އެމެރިކާއާއި އީރާނުގެ ހަނގުރާމަ ހުއްޓާލުމުގައި ލުބުނާން ނުހިމެނޭ ކަމަށް ނަތަންޔާހޫ ވިދާޅުވެއްޖެ
އެމެރިކާއާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމަ ދެ ހަފްތާއަށް މެދުކަނޑާލަން އެމެރިކާއިން ނިންމި ނިންމުމަށް އިސްރާއީލުން ތާއީދުކުރާ ކަމަށާއި ނަމަވެސް އެ މުއްދަތަށް ލުބުނާނަށް ދޭ ހަމަލާތައް ހުއްޓާނުލާނެ ކަމަށް އިސްރާއީލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ އޮފީހުން ބުނެފިއެވެ. އެކްސްގައި މިއަދު ކުރެއްވި ޕޯސްޓެއްގައި ނަތަންޔާހޫ ވިދާޅުވީ ހުކުރު ދުވަހު ޕާކިސްތާނުގެ އިސްލާމްއާބާދުގައި މަޝްވަރާ ކުރަން ހަމަޖެހިފައިވާ ކަމަށް އެމެރިކާއިން އިސްރާއީލަށް އަންގާފައިވާ ކަމަށެވެ. ނަމަވެސް ދެ ހަފްތާގެ ހަނގުރާމަ ހުއްޓާލުމުގައި "ލުބުނާން ނުހިމެނޭ" ކަމަށް އޭނާ އިތުރަށް ވިދާޅުވިއެވެ. ނަތަންޔާހޫ އެގޮތަށް ވިދާޅުވެފައި މިވަނީ އެމެރިކާއާއި އީރާނާއި އެ ގައުމުތަކުގެ އެކުވެރި ގައުމުތަކުން "ލުބުނާނާއި އެހެން ގައުމުތައް ހިމެނޭ ގޮތަށް ހުރިހާ ތަނެއްގައި ވަގުތުން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައިވާ" ކަމަށް ޕާކިސްތާނުގެ ބޮޑުވަޒީރު ޝެހްބާޒް ޝަރީފް އިއުލާން ކުރައްވާފައިވަނިކޮށެވެ. އެމެރިކާ އާއި އިސްރާއީލުން އީރާނާ ދެކޮޅަށް ކުރާ ހަނގުރާމައިގެ އިސްރާއީލުން ލުބުނާނަށް ހަމަލާދޭން ފެށީ އީރާނާ ގުޅިފައިވާ ހަތިޔާރު އެޅި ޖަމާއަތް، ހިޒްބުالله އިން އިސްރާއީލަށް ހަމަލާތަކެއް ދިނުމުންނެވެ. ހިޒްބުﷲ އިން ބުނީ ހަމަލަ ދިނީ އީރާނުގެ ކުރީގެ އެންމެ އިސް ލީޑަރު އާޔަތުﷲ އަލީ ޚާމަނާއީ އަވަހާރަކޮލުމުގެ ބަދަލު ހިފުމުގެ ގޮތުންނާއި،2024 ވަނަ އަހަރުގެ ނޮވެމްބަރު މަހު ހަމަލާތައް ހުއްޓާލުމަށް ލުބުނާނާއެކު ވެފައިވާ އެއްބަސްވުމާ ޚިލާފުވެ އިސްރާއީލުން ކޮންމެ ދުވަހަކު ދޭ ހަމަލާތަކުގެ ބަދަލުގައި ކަމަށެވެ. މީގެ ކުރިން ހަނގުރާމަ ހުއްޓާލުމަށް އެއްބަސްވެފައި ވަނީ 2023 ވަނަ އަހަރުގެ އޮކްޓޯބަރު މަހު އިސްރާއީލުން ޣައްޒާއާ ދެކޮޅަށް ފެށި ނަސްލު ނައްތާލުމުގެ ހަނގުރާމައާ ގުޅިގެން އިސްރާއީލުގެ ސިފައިންނާއި ހިޒްބުالله އާއި ދެމެދު އަހަރަކަށް ވުރެ ގިނަ ދުވަހު ބޯޑަރު ހުރަސްކޮށް ހަމަލާތަކެއް ދިން ފަހުންނެވެ. ލުބުނާނުގެ ކަމާބެހޭ ފަރާތްތަކުން ބުނާ ގޮތުގައި މާޗް މަހުގެ ދެވަނަ ދުވަހުން ފެށިގެން އިސްރާއީލުން ލުބުނާނަށް ދިން ހަމަލާތަކުގައި 1،500 އަށް ވުރެ ގިނަ މީހުން މަރުވެ، އެއް މިލިއަނަށް ވުރެ ގިނަ މީހުން ގެދޮރު ގެއްލިފައިވެއެވެ. އިސްރާއީލުގެ އަސްކަރިއްޔާއިން ވެސް ވަނީ ލުބުނާނުގެ ދެކުނަށް އަރައިގަންނަން ފަށާފައި ކަމަށާއި އެގައުމުގެ ބަފާ ޒޯނެއް ކަމަށް ބުނާ ތަނެއް ހިފުމުގެ އަމާޒު ހިފާފައިވާ ކަމަށް ބުނެފައެވެ. ނަތަންޔާހޫގެ އިއުލާނާ ގުޅިގެން ހިޒްބުالله އާއި ލުބުނާނުން ވެސް އެއްވެސް އެއްޗެއް ބުނެފައެއް ނުވެއެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ