މަރުގެ ޙުކުމް ތަންފީޒު ކުރުމަކީ ޤައުމީ ތަރައްޤީގެ އުސް ލަނޑުދަނޑިއެއް ނޫންކަމަށް ކުރީގެ ރައީސް އަލްއުސްތާޒު މައުމޫން އަބްދުލްޣައްޔޫމް ވިދާޅުވެއްޖެއެވެ.
އެމަނިކުފާނު މިފަދައިން ވިދާޅުވީ މިސަރުކާރުން މަރުގެ ހުކުމް ތަންފީޒްކުރާނެކަަމަށް ދާހިލީ ވަޒީރު އަލީ އިހުސާން ވިދާޅުވުމާގުޅިގެން ކުރެއްވި އެކްސް ޕޯސްޓެއްގައެވެ.
ދާހިލިއްޔާއިން ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި، ނޫސްވެރިޔަކު ކުރި ސުވާލަކަށް ޖަވާބު ދެއްވަމުން މިނިސްޓަރު ވިދާޅުވީ، މި ސަރުކާރުން ވަނީ މަރުގެ އަދަބު ތަންފީޒްކުރަން ނިންމާފައިކަމަށެވެ. އެހެންކަމުން އެެކަމާއި ގުޅޭގޮތުން ކުރަންޖެހޭ ކަންކަމާއި ބަލަންޖެހޭ ކަންކަން ބެލުމަށްފަހު، ގާނޫނުތަކާއި ގަވައިދުތަކުގެ ތެރެއިން އެކަން ކުރާނެކަމަށް މިނިސްޓަރު އިހުސާން ވިދާޅުވިއެވެ.
މިކަމާ ގުޅިގެން ރައީސް މައުމޫން ވިދާޅުވީ، މަރަށް މަރު ހިފުމަކީ އިސްލާމީ ޝަރީޢަތުގައި ވަކި ހަމަތަކަކާ އުޞޫލު ތަކެއްގެ މަތިން ކުރަން އޮންނަ ކަމެއްކަމަށެވެ. އަދި މިކަމާ ބެހޭ ތަފްސީލް ވަރަށް އަވަހަށް ރައްޔިތުންނަށް ހާމަކޮށްދެއްވާނެކަމަށް ރައީސް މައުމޫން ވަނީ ވިދާޅުވެފައެވެ.
މަރުގެ ހުކުމް ތަންފީޒުކުރުމާމެދު ރައީސް މައުމޫނު ދެއްކެވި ވާހަކަފުޅަށް ގިނަ ބަޔަކު އަންނަނީ ސޯޝަލް މީޑިއާގައި ފާޑުކިޔަމުންނެވެ. ބައެއް މީހުން ވަނީ ރާއްޖޭގައި މީހުން މެރުން އާންމުވެފައި މިއޮތީ މަރުގެ ހުކުމް ތަންފީޒު ނުކުރާތީ ކަމަށްބުނެ 30 އަހަރު ވެރިކަން ކުރެއްވިއިރު ވެސް މަރުގެ ހުކުމް ތަންފީޒު ނުކުރައްވައި އޮތުމުން ރައީސް މައުމޫން އަށް ފާޑުވިދާޅުވެފައެވެ. އެންމެ ގިނަ ބަޔަކު ނުރުހުން ފާޅުކޮށްފައި ވަނީ 1988 ވަނަ އަހަރު ރާއްޖެއަށް ދިން އުދުވާނީ ހަމަލާގެ މޭސްތިރީންނަށް ރައީސް މައުމޫންގެ ވެރިކަމުގައި އިއްވި މަރުގެ ހުކުމް މާފު ކޮށްދެއްވައި އެމަނިކުފާނު ދެއްވި ލުޔާ ގުޅިގެންނެވެ.
އެ ހަމަލާގެ މޭސްތިރިންކަމަށްވާ އަބްދުﷲ ލުތުފީއާއި ސަގަރު އަހުމަދު ނާސިރު ވަނީ 25 އަހަރުގެ ޖަލު ހުކުމް ތަންފީޒުކޮށް ނިމުމުން މިހާރު މިނިވަންވެފައެވެ.
ބައެއް ފަރާތްތަކުންވަނީ ރައީސް މައުމޫނު ދީނުގެ ޙުކުމްތަކަށް ފާޅުގައި އިންކާރުކުރާކަމަށް ބުނެ އެމަނިކުފާނަށް ފިޔަވަޅު އެޅުމަށްވެސް ސަރުކާރަށް ގޮވާލާފައެވެ.
މަރުގެ ހުކުމް އިއްވާފައިވާ މީހުންގެ ތެރެއިން ހުރިހާ މަރުހަލާތަކެއް ނިމި ހުކުމް ތަންފީޒުކުރުމާ ހިސާބުގައި ތިބީ ހަތަރު މީހުންނެވެ. އެއީ، އުނގޫފާރު ދާއިރާގެ ކުރީގެ މެމްބަރު ޑރ. އަފްރާޝިމް އަލީގެ ގާތިލް ހ. ލޮބީ ހުސެއިން ހުމާމު އާއި، 2012 ވަނަ އަހަރު ގާނޫނީ ވަކީލް އަހުމަދު ނަޖީބު މަރާލި ކަމުގެ ކުށް ސާބިތުވި މ. މަސްރޫރާ، މުއްރަތާއި، އަބްދުﷲ ފަރުހާދު މަރާލިކަން ސާބިތުވެ، ގ. ރީފް މުހައްމަދު ނަބީލުގެ އިތުރުން ހައްދުންމަތީ މުންޑޫ، ނޫވިލުގެ، އަލީ ޒިޔަދަމް މަރާލިކަން ސާބިތުވި، މުހައްމަދު ޝަނޫން އެވެ.
ރާއްޖޭގައި މަރަން ހުކުމްކުރަމުންދަނީ ގަސްދުގައި މީހުން މެރުމުގެ މައްސަލަތަކުގައެވެ.
ރާއްޖޭގައި މަރުގެ އަދަބެއް އެންމެ ފަހުން ތަންފީޒު ކޮށްފައިވަނީ މީގެ 70 އަހަރުކުރިން، 1953 ވަނަ އަހަރު ރާއްޖޭގެ ފުރަތަމަ ރައީސް މުހައްމަދު އަމީންގެ ވެރިކަމުގަ އެވެ.
ރައީސް އަމީނަށް ސިހުރު ހެދުމުގެ އިތުރަށް ވިހަ ހިކައެއް ލައިގެން ސައި ކައްކައި ހުވަދު އަތޮޅު އަތޮޅުވެރިޔާ ވީރު އަލިދީދީ މަރާލިކަަމަށް އިއުތިރާފުން ސާބިތުވެ މަރުގެ ހުކުމް ތަންފީޒުކޮށްފައިވަނީ ގއ. ނިލަންދޫ ހަކީމް ދީދީގެ މައްޗަށެވެ. މި ހުކުމް ކުރެއވީ ފަޟީލަތުއް ޝައިޚު ޖަލާލުއްދީންނެވެ. ހުކުމް ތަންފީޒުކޮށް ހަކީމް ދީދީ ގަޔަށް ބަޑި ޖަހައި މަރާލީ ހުޅުލޭގައެވެ.
މަރުގެ ޙުކުމް ތަންފީޒުކުރުމަކީ ޤައުމީ ތަރައްޤީގެ ލަނޑުދަނޑިއެއް ނޫން: ރައީސް މައުމޫން
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ