އެންމެ ފަހުން އަދާލަތުގެ ރައީސަކަށް ވާދަކުރައްވާ އިކްރާމް، އިންތިޚާބު ބޮއިކޮޓްކޮށްފި
އަންނަ ހަފުތާގެ ހޮނިހިރު ދުވަހު އަދާލަތު ޕާޓީގެ ރައީސަކު ހޮވަން ބާއްވާ އިންތިޚާބު ބޮއިކުރުމަށް ނިންމާފައިވާ ކަމަށް އެ ޕާޓީގެ ރައީސަކަށް ވާދަކުރައްވާ ޑރ. އިކްރާމް އަބްދުއްސައްތާރު މިއަދު ވިދާޅުވެއްޖެއެވެ. އިކްރާމްގެ ކެމްޕެއިން އޮފީހުން ނެރުނު ނޫސްބަޔާނެއްގައި ވަނީ، ޕާޓީގެ ރައީސަކު ހޮވާ އިންތިޚާބު ބޮއިކޮޓް ކުރައްވަން ޖެހުނީ އިންތިޚާބާ ގުޅިގެން ހުރިހާ ކަމެއް ކުރަމުން ދިޔައީ، ދެފުށްފެންނަ ޢަދުލު އިންސާފުގެ އުސޫލުތަކާ ޚިލާފަށް ކަމަށްވާތީ ކަމަށެވެ. މިގޮތުން، ޚުދުމުހުތާރު ނިޒާމަކަށް މަގުފަހިވާ ގޮތަށް ކޮންމެ ގޮތެއް ހަދައިގެން އިންތިޚާބުން ބޭނުންވާ ނަތީޖާ ނެރެން ރާވާފައިވާކަން ކަށަވަރުވެފައިވާ ކަމަށް އިކްރާމް ތުހުމަތުކުރެއްވިއެވެ. އިކްރާމުގެ އިތުރަށް، ދެން އަދާލަތު ޕާޓީގެ ރައީސަކަށް ވާދަކުރައްވަނީ، އެ ޕާޓީގެ ނައިބު ރައީސް ޝެއިޚު މުހައްމަދު ޝިފާނެވެ. އޭގެ ތެރެއިން، އިކްރާމް މި މަހު 11ގައި ވަނީ ރައީސަކު ހޮވުމަށް ބާއްވާ އިންތިޚާބުގައި ވޯޓު ފޮށި ބެހެއްޓުމަށް އެދިވަޑައިގެން ސިޓީއެއް ހުށަހަޅާފައެވެ. އަދާލަތު ޕާޓީގެ ރައީސް އިމްރާން އަބްދުﷲ ހިމެނިވަޑައިގަންނަވާ ގޮތަށް ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއް: --- ފޮޓޯ/ އަދާލަތު ޕާޓީ އެކަމަކު، އިންތިޚާބުގައި ވޯޓު ފޮށި ބަހައްޓަން ޕާޓީގެ އެތެރޭގެ އިންތިޚާބުތަކަށް ހަދާފައިވާ ގަވާއިދުން ޖާގަ ނުދޭ ކަމަށް އަދާލަތު ޕާޓީން ވަނީ ބުނެފައެވެ. އެ ނޫސްބަޔާނުގައި އިކްރާމް ވަނީ، އިންތިޚާބު ބޮއިކޮޓް ކުރަން ނިންމި އިތުރު ސަބަބުތައް ކިޔައިދެއްވާފައެވެ. މި ގޮތުން، ތަކުރާރުކޮށް އެދުމުން ވެސް ވޯޓުފޮށި ބަހައްޓައިގެން ޕާޓީގެ ޢާއްމު މެންބަރުން ތާއީދުކުރާ ކެންޑިޑޭޓަކަށް ވޯޓުލުމުގެ ޙައްޤު މެންބަރުންނަށް ނުދިނުމަށް ޕާޓީން ނިންމާފައިވާ ކަމަށް އިކްރާމް ވިދާޅުވިއެވެ. އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓެއްގެ ޙައިސިއްޔަތުން ވޯޓުލެވޭ މެންބަރުންގެ ލިސްޓު ބަލައި، ވެރިފައިކުރުމުގެ ފުރުޞަތު ނުދޭން ޕާޓީގެ އިދާރާއިން ނިންމާފައިވާކަމަށް އިކްރާމް ވަނީ ވިދާޅުވެފައެވެ. https://sun.mv/216729 އޭނާ ތުހުމަތުކުރެއްވި ގޮތުގައި، އަދާލަތު ޕާޓީގެ ކުރިއަށް އޮތް ދައުރުގެ ގޮފިތަކާއި ދާއިރާތަކަށް މީހުން އައްޔަނުކުރުމުގައި އެ ޕާޓީން ކަނޑައަޅާފައިވާ އުސޫލުތަކާ ޚިލާފަށް، އިދާރާގައި ތިއްބަވާ ބޭފުޅުން އަންނަނީ އިންތިޚާބަކާނުލައި ބޭނުންވާ މީހުން މަޤާމުތަކަށް ހަމަޖައްސަމުންނެވެ. އޭގެ އިތުރަށް، ލިޔެކިއުންތައް ފުރިމަނުކުރާތީ، ޝަރުޠު ފުރިހަމަނުވާ ވަރަށް ގިނަ މީހުންނާއި މަޤާމުތަކަށް ކުރިމަތިލުމަށް ރުހުން ނުދީ ތިބި ޕާޓީގެ ގިނަ މެންބަރުންތަކެއް ދާއިރާއާއި ގޮފީގެ ރައީސުންނަށް އިންތިޚާބަކާއި ނުލައި ހަމަޖައްސާފައިވާ ކަމަށް އިކްރާމް ތުހުމަތުކުރެއްވިއެވެ. އެ ބަޔާނުގައި ވަނީ، މިހާރު ހިނގަމުންދާ ދައުރުގެ ރައީސަކު ހޮވުމަށް އޮންލައިންކޮށް ބޭއްވި އިންތިޚާބުގައި ވެސް ޕާޓީގެ އިދާރާގެ ތެރެއިން މަކަރާއި ޙީލަތް ހަދައި ވޯޓު އޮޅުވާލާފައިވާ ކަމަށް ޕާޓީގެ ގިނަ ޢާއްމު މެންބަރުންތަކެއް މަޢުލޫމާތު ދީފައިވާ ކަމަށެވެ. އައިސީޓީ ދާއިރާގެ ޕްރޮފެޝަނަލް އެކްސްޕާޓުންގެ ޓީމަކުން އެކަން ބަލައި ތަހުގީގުކުރުމުން، މި އިންތިޚާބުގައި ވެސް ވޯޓުލުމަށްޓަކައި ޢަދާލަތު ޕާޓީގެ ފަރާތުން ކަސްޓަމައިޒް ކޮށްފައިވާ މޯބައިލް އެޕްލިކޭޝަނަކީ، ޕާޓީގެ އޮފީހުގައި ތިބެ ސިސްޓަމްގެ ތެރެއަށް ވަދެ ބޭނުންގޮތަކަށް ވޯޓާއި ކުޅޭލެވޭ އެއްޗެއްކަން އެނގިފައިވާ ކަމަށް އޭނާ ވަނީ ތުހުމަތުކޮށްފައެވެ. އެކަމަކު، އަދާލަތުން ބުނީ، ވޯޓުލާން ބޭނުންކުރަނީ ރާއްޖޭގައި އިތުބާރު ލިބި، އިދާރާތަކުގައި ވޯޓު ލުމަށް ބޭނުންކުރާ 'ފަހި ވޯޓު' ކަމަށެވެ. އިކްރާމް ވިދާޅުވީ، އިންތިޚާބާއިމެދު ޢަދާލަތު ޕާޓީއިން ކަންކަން ކުރަމުންގެންދިޔަ "އަންޑިމޮކްރެޓިކް" ގޮތްތަކުގެ ޝަކުވާ އިލެކްޝަންސް ކޮމިޝަނަށް ހުށަހެޅުމުން، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ އިންތިޚާބީ ޙައްޤުތައް ނުގެއްލޭގޮތަށް، ޑިމޮކްރެޓިކް ހަމަތަކުގެ މަތީން ކަންކަން ކުރުމަށް އަންގާފައިވާ ކަމަށެވެ. އެ އެންގުމާއި ޚިލާފަށް ހަރުކަށިކަން ދައްކައި އެއިން ކަމަކަށް އެއްވެސް ސަމާލުކަމެއް ނުދީ ޢަދާލަތު ޕާޓީގެ އިދާރާގެ ފަރާތުން ޢަމަލުކޮށްފައިވާތީ ކަމަށް ވިދާޅުވެ، އިންތިޚާބުގައި ވާދަކުރާ ކެންޑިޑޭޓުންގެ ލިސްޓުން އިކްރާމް ވަނީ ނަން ނަންގަވާފައެވެ.
އަރުޝީފަށް ނެގީ
އެންމެފަހުން އަޕްޑޭޓްކުރީ
އެންމެފަހުން އަޕްޑޭޓްކުރީ