ރައީސް ޔާމިނުގެ މައްޗަށް ދަށު ކޯޓުން ކުރި ހުކުމް ޤާނޫނާއި ޚިލާފުކަމަށް ކަނޑައަޅައިދޭން އެދިއްޖެ

ވ.
އާރަށުގެ މުއާމަލާތާއި ގުޅިގެން ރައީސް ޔާމީން އަބްދުލްގައްޔޫމުގެ
މައްޗަށް ދައުލަތުން އުފުލި ރިޝްވަތު ގަބޫލުކުރުމާއި، މަނީލޯންޑަރިންގެ ދައުވާތައް
ސާބިތުވާކަމަށް ކަނޑައަޅާ ކްރިމިނަލް ކޯޓުން ކުރި ހުކުމަކީ ޤާނޫނާއި ޚިލާފު
ހުކުމެއްކަމަށް ކަނޑައަޅައި، އެ ހުކުމް ބާތިލުކޮށްދިނުމަށް އެމަނިކުފާނުގެ
ފަރާތްޕުޅުން ހައިކޯޓުގައި އެދިއްޖެ އެވެ.
އެ
މައްސަލައިގެ އަޑުއެހުމެއް އަންގާރަ ދުވަހު ކުރިއަށް ގެންގޮސްފައިވާއިރު، އެ އަޑުއެހުމުގައި
އޮތީ މައްސަލައިގެ ޚުލާސާ ބަޔާން އިއްވުމެވެ.
ޚުލާސާކޮށް
މައްސަލައާއި ގުޅޭގޮތުން ވާހަކަދައްކަވަމުން ރައީސް ޔާމީނުގެ އިސް ޤާނޫނީ ވަކީލު
ޑރ މުހައްމަދު ޖަމީލު އަހުމަދު ވިދާޅުވީ ރިޝްވަތު ގަބޫލުކުރިކަމުގެ ކުށް
ސާބިތުކޮށްދިނުމަށް މައިގަނޑު ހެކިންގެ ގޮތުގައި ދައުލަތުން ހުށައަޅާފައިވަނީ
ކުރީގެ ނައިބު ރައީސް އަހުމަދު އަދިބާއި، އެމްއެމްޕީއާރުސީގެ ކުރީގެ މެނޭޖިން
ޑިރެކްޓަރ ޒިޔަތު ކަމަށެވެ.
Advertisement
ދަށު
ކޯޓުގައި މި މައްސަލަ ސާބިތުކޮށްދިނުމަށް ވަރަށް ގިނަ ހެކި ހުށައަޅާފައިވާ
ކަމަށާއި، އެ ހެކިތަކަށް ރިއާޔަތްކޮށްފައިވާކަމަށް އިސްތިއުނާފު މަރުހަލާގައި
ޕްރިސެކިއުޓަރުން ވިދާޅުވެފައިވާކަން ފާހަގަކުރައްވާ ޑރ ޖަމީލު ވިދާޅުވީ އަދީބާއި
ޒިޔަތުގެ ހެކިބަސް ހުށައަޅާފައިވާއިރު، އެ މީހުންގެ ހެކިބަސް ސާބިތުކޮށްދިނުމަށް
ދެން ހުށައެޅި ހެކިތަކާއި ގުޅުވާލެވޭ އެއްވެސް ހެއްކެއް ދައުލަތުން ހުށައަޅާފައި
ނުވާކަމަށެވެ.
އެގޮތުން
ޖިނާއީ މައްސަލަތަކުގައި، ކޮރަބޮރޭޝަން ގާއިދާތަކާއި ގުޅުމެއް ނެތް ހެކި ހުށައަޅާ
ކިތަންމެ ވާހަކައެއް ދެއްކި ނަމަވެސް އެ ކަންތައްތަކަކީ ކޮރަބޮރޭޝަން ގާއިދާއާއި
ގުޅޭ ވާހަކަތަކެއް ނޫންކަން އިސްތިއުނާފީ މަރުހަލާގައި ފާހަގަކޮށްފައިވާނެ ކަމަށް
ޑރ ޖަމީލު ވިދާޅުވި އެވެ.
ޑރ
ޖަމީލު ވިދާޅުވީ މި މައްސަލައިގައި ދައުލަތުން މައިގަނޑު ހެކިންގެ ގޮތުގައި
އަދީބާއި ޒިޔަތުގެ ހެކިބަސް ހުށައަޅާފައިވާއިރު، އެ ހެކިވެރިންގެ އަހުލިއްޔަތުގެ
އިތުރުން، ހެކިވެރިންނާއި ގުޅޭ ސީރިއެސް ސުވާލުތަކެއް އުފެދޭކަމަށެވެ.
ހެކިވެރިޔަކީ މުއްތަހަމެއް ކަމށް ވާނަމަ، ވަކިން ޚާއްސަކޮށް، އެ ހެކިވެރިޔާއަކީ
ދައުލަތުގެ ފަރާތުން ކަމަކަށް އުންމީދުކުރާ ހާލުގައި ހުރި މީހެއް ކަމަށް ވާނަމަ،
އެފަދަ ހެކިވެރިންނަށް ފާރަވެރިވުމަކީ ފަނޑިޔާރުންގެ މައްޗަށް އޮތް
މަސްއޫލިއްޔަތެއްކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.
އެގޮތުން
އަދީބާއެކު ދައުލަތުން ހަދާފައިވާ އިއުތިރާފު އެއްބަސްވުމުގެ ދަށުން، އަދީބުގެ
މައްޗަށް ކުރެވޭ ޓެރަރުޒަމްގެ ދައުވާތައް ނުކުރުމަށް ޕީޖީން އެއްބަސްވުމުން،
އަދީބަކީ ދައުލަތުގެ ފަރާތުން ކަމަކަށް އުންމީދެއްކޮށްގެން ހުރި މީހެއްކަން
ހާމަވާކަމަށާއި، އެ ހާލަތުގައި އަދީބުގެ ހެކިބަސް އެއްފަރާތްކުރުމަކީ ކޮރަބޮރޭޝަން
ގާއިދާގެ މަތިން ޖެހޭކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.
އެއާއެކު
އެމަނިކުފާނު ވިދާޅުވީ، އަދީބުގެ ހެކިބަސް އެއްކިބާ ކުރުމުން، ދައުލަތުން ރައީސް
ޔާމިނުގެ މައްޗަށް ކުރާ ދައުވާ ނެގެހެއްޓޭނެ އެއްވެސް ގޮތެއް ނޯންނާނެ ކަމަށެވެ.
އެއީ އަދީބާއި ޒިޔަތުގެ ހެކިބަސް ނޫން އެހެން އެއްވެސް އިތުރު މިނިވަން ހެއްކެއް
ދައުވާ ސާބިތުކޮށްދިނުމަށް ހުށައަޅާފައި ނުވާތީކަމަށް ޑރ ޖަމީލު ވިދާޅުވި އެވެ.
އަދި ބާރުދޭ ހެކިކަމަށް ބުނެ ހުށައަޅާފައިވަނީ ވެސް އަދީބާއި ޒިޔަތުގެ ހެކިބަސް
ސާބިތުކޮށްދިނުމަށް ހުށައަޅާފައިވާ ހެކިތައްކަން ވެސް ފާހަގަކުރެއްވި އެވެ.
"އިސްލާމީ
ޝަރީއަތުގައި އެއްޗެއް ގުޅުވައިދޭއިރު އޮންނާނީ އަސްލަށް ބެލުން. އަސްލު ނެތި
ހިނގައްޖެނަމަ ގުޅުވައި ނުދެވޭނެ. އަދި ގުޅުވައިދެވޭނެ ގޮތެއް ވެސް ނޯންނާނެ"
ޑރ މުހައްމަދު ޖަމީލު އަހުމަދު
އާރަށު
މައްސަލައާއި ގުޅިގެން ރައީސް ޔާމިނުގެ މައްޗަށް އުފުލާފައިވާ މަނީލޯންޑަރިންގެ
ދައުވާ އާއި ގުޅޭގޮތުން އެމަނިކުފާނުގެ ޤާނޫނީ ވަކީލު ޑރ ޖަމީލު ވިދާޅުވީ
މަނީލޯންޑަރިންގެ އަމަލު ސާބިތުކުރުމަށް ދައުލަތުން ބަޔާންކުރި ވާގިޔާތަކުން
އަމަލު ސާބިތުނުވާކަން އިސްތިއުނާފީ ކޯޓުގައި ސާބިތުކޮށްދެވިފައި ވާކަމަށެވެ.
އެގޮތުން
މަނީލޯންޑަރިންގެ ދައުވާ އަކީ ޕްރެޑިކޭޓް އޮފެންސާއެކު ކުރާ ދައުވާއެއް ނަމަ
ޕްރެޑިކޭޓު އޮފެންސް ސާބިތުކޮށްނުދީ، އެ ދައުވާ ސާބިތުކޮށްނުދެވޭނެކަމަށާއި، އެ
މައްސަލައިގައި ދައުލަތަށް ކުށުގެ އުންސުރު ސާބިތުކޮށްދެވިފައި ނުވާކަން ރައީސް
ޔާމިނުގެ ފަރާތްޕުޅުން އިސްތިއުނާފީ ކޯޓުގައި ސާބިތުކޮށްދީފައި ވާނެކަން ޑރ ޖަމީލު
ފާހަގަކުރެއްވި އެވެ.
"މަނީލޯންޑަރިންގެ އަމަލު ސާބިތުކުރުމަށް ދައުލަތުން
ބަޔާންކުރި ވާގިޔާތަކުން އަމަލު ސާބިތުނުވާކަން އިސްތިއުނާފީ ކޯޓުގައި ވާނީ
ސާބިތުކޮށްދީފަ. މަނީލޯންޑަރިން ގާނޫނުގެ 5 ވަނަ މާއްދާގެ ތިނަކަށް ވެސް ކުށުގެ
އަމަލު ނުފެތޭކަން ސާބިތުކޮށްދީފަ. މަނީލޯންޑަރިންގެ ދައުވާ އަކީ ޕްރެޑިކޭޓް
އޮފެންސާއެކު ކުރާ ދައުވާއެއްނަމަ، ޕްރެޑިކޭޓު އޮފެންސް ސާބިތުވާން ޖެހޭނެކަން
އިސްތިއުނާފު މަރުހަލާގައި ވާނީ ފާހަގަކޮށްފައި"
ޑރ މުހައްމަދު ޖަމީލު އަހުމަދު
މި
މައްސަލައަށް ބަލާއިރު، ރިޝްވަތު ގަބޫލުކުރިކަމުގެ ދައުވާ ސާބިތުކޮށްނުދީ
މަނީލޯންޑަރިންގެ ދައުވާ ސާބިތުކޮށް ނުދެވޭނެ ކަމަށާއި، އެ ކަންކަން
ސާބިތުކޮށްދިނުމުގައި ދައުލަތް ފެއިލްވެފައިވާކަން ޑރ ޖަމީލު ފާހަގަކުރެއްވި އެވެ.
އެކަންކަން
ފާހަގަކުރައްވާ ރައީސް ޔާމީންގެ އިސް ގާނޫނީ ވަކީލު ޑރ ޖަމީލު ވިދާޅުވީ އާރަށު
މައްސަލައިގައި ރައީސް ޔާމިނުގެ ފަރާތްޕުޅުން ހުށައަޅާފައިވާ އިސްތިއުފާނީ ނުކުތާތަކާއި
ކޯޓުގައި ދައްކަވާފައިވާ ވާހަކަތަކަށް ރިއާޔަތްކޮށް މަނީލޯންޑަރިންގެ މައްސަލަ
ކްރިމިނަލް ކޯޓުން ނިންމާފައިވަނީ ޤާނޫނާއި ޚިލާފަށްކަމަށް ކަނޑައަޅައި ހުކުމް
ބާތިލުކޮށްދިނުމަށް އެދިވަޑައިގަންނަވާ ކަމަށެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ