މިފަހަރުގެ އިންތިހާބުން ބުނެދިނީ ފައިސާއަށް ވޯޓުލުން ނިމުމަކަށް އަތުވެއްޖެކަން: ޔާމީން

ނިމިދިޔަ ލޯކަލް ކައުންސިލް އިންތިހާބާއި ރައްޔިތުންގެ ހިޔާލު ހޯދުމުގެ ވޯޓުން، ރައްޔިތުން ދިން މެސެޖަކީ ފައިސާއަށް ވޯޓުލާލުން ނިމުމަކަށް އައިސްފައިވާކަން ކަމަށާއި، އިންތިހާބުތަކުގައި ވޯޓުލާއިރު ރައްޔިތުން އިސްކުރާނީ އެ މީހުންގެ މަސްލަހަތުކަން ކަމަށް ކުރީގެ ރައީސް އަބްދުﷲ ޔާމީން ރޭ ވިދާޅުވެއްޖެ އެވެ.
ވީ ކިހިނެއް؟ - ހޮނިހިރު ދުވަހު ބޭއްވި ކައުންސިލް އަދި އަންހެނުންގެ ކޮމިޓީތަކުގެ އިންތިހާބުން ސަރުކާރަށް ބޮޑު ނާކާމިޔާބީއަކާ ވަނީ ކުރިމަތިވެފަ އެވެ. ރިޔާސީ އިންތިހާބާއި ރައްޔިތުންގެ މަޖިލިސް އިންތިހާބު އެއްކޮށްލުމާ މެދު ރައްޔިތުން ދެކޭ ގޮތް ބަލަން ނެގި ހިޔާލު ހޯދުމުގެ ވޯޓުގައި ވެސް ބޮޑު އަގުލަބިއްޔަތަކުން ރައްޔިތުން ސަރުކާރަށް ބުނެފައިވަނީ ނޫނެކޭ އެވެ.
ބުނީ ކީކޭ؟ - ޕީއެންެއެފް އޮފީހުގައި ބޭއްވި ޖަލްސާގައި ޔާމީން ރޭ ވިދާޅުވީ، އީދު ދުވަހު ބަހާ ހަދިޔާއަކުން ނުވަތަ ރޯދަމަހު ބަހާ މަސްދަޅަކުން ރައްޔިތުން މިހާރު ނުވިކޭނެކަން މި އިންތިހާބުގައި ސާބިތުކޮށްދީފައިވާ ކަމަށެވެ. އަދި މަހުޖަނުން ދެކެ ބިރުން، އަމިއްލަ މަސްލަހަތު އިސްނުކޮށް ރައްޔިތުން ދެން ނުތިބޭނެކަން ވެސް ސާބިތުކޮށްދީފައިވާ ކަަމަށެވެ.
މިސާލަކަށް ދެއްކެވީ ވިޔަފާރިވެރިޔާ ގާސިމް އިބްރާހިމްގެ ޕާޓީ، ޖޭޕީއަށް، އދ. މާމިގިލި އަދި އެއަތޮޅު ފެންފުށިން މިފަހަރުގެ އިންތިހާބުގައި ނާކާމިޔާބީއާ ކުރިމަތިވެފައިވުމެވެ. ގާސިމްގެ އުފަން ރަށް މާމިގިލީގެ ކަރަންޓު ހިދުމަތަށް ދާންދެން ބަލަހައްޓަމުންދަނީ ގާސިމް ކަމަށާއި ފެންފުށި ހިމެނޭހެން ގިނަ ބަޔަކު ތިބީ ގާސިމްގެ ވަޒީފާތަކުގަ ކަން ވެސް ޔާމީން ފާހަގަކުރެއްވި އެވެ.
އެހެންކަމުން އެ ދެ ރަށުގެ މީހުންނަކީ، މީގެ ކުރިން ގާސިމްގެ "އަޅުންގެ ގޮތުގައި ތިބި ބައެއް" ކަމަށް ޔާމީން ސިފަކުރެއްވި އެވެ. 
"އެކަމަކު މިއަދު އެކަން ނިމުމަކަށް އައިޔޭ. އެއީ އަޅުގަނޑުގެ މެސެޖަކީ. އެހެންވީމާ މިއަދު ރައްޔިތުން މަހުޖަނުންދެކެ، ފައިސާ ދެކެ ބިރުންތިބެން މިފަހަރު ރައްޔިތުންނެއް ނުތިބި ނޫންހޭ މިފަހަރު އިންތިހާބުގައި. ގާސިމަށް އެ ގެއްލުނީ މާމިގިލި، ފެންފުށި އެ ގެއްލުނީއޭ ބޮޑުތަނުން،" ޔާމީން ވިދާޅުވި އެެވެ.
ޔާމީން ވިދާޅުވީ ކިތަންމެ ވަރަކަށް ފައިސާ ބެހިޔަސް، އިންތިހާބުތަކުގައި ވޯޓުދޭ އިރު މިހާރު ރައްޔިތުން އެމީހުންގެ މަސްލަހަތަށް ވިސްނާނެކަން ނިމިދިޔަ އިންތިހާބުގައި ބުނެދިފާއިވާ ކަމަށެވެ. އެހެންކަމުން ރައީސް މުހައްމަދު މުއިއްޒު މިހާރު ކުރަންވީ ކަމަކީ، "ހެޔޮ ބަސް އަހާ، ހޮޔޮ ބަސް ގަބޫލުކޮށްގެން" ރައްޔިތުންގެ މަސްލަހަތު އިސްކުރާ ވެރިޔަކަށްވުން ކަމަށް ޔާމީން ވިދާޅުވި އެވެ.
"ބުނަން މިއުޅޭ ވާހަކައަކީ ތިޔަ ގޮތަށް ފައިސާ އެޅުން ހުއްޓާލާށޭ. މިހާރު ރައްޔިތުން ކަންކަމާ ދޭތެެރޭގައި ވިސްނައޭ. ރައްޔިތުންެގެ މަސްލަހަތާ ދޭތެރޭގައި ރައްޔިތުން އެބަ ވިސްނާ. ކިތަންމެ ވަރަކަށް ފައިސާ އެޅިޔަސް ރައްޔިތުން އެބަ ބަލާ ވެރިކަމުގަ ހުރި މީހެއްގެ ޓްރެކް ރެކޯޑު، މިދިޔަ ތިން އަހަރު ކުރީ ކޮންކަމެއްތޯ. މުޅި ރާއްޖެ މިއޮތީ އިނދަޖެހިފަ އޭ،" ޔާމީން ވިދާޅުވި އެވެ.
ފާހަގަކޮށްލެވޭ ކަމެއް - މިފަހަރުގެ ކައުންސިލް އިންތިހާބުގައި އެންމެ ގިނަ ކެންޑިޑޭޓުންނަށް ވާދަކުރުމުގެ ފުރުސަތު ލިބުނީ ވެރިކަންކުރާ ޕީއެންސީއަށެވެ. ސަރުކާރުގެ ނުފޫޒުން އަމިއްލަ އަދި އިދިކޮޅު ބައެއް ކެންޑިޑޭޓުންގެ ކެންޑިޑަސީ ބާތިލުކުރި ކަމަށް ތުހުމަތުކުރެވެ އެވެ. އަދި، އެމްޑީޕީގެ ޓިކެޓުގައި ވާދަކުރަން ފޯމުލީ ބައެއް މީހުންނަށް ފައިސާ ދީގެން، އެމީހުންގެ ކެންޑިޑަސީ އަނބުރާ ނަގުވާފައިވާ ކަމަށް ކެމްޕޭންތެރޭ އެމްޑީޕީން ތުހުމަތުކޮށްފައިވެ އެވެ. 
ހުޅުމާލެއިން އިއުލާންނުކޮށް ޕާކިން ސްލޮޓު ވިއްކައިގެން ލިބުނު ފައިސާއިން 90 މިލިއަނެއްހާ ރުފިޔާ، ކެމްޕޭންތެރޭ ރިޝްވަތުގެ ގޮތުގައި ސަރުކާރުން ބަހާފައިވާ ކަމަށް ވެސް ވަނީ ތުހުމަތުކޮށްފަ އެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ