނޭޖުމަންޓުން މިއަދު އަންގައިފި އެވެ.
އެޗްޑީސީގެ މެނޭޖިން ޑިރެކްޓަރު އަލީ ޒުހައިރު، އެ ކުންފުނީގެ ހުރިހާ މުވައްޒަފުންނަށް ފޮނުވި މެމޯއެއްގައި ވަނީ އާރުޓީއައި ހުށަހެޅުމަކާ ގުޅިގެން މައުލޫމާތު ހިއްސާކޮށްދޭން އިންފޮމޭޝަން އޮފިސަރު އެދިއްޖެ ނަމަ، އެ އޮންނަ މުއްދަތުތަކުގެ ތެރޭގައި އެ މައުލޫމާތު ފޯރުކޮށްދޭން ގާނޫނުން ލާޒިމު ކުރާ ކަމަށެވެ.
ހަމަ އެހެންމެ، އާރުޓީއައިއަކަށް ޖަވާބު ދޭން އިންފޮމޭޝަން އޮފިސަރު އެހެން މުވައްޒަފުންގެ އެހީތެރިކަަމަށް އެދެވޭނެ ކަމަށް އެ މެމޯގައި ބުންޏެވެ. އަދި، އޭނާ އެދިއްޖެ ނަމަ އެއްބާރުލުން ދޭން އެހެން މުވައްޒަފުންނަށް އަންގާފައިވެ އެވެ.
ހޯދަން އެދިފައިވާ މައުލޫމާތު ނެތް ނަމަ، އެ ކަން އިންފޮމޭޝަން އޮފިސަރަށް އަންގައި، އެ މައުލޫމާތު ނެތް ސަބަބު ސާފުކޮށްދޭން ޖެހޭ ވަރުގެ ކަމެއް ނަމަ އެކަން ވެސް ކުރަން ޖެހެ އެވެ.
"އެހެންކަމުން، ހުރިހާ މުވައްޒަފުން ވެސް އާރުޓީއައި ގާނޫނަށް ހަރުކަށިކޮށް ބޯލަނބައި، ކަނޑައެޅިފައިވާ މުއްދަތުގެ ތެރޭގައި އިންފޮމޭޝަން އޮފިސަރަށް މައުލޫމާތު ފޯރުކޮށްދޭން ވާނެ. މި ގާނޫނަށް އަމަލު ނުކުރުމުން ގާނޫނީ ގޮތުން ޒިންމާވާން ޖެހޭ ފަދަ ނަތީޖާތަކެއް ކުރިމަތިވެދާނެތީ، ހުރިހާ ޑިޕާޓުމަންޓުތަކާއި މުވައްޒަފުންގެ އެހީތެރިކަމާއި އެއްބާރުލުން ފޯރުކޮށްދޭން އެދެން،" މެމޯގައި ބުންޏެވެ.
އާރުޓީއައި ގާނޫނަށް ބޯލަނބަން އެޗްޑީސީގެ މުވައްޒަފުންނަން އެންގިއިރު، ސަރުކާރުގެ އިދާރާތަކުގެ ތެރެއިން އެއްވެސް ޖަވާބެއް ނުދިނުމުގެ މައްސަލަ އެންމެ ބޮޑު އިދާރާއަކީ އެޗްޑީސީ އެވެ. ނަމަވެސް މި ފަހުން އެ ކުންފުނިން ވަނީ އާރުޓީއައި ގާނޫނުގައި ބުނާ އަމިއްލަ އިސްނެގުމުގައި ހާމަކުރަން ޖެހޭ މައުލޫމާތު ހާމަކުރި ދައުލަތުގެ ފުރަތަމަ ކުންފުންޏަށް ވެފަ އެވެ.
އެޗްޑީސީން މި މައުލޫމާތު ހާމަކުރީ، އާރުޓީއައި ގާނޫނަށް އަމަލުކުރުމުގެ ގޮތުން ސަރުކާރުގެ ވުޒާރާތަކުން މި މައުލޫމާތު ހާމަކުރި ފަހުންނެވެ.
އާރުޓީއައި ގާނޫނަށް ހަރުކަށިކޮށް ތަބާވާން އެޗްޑީސީގެ މުވައްޒަފުންނަށް އަންގައިފި
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ