ޔޫއެފާ ޗެމްޕިއަންސް ލީގުގެ ކުއާޓަރ ފައިނަލުގެ ފުރަތަމަ ލެގުގައި ރޭ ބަޔާން މިއުނިކާއި ދެކޮޅަށް ރެއާލް މެޑްރިޑް ކުޅުނު މެޗުން 2-1 ގެ ނަތީޖާއަކުން ރެއާލް މެޑްރިޑް ބަލިވެއްޖެ އެވެ.
މެޑްރިޑްގެ ސެންޓިއާގޯ ބަރނަބިއު ސްޓޭޑިއަމްގައި ހަތްދިހަ ހަތް ހާހަށްވުރެ ގިނަ މީހުންގެ ކުރިމަތީގައި ކުޅުނު މި މެޗުގައި ދެ ޓީމުގެ ފަރާތުންވެސް ވަނީ ދާދި ހަމަހަމަކުޅުމެއް ފެނިގެން ގޮސްފަ އެވެ. މި މެޗުގައި ކޮންމެ ޓީމަކުންވެސް ޖުމްލަ 20 ހަމަލަ އުފައްދާފައިވާއިރު ދެ ޓީމުގެ ގޯލު ކީޕަރުންވެސް ވަނީ މުހިންމު ސޭވްތަކެއް ކޮށްފަ އެވެ.
މި މެޗަށް ބަޔާން މިއުނިކް ނިކުތްއިރު އަނިޔާގެ ސަބަބުން ކުޅުމާއި ދުރުގައި ހުރުމަށްފަހު އިނގިރޭސި ފޯވަޑް ހެރީ ކޭން ވަނީ މި މެޗުގެ ފުރަތަމަ ޓީމުގައި ހިމެނިފަ އެވެ.
ރެއާލް މެޑްރިޑްގެ އަމިއްލަ ދަނޑުގައި ކުޅުނު މި މެޗުގައި ފުރަތަމަ ލަނޑު ޖަހާ ކުރި ހޯދާފައިވަނީ ބަޔާން މިއުނިކް އިންނެވެ. މި ލަނޑަކީ މެޗުގެ ފުރަތަމަ ހާފުގެ ކުޅުން ނިމެން ހަތަރު މިނިޓަށް ވެފައިވަނިކޮށްފަި ސާރޖީ ނަބްރީ ދިން ޕާހަކުން ލުއިސް ޑިއާޒް ކާމިޔާބުކޮށްދީފައިވާ ލަނޑެކެވެ.
އަދި ދެވަނަ ހާފުގެ ކުޅުން ފެށުނުތާ ފުރަތަމަ މިނިޓުގައި މައިކަލް އޮލިސޭގެ އެސިސްޓަކުން ހެރީ ކޭން ވަނީ އިތުރު ލަނޑެއް ޖަހާ ދެ ޓީމުގެ ދެމެދުގައިވާ ފަރަގު ބޮޑުކޮށްފަ އެވެ.
ރެއާލް މެޑްރިޑް އިން މި މެޗުގައި ލަނޑު ޖަހާ މެޗުގެ ނަތީޖާ 2-1 އަށް ބަދަލުކޮށްފައިވަނީ މެޗުގެ 74 ވަނަ މިނިޓުގައި ކިލިއަން އެމްބާޕޭ ކާމިޔާބުކޮށްދިން ލަނޑުންނެވެ.
މި ނަތީޖާ އާއިއެކު ރަށުން ބޭރުގައި ދެވަނަ ލެގަށް ނިކުންނައިރު ރެއާލް މެޑްރިޑް އިން ކުރަން ޖެހޭ މަސައްކަތް ވަނީ ބޮޑުވެފަ އެވެ.
ބަޔާން މިއުނިކް އަތުން ރެއާލް މެޑްރިޑް ބަލިވެއްޖެ
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ