ޖޫރިމަނާ ކުރީ އެނގިފައި ނުވާ ކަމެއް ހާމަނުކުރެވިގެން: ޕީޖީ

ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބުނެ ޕްރޮސެކިއުޓާ ޖެނެރަލް (ޕީޖީ) އޮފީސް ޖޫރިމަނާކުރީ، އެ އޮފީހަށް ހުށަހެޅިފައި ނެތް މައްސަލައެއްގެ މައުލޫމާތެއް ހަމާނުކުރެވިގެން ކަމަށް ޕީޖީން ބުނެފިއެވެ. ކޯޓުގެ އަމުރަކަށް ޕީޖީ އޮފީހުން އަމަލު ނުކުރުމުން ކޯޓުގެ ހުރުމަތް ކެނޑުމުގެ ކުށުގައި އެ އޮފީސް 10،000ރ. އިން ޖޫރިމަނާ ކުރަން ސ. ފޭދޫ މެޖިސްޓްރޭޓް ކޯޓުން އިއްޔެ ވަނީ ހުކުމްކޮށްފައެވެ. ކޯޓުން އެގޮތަށް ހުކުމްކުރީ ޖިނާއީ މައްސަލައަކާ ގުޅިގެން ބައެއް މައުލޫމާތު ހާމަކުރަން އެ ކޯޓުން އެންގުމުން އެ އަމުރަށް ތަބާނުވި މައްސަލައިގައެވެ. މިކަމާ ގުޅިގެން ޕީޖީ އޮފީހުން މިއަދު ނެރުނު ބަޔާނެއްގައި ބުނީ ފޭދޫ މެޖިސްޓްރޭޓް ކޯޓުގައި ހިނގަމުންދިޔަ މައްސަލައެއްގައި ހޯއްދަވަން، މެޖިސްޓްރޭޓް އަމުރު ކުރެއްވި މައުލޫމާތު، އެކޯޓުން އެދިވަޑައިގެންނެވި ދުވަހަށް ފޮނުވިފައި ނުވަނީ، އެ މައުލޫމާތަކީ އެ އޮފީހަށް މައްސަލައިގައި ލިބިފައިވާ މައުލޫމާތަކަށް ނުވާތީ ކަމަށެވެ. "އެފަދަ މައުލޫމާތު ޕްރޮސިކިއުޝަން މެދުވެރިކޮށް ހޯދޭ ގޮތަށް އޮންނަ އިޖުރާއަތާ އެއްގޮތަށް ދިފާއުން ހުށަހެޅުއްވުމުން އެ މައުލޫމާތު ހޯދުމަށް މަސައްކަތް ކުރާނެކަމަށް ކޯޓުގައި ދެންނެވުން އެ ގޮތުގެ މަތިން އެފަދަ ހުށަހެޅުމެއް ލިބިފައިނުވާތީ،" ޕީޖީ އޮފީހުން ބުންޏެވެ. ޕީޖީ އޮފީހުން ބުނީ ޕްރޮސިކިއުޝަން މެދުވެރިކޮށް މިފަދަ މައުލޫމާތެއް ނުހޯދޭ ހާލަތުގައި އެ މައުލޫމާތެއް ހުރި އިދާރާއަކަށް އަމުރު ކުރައްވައިގެން ހޯދޭނެ ކަމަށެވެ. ޕީޖީން ބުނި ގޮތުގައި އެ މައުލޫމާތަކީ، ފުލުސް އޮފީހުން ބަލަހައްޓާ މައުލޫމާތަކަށް ވާތީ، އެ މައުލޫމާތު ހޯދޭނެ ގޮތަކީ ފުލުސް އޮފީހަަށް އަމުރެއް ފޮނުވުމެވެ. އެ އަމުރު ފުލުސް އޮފީހަށް ފޮނުވާފައި އޮތްކަމަށް ޕީޖީއަށް ލިބިފައިވާ ކަމަށާއި އެފަދަ ކަމެއްގައި ކޯޓުގެ ހުރުމަތް ކެނޑިކަމަށް ބެލުމަކީ އިންސާފުވެރި ގޮތެއްކަމަށް ނުވެދާނެތީ އެ އަމުރު މަތީ މަރުހަލާގެ ކޯޓެއްގައި އިސްތިއުނާފު ކުރުމަށް މަސައްކަތް ކުރަމުންދާ ކަމަށް ޕީޖީން ބުންޏެވެ. "މިއޮފީހުގައި ހުރި މަޢުލޫމާތެއް ކޯޓަކުން ބޭނުންފުޅުވެގެން އެދިވަޑައިގެންފިނަމަ، ނުދީ ހިފެހެއްޓުމަކީ މިއޮފީހުން ދުވަހަކުވެސް ކުރި ނުވަތަ ކުރާނެވެސް ކަމެއް ނޫން. މިއޮފީހުން ކޯޓަށް ހުށަހަޅާ މައްސަލައެއްގައި، މިއޮފީހަށް ލިބޭ ހުރިހާ މަޢުލޫމާތެއް ހާމަކުރަން،" ޕީޖީން ބުންޏެވެ. "ފޮރުވާނެ އެއްޗެއް ނޯންނާނެއެވެ. ޤާނޫނީ ސަބަބަކާހުރެ އެއްވެސް މަޢުލޫމާތެއް ސިއްރުކުރަން އެދޭނަމަ، އެކަން ކުރަނީ، ޖިނާއީ އިޖުރާއަތުގެ ޤާނޫނުގައިވާ ގޮތުގެ މަތިން، ކޯޓު އަމުރެއް ލިބިގެން. ނަމަވެސް، ތަޙުޤީޤުން ނުލިބޭ، މިއޮފީހުގައި ނުވެސް ނެތް މަޢުލޫމަތެއް ހާމަކުރަން ކޯޓުން އެދޭނަމަ، އެމަޢުލޫމާތެއް ހޯއްދެވޭނީ، އެ މަޢުލޫމާތެއް ހުރި އިދާރާއަކަށް ލިޔުއްވައިގެން،" ޕީޖީ އޮފީހުން ބުނީ އެކަމަށް، ދިވެހިރާއްޖޭގެ ކޯޓުތަކުގެ ޤާނޫނުގެ ދަށުން އަދަބެއް ކަނޑައެޅޭނީ "ޝަރީޢަތުގެ މަޖިލީސް ހިނގަމުންދަނިކޮށް" ކަމަށެވެ. ނަމަވެސް އެކަމަކީ މަޖިލީހުގެ ތެރޭގައި ނޫން ގޮތަކަށް ދިމާވި ކަމަކަށްވެފަ، އެ މާއްދާގެ ދަށުން އަދަބު ކަނޑައެޅުމުން އެ އޮފީހުން ވަނީ އެކަމާ މެދު ސުވާލު އުފައްދާފައެވެ. ފޭދޫ ކޯޓުން އިއްޔެ ކުރި ހުކުމުގައި ވަނީ މިދިޔަ އޭޕްރީލް މަހު އެ ކޯޓުން ނެރުނު އަމުރާ އެއްގޮތަށް މައުލޫމާތު ހާމަ ނުކުރުމުގެ އިތުރުން އެ މައުލޫމާތު ހާމަކުރަން ދެ ފަހަރަށް ފުރުސަތު ދިނުމުން ވެސް އެގޮތަށް ދައުލަތުން އަމަލު ކޮށްފައިނުވާ ކަމަށެވެ. އަދި ތަކުރާރުކޮށް ފުރުސަތު ދިނުމުން ވެސް އެ އަމުރަށް އަމަލު ކޮށްފައި ނުވާތީ އެއީ ކޯޓުގެ ހުރުމަތް ކެނޑުމުގެ އަމަލެއް ކަމަށް ހުކުމުގައި ވެއެވެ. އަދި އޭގެ އަދަބެއްގެ ގޮތުން 10،000ރ. އިން ވަނީ ޖޫރިމަނާ ކޮށްފަ ކަމަށް ހުކުމުގަވެއެވެ. އެ ފައިސާ އެއް މަސް ތެރޭގައި އެ ކޯޓަށް ދެއްކުމަށް ހުކުމުގައި އަންގާފައިވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ